ދެމަފިރިންވެސް ވިސްނައިލުން މުހިންމު!: ބައިވެރިޔާ ހިތްދަތިވާނެ ހުރިހާ ކަންކަން ކުރަމުން ހިނިތުންވެ ލޯބިދޭން ބުނީމާ އެކަންކުރެވޭނީ ކާކަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދެމަފިރިންވެސް ވިސްނައިލުން މުހިންމު!: ބައިވެރިޔާ ހިތްދަތިވާނެ ހުރިހާ ކަންކަން ކުރަމުން ހިނިތުންވެ ލޯބިދޭން ބުނީމާ އެކަންކުރެވޭނީ ކާކަށް ހެއްޔެވެ؟

ވަރި މިހާ ގިނަވަނީ ކީއްވެ؟ މިއީ އެންމެންހެން ކުރާ ސުވާލެކެވެ. ސުވާލަށް އެކި މީހުން ދޭނީ އެކި ޖަވާބެވެ. އެހެންވެ ވަކި ޖަވާބެއް ދޭކަށް ނެތީމެވެ. ތިރީގައިވާ ލިޔުން ރަނގަޅަށް ކިޔާލައިފިނަމަ ޖަވާބު އަމިއްލައަށް ވިސްނޭނެއެވެ. އިން ޝާ ﷲ އެނގޭ ކަމަކީ މިއީ އެންމެންވެސް ޙައްލަު ހޯދަން އެންމެ ބޮޑަށް ބޭނުންވެފައިވާ މައްސަލަކަމެވެ. 

ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިޒަމާނުގައި ގިނަ ބައަކަށް އެންމެ ބޮޑަށް ހިތުގައި ޖެއްސެނީ އަދި އަނިޔާވެރިވެވެނީވެސް ބައިވެރިޔާއަށެވެ. ބައިވެރިޔާ މާނަ މިކުރަނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަކަށް ނޫނެވެ، ދެމީހުންނަށެވެ. 

މިއީ އިޞްލާޙްކުރަންޖެހޭނެ ކަމެކެވެ. ބައިވެރިޔާގެ ހިތުގައި ޖެއްސުމަކީ ނުވަތަ ހިތްދަތިކުރުމަކީ ޒަވާޖީ ޙަޔާތަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެކަމުގެ ސަބަބުން އުފާވެރިކަން ގެއްލޭނެއެވެ. ދެމީހުންނަށެވެ. އެއިރުން އެކަކަށްވެސް ލޯތްބެއް ނުލިބޭނެއެވެ. 

ގިނަބައަކަށް އޮންނަނީ އަނިޔާވެރިކަން އޮޅިފައެވެ. އަނިޔާ މާނަކުރަނީ ހަމައެކަނި ޖިސްމާނީ އަނިޔާއަށެވެ. ޙަޤީޤަތަށް ބަލައިފިނަމަ ޖިސްމާނީ އަނިޔާއަށްވުރެ ހިތްދަތިކުރުމުން ލިބޭ އަނިޔާ މާބޮޑުވާނެއެވެ. އެކަމުންކުރާ އަސަރުވެސް މާބޮޑުވާނެއެވެ. މިއީ އައުވާހަކަތަކެއް ނޫނެވެ. އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭކަންކަމެވެ. 

ކޮންމެއަކަސް ކޮންމެ މީހަކުވެސް އެމީހެއްގެ ބައިވެރިޔާގެ ކިބައިން ބޭނުންވާނީ ހިނިތުންވުމާއި އަޅައިލުމާއި ލޯތްބާއި އޯގާތެރިކަމެވެ. އެއީ އަނބިމީހާކަމަށް ބެލިނަމަވެސް އަދި ފިރިމީހާކަމަށް ބެލިނަމަވެސްމެއެވެ. މިކަންކަމަށް ބޭނުންނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ބައިވެރިޔާގެ ކަރުގައި ހިފައި ނޭވާނުލެވޭވަރަށް ބާރުކޮށްގެންހުރެ ނޭވާލާން ބުނީމާ އެކަންކުރެވޭނެ ހެއްޔެވެ؟ ހިތްދަތިވާނެ ހުރިހާ ކަންކަން ކުރަމުން ހިނިތުންވާން ބުނީމާ އެކަންކުރެވޭނެ ހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަންކަން ހެއްޔެވެ؟ 

ކައިބޮއި ފެންވަރަން ނޫނީ ގެއަށް ވަންނަތަން ނުފެންނަ ފިރިންނަށް ހިނިތުންވާނީ ކިހިނަކުން ހެއްޔެވެ؟ މެންދަމު ހޭލެވިގެން ފިރިމީހާކަމަށް ހީކޮށް ބައްދައިލެވޭއިރު ބައްދައިލެވެނީ ބާލީހުގައި ނުވަތަ ކަންނޭލުގައިކަމަށްވާނަމަ ހިނިތުންވެވޭނީ ކާކަށް؟ ކިހިނަކުންހެއްޔެވެ؟ ފޯނުން ސިއްރުން އެމެސެޖްކުރަނީ ލޯބިވެރިއަކަށްކަން އެނގޭއިރުވެސް ހިނިތުންވެވޭނީ ކާކަށް؟ ކިހިނަކުންހެއްޔެވެ؟ 

މިހިރަ ހުރިހާ ކަންކަމަކީވެސް ހަމަ އަނިޔާއެވެ! ބައިވެރިޔާގެ ކިބައިން ހިނިތުންވުމާއި އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ބޭނުންނަމަ އަނިޔާވެރިނުވާށެވެ! ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ވިސްނައިލާށެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން