ތިމާގެ މައިމީހާ ކަމުގައިވީނަމަވެސް ތިބާގެ އަނބިމީހާއަށް އަނިޔާވެރިވެ، ނުބައިބަސްތައް ބުނާނަމަ އެކަމާއިމެދު ޙައްޤުބަސް ބުނަން ތިބާއަށް ޖެހޭނެ! އެއީ ވާޖިބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިމާގެ މައިމީހާ ކަމުގައިވީނަމަވެސް ތިބާގެ އަނބިމީހާއަށް އަނިޔާވެރިވެ، ނުބައިބަސްތައް ބުނާނަމަ އެކަމާއިމެދު ޙައްޤުބަސް ބުނަން ތިބާއަށް ޖެހޭނެ! އެއީ ވާޖިބެއް!: މުފްތީ މެންކް

ކޮންމެ ޙާލަތެއްގައިވެސް މައިންބަފައިންނަށް އިޙްތިރާމްކުރަންވާނެއެވެ. ހެޔޮކޮށްހިތަންވެސްވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެއީ މަންމަ ކަމަށްވުމުން އޭނާކުރާ ހުރިހާ ކަމަކަށް ރުހި ޤަބޫލުވެގެން ހުރުމެއް ނޫނެވެ. އަދި ކުރާހައި ކަމަށް އަނގައިން ނުބުނެ ހުރުމެއްވެސް ނޫނެވެ.

މިޘާލަކަށް ތިމާގެ މައިމީހާ ކަމުގައިވީނަމަވެސް ތިބާގެ އަނބިމީހާ އާއިމެދު އަނިޔާވެރިވެ، ނުބައިބަސްތައް ބުނާނަމަ އެކަމާއިމެދު ޙައްޤުބަސް ބުނަން ތިބާއަށް ޖެހޭނެއެވެ. އެއީ ތިބާ އަދާކުރަންޖެހޭނެ ވާޖިބެކެވެ. ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގަކަމަށް ބަލައި މައިމީހާ ކުރާހައި ކަމަކަށް ރުހިގެން، ނުވަތަ ނުރުހި ނަމަވެސް އެކަންކަން ހުއްޓުވަން ބަހެއް ނުބުނެ ހުރުމެއް ނެތެވެ. އެއީ އެއްވެސް ފިރިއަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

އިސްލާމް ދީނަކީ އިންޞާފުވެރިކަމުގެ ދީނެވެ. ވީމާ އެކަމަކީ މައިމީހާ އާއި ނުވަތަ ބައްޕައާއި ގުޅުންހުރި ކަމެއް ނަމަވެސް އަދި އަނބިމީހާ އާއި 3 މީހުންނާއި ގުޅުންހުރި ކަމެއް ނަމަވެސް ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވާނީ އިންޞާފުންނެވެ. އެކަމަކަށް އިންޞާފުން ގޮތް ނިންމައި ޙައްޤުބަސް ބުނަންވާނެއެވެ.

ޖެހިގެންއުޅޭ މައްސަލައިގައި ގޯހީ މަންމަކަމަށްވާނަމަވެސް ޙައްޤު އިހްތިރާމް އަދާކުރުމާއިއެކު މައިމީހާގާތު އެކަން ރަނގަޅުކުރަންބުނާށެވެ! އަދި އެގޮތަށް ބުނުމަކުން އެއީ މައިމީހާއަށް ނުކިޔަމަންތެރިވުން ނުވަތަ ދެރަކޮށް ހިތުން ކަމަކަށްވެސް ނުވާނެއެވެ.

މައިމީހާ މުހިންމުވާ ފަދައިން އަނބިމީހާވެސް މުހިންމުވާންޖެހޭނެއެވެ. އެހެނީ އަނބިމީހާގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނީ ތިބާއަށެވެ. އޭނާއަށް ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމާއި އަދި އޭނާ ބެލެހެއްޓުމުގެ ޒިންމާ އާއި އޭނާއަށް އުފާވެރިކަން ހޯދައިދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެވާޖިބު އަދާނުކުރުމަކީ ނަރަކައަށް ވަންނަން ޖެހޭ ސަބަބު ކަމުގައިވެދާނެއެވެ.

މަންމައަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެ ވަދެވުމަށް އޮތް މަގެއް ފަދައިން މަންމަގެ ހުރިހާ ނުބައި ކަންކަމަށް އަޅައިވެސްނުލައި ކިޔަމަންވެގެން ހުރުމަކީ ނަރަކައަށް ވަންނަންޖެހޭ ސަބަބުކަމަށްވެސް ވެދާނެކަމަށް މިބުނަނީ މި ސަބަބުތަކަށްޓަކައެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން