އެމީހެއްގެ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 2 މީހަކު ވެއެވެ.
އެއީ ކަންނެތަކަމާއިއެކު ނަމާދުކުރަން ތެދުވާ މީހާ އާއި ޚުޝޫޢަތްތެރިކަން ނެތި ނަމާދުކުރާ މީހާއެވެ. އެހެނީ ކަންނެތްކަމާއިއެކު ނަމާދުކުރަން ތެދުވާ މީހާ ނުވަތަ ނަމާދުގައި ކަންނެތްވެގެން ހުންނަ މީހަކު ނަމާދުއެކުރަނީ ކުރާ ހިތަކުން ނޫނެވެ. އަދި ޚުޝޫޢަތެރިކަން ނެތި، ޚުޝޫޢަތްތެރިވާން މަސައްކަތްނުކޮށް ނަމާދުކުރާ މީހާ އެ ނަމާދުކުރަނީ ނަމާދުކުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތިއެވެ.
ދެން ބަލައިލަންވީ ނަމާދަށް ހުރެގެން ވަށައިގެން އެނބުރި ދެފަރާތަށާއި އަދި ފަހަތަށްވެސް ބަލާ މީހުންނެވެ. މިފަދައިން ޢަމަލުކުރާ ގިނަމީހުންނަކީ ދެއްކުންތެރިގޮތުގައި ނަމާދުކުރާ މީހުންނެވެ. އެފަދަ މީހުންގެ ޙަރަކާތްތައް ވަރަށް ރީތިވާނެއެވެ. ނަމަވެސް ހިތުގައި ނަމާދަށް އެއްވެސް ސަމާލުކަމެއްތެރިކަމެއް ނުއޮންނާނެއެވެ.
މިފަދައިން ނަމާދުކުރާ މީހުންނަކީ "މުނާފިޤް ޚުޝޫޢު" ގައި ނަމާދުކުރާ މީހުންނެވެ. އެމީހުންގެ ބޭރުފުށުން ދައްކާނީ ނަމާދަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަމަށެވެ. ނަމަވެސް ހިތުން ބޭނުންވާނީ ވީހައި އަވަހަކަށް ނަމާދު ނިމުމަށެވެ. ތިބޭނީ ސަލާމްދިނުމަށް ކެތް މަދުވެފައެވެ.
ކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ތިމާގެ ކިބައިގައި މިބުނި ފަދަ ސިފަތައް ހުރިނަމަ އަވަހަށް އެ ސިފަތަކުން ސަލާމަތްވާށެވެ!
އިސްލާމީ ތިލަފަތުގެ ދަރުސަކުން