ރަމަޟާން މަހަށް ފަހުގައިވެސް ރަމަޟާން މަސް ފަދައިން އެމީހަކަށް ވެވުނު މިންވަރަކުން ދީލަތިކަން އިތުރުކުރާށެވެ! އަތްމަތި ދަތި ނިކަމެތި ޙާލުގައި ތިބި މީހުންނަށް އެހީތެރިވާށެވެ.
އެންމެ ޑޮލަރެއްގެ މިންވަރަކީ ތިބާއަށް އެއްވެސް އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ މީހަކަށް ލިބޭ އެންމެ ޑޮލަރަކީ އޭނާގެ މުޅި ޙަޔާތަށް އުފާވެރިކަން ލިބޭނެ އެއްޗަކަށްވެދާނެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ހެޔޮ ދުޢާއަކީ ތިބާގެ އާޚިރަތް ކާމިޔާބުކުރެވުމަށް މެދުވެރިވާ ސަބަބުކަމުގައިވެސް ވެދާނެއެވެ!
އެހެން އެކަން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ "ކަދުރު އޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކޮށްގެން ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށެވެ."
ރަމަޟާން މަހު އޮތީ ދީލަތިކަން އިތުރުކުރުމެވެ. ރަމަޟާން މަހު ދީލަތިވެފައި އެހެން މަސްތަކުގައި ދީލަތިނުވާނަމަ ތިބާއަކީ ދީލަތި މީހަކަށް ނުވެވޭނެއެވެ. ވީމާ ރަމަޟާން މަހު ދީލަތި ވެވުނުކަން އެއީ ރަމަޟާން މަސް ނިމުމުން ދީލަތިނުވާން އޮތް ސަބަބަކަށް ނުހަދާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން