ތަނަވަސްކަން އިތުރުނަމަ ގިނަ ބައަކު ގާތުގައި އެނބުރޭނެއެވެ. ނަމަވެސް ގިނަ ފަހަރު ކަންތައް މެދުވެރިވާ ގޮތް އެނގޭ ހެއްޔެވެ؟ މަރުވުމުން އޭނާގެ ތަނަވަސްކަން ވާރުތަވާން ތިބި މީހުންވެސް ގިނަފަހަރު އިންތިޒާރުކުރަނީ ޢޭނާ މަރުވާނެ ދުވަހަކަށެވެ. އެއީ އަވަހަށް އެތަނަވަސްކަން އެމީހުންގެ މައްޗަށް ފުރޮޅައިލުމަށެވެ.
ހިތާމައަކީ މިކަން ގިނަ ބައަކަށް ނުވިސްނޭކަމެވެ. ޢުމުރުން ދުވަސްވުމުންވެސް ތަނަވަސްކަން އިތުރުކުރަން އުޅެންހަދައިގެން ހެޔޮ ޢަމަލުތައް ނުކުރެވޭ ކަމެވެ. ތިމާގެ ތަނަވަސްކަން ތިމާއާއިއެކު ކައްވަޅަށް ނުގެންދެވޭނެކަން ރަނގަޅަށް އެނގޭއިރުވެސްމެއެވެ.
"މާތްﷲ ރުއްސުންލެއްވި أبوهريرة ވިދާޅުވިއެވެ." މީހަކު މަރުވުމުން މަލާއިކަތުން ވިދާޅުވެއެވެ. މީނާ ހިފައިގެން އައީ (ހެޔޮ ޢަމަލާ ނުބައި ޢަމަލުގެ ތެރެއިން) ކޮންކޮން އެއްޗެއްބާވައެވެ؟ މީސްތަކުން ބުނާނީ " އޭނާ ދޫކޮށްފައި ހުރީ (މުދަލުގެތެރޭގައި) ކޮން އެއްޗެއްސެއް ހެއްޔެވެ؟ " اللهم ارحمنا!
ކޮންމެ މީހަކަށްވެސް މަރުވުމުން ފައިދާކުރާނީ ގިނައިން ހެޔޮ ޢަމަލުކުރެވިފައިވާނަމައެވެ. ކުރެވުނު ނުބައި ޢަމަލުތަކަށްވުރެ ގިނައިން ހެޔޮ ޢަމަލުކުރެވިފައިވާނަމައެވެ. އެހެންވެ މިޙަދީޘްފުޅުން އެނގިގެންދަނީ މީހަކު މަރުވުމުން މަލާއިކަތުން ފުރަތަމަވެސް ކިރުއްވަވައި ލައްވަވާނީ އޭނާ ކޮށްފައިވާ ހެޔޮޢަމަލުތަކާއި ނުބައިޢަމަލުތައް ކަމެވެ.
ހަމައެއާއިއެކު މީސްތަކުން އަވަސްވެގަންނާނީ އެމީހަކު ދޫކޮށްފައި ދިއަ މުދަލަށް ވެރިވެގަތުމަށް ކަމެވެ. ވީމާ ބުއްދީގެ އަހުލުވެރިންނަށްވާނީ ވީހައި ގިނަ ހެޔޮ ޢަމަލު ހިފައިގެން ކައްވަޅަށްދާ ބައެކެވެ.
ޙަދީޘްގެ މާނަ: --ޝައިޚް ޢަބްދުﷲ ބިން ޖަނާބް