ފަށަމުންވެސް ބުނެލާނަމެވެ! ކޮންމެ ލޯތްބެއްގައި އެއްވަރަކަށް ސީރިޔަސްވެގެނެއް ކަމަކު ނުދާނެއެވެ. މިކިޔައިދެނީ އެންމެ ބޮޑަށް ސީރިޔަސްވާންވީ ލޯބީގެ ވާހަކައެވެ. މިކިޔައިޑޭ ލޯބީގައި އެންމެ ބޮޑަށް ސީރިޔަސްވެފައި ދެން ހުރި ލޯބިތައް އެއިގެ ފަހަތުން ދަރަޖަކޮށްފިނަމަ އެމީހަކު ދެރަކޮށް ހިތުގައި ޖެއްސުވޭނެ އަދި މާޔޫސްކުރުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހާގެ ހިތަށް އެއްވެސް އަނިޔާއެއް ނުލިބި ދުނިޔޭގައި އުޅެވުމަށެވެ. ހިތްދަތިކަން އިޙްޞާޞްކުރަން ނުޖެހުމަށެވެ. އެހެން ހުއްޓައި ލޯބިވެރިޔާގެ ފަރާތުން ނުވަތަ އެހެންވެސް ކޮންމެވެސް ގޮތަކުން ހިތްދަތިކަމެއް އިޙްޞާޞްކުރަންޖެހިދާނެއެވެ. އެޙާލަތުގައި ހަތަރު އުދަރެސް ފެނުޖެހި މީހާ އެބަ ދުނިޔެއިން މޮޔަވެއެވެ.
މައްސަލައެއް ނެތެވެ. ލޯބިވެރިޔާ ކަމުގައިވީނަމަވެސް ނުވަތަ ބައިވެރިޔާ ކަމުގައިވީނަމަވެސް ތިބާ އެމީހެއްގެ ލޯތްބަށް އެންމެ ބޮޑަށް އެދިއެދި ހުރިމީހާ ތިބާއަށް ފުރަގަސްދިނީއެވެ. ބޭވަފާތެރިވީއެވެ. އަނިޔާވެރިވީއެވެ. ތިބާ ދޫކޮށްލީއެވެ. ތިބާގެ ހިތަށް އަނިޔާކުރީއެވެ.
އެޙާލަތުގައި ކަންބޮޑުވެގެން ތެޅިފޮޅެން ފެށުމުގެކުރިން ވިސްނައިލާށެވެ! މުޅި ދުނިޔެ ހޯދައިބަލާށެވެ! ކޮންއެއްޗެއްހެއްޔެވެ؟ ކޮންކަމަކަށް ހެއްޔެވެ؟ ހަމައެންމެ ކަމަކަށެވެ. ހަމަ ތިބާއަށް ކުރިމަތިވި ކަންތަކަށެވެ. ހިތަށް އަނިޔާ ނުލިބޭ މީހަކު އެބަހުރިތޯއެވެ؟ ހިތަށް އަނިޔާ ނުލިބޭ މީހަކު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ހުރިނަމަ އެއީ އެމީހަކަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ.
ކޮންމެއަކަސް ތިބާ އެމީހަކު ދެކެ ލޯބިވާ ކޮންމެ މީހަކު ދެކެ ލޯބިވާންވީ މިންވަރު އެބައޮތެވެ. އެއީ އަށް އެމީހަކު ގެއްލުނަސް ، ނުވަތަ އެ ނިޢްމަތެއް ގެއްލުނަސް ކެތްތެރިވެވޭނެ ވަރަށެވެ. އެކަމާއިހެދި މޮޔަނުވެ ހުރެވޭނެ ވަރަށެވެ.
މިކަމަށް އޮތީ ހަމަ އެންމެ ޙައްލެކެވެ! ޙައްލުކުރެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ޢަމަލުކުރުމެވެ. އެއީ އަބަދުވެސް އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ތިމާއަށް ހިތް ދެއްވެވި ﷲ ތަޢާލާ ކަމުގައި ހަދައިގެން އުޅުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ހިތްހަމަޖެހުން ލިބޭ މީހަކު ކަމުގައިވުމެވެ.
ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީންސުރެ މިއަދާއި ހަމައަށްވެސް މިކަމުގައި އިތުރު އެއްވެސް ޙައްލެއް ނުވެއެވެ. ވީމާ މިއީ ދުނިޔޭގެ އެންމެން ކޮށްފައިވާ މުޖައްރިބް ތަޖުރިބާއެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން