ތިބާގެ ހިތުގަ މިފަދަ ކަންކަން އުފެދޭނަމަ ހިތުން ޙަސަދަވެރިކަން ފިލުވައިލާށެވެ! ނޫންނަމަ ތިބާ ކުރާ އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރުމަކީ ގާތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާގެ ހިތުގަ މިފަދަ ކަންކަން އުފެދޭނަމަ ހިތުން ޙަސަދަވެރިކަން ފިލުވައިލާށެވެ! ނޫންނަމަ ތިބާ ކުރާ އަޅުކަމުން އެއްވެސް ފައިދާއެއް ނުކުރުމަކީ ގާތް ކަމެއް!

ރަމަޟާން މަސް ގާތްވަމުން އައިއިރު އެންމެ ގިނައިން ދެވުނު އެއް ނަޞޭޙަތަކީ ހިތުން ޙަސަދަވެރިކަން ފިލުވާލައި ހިތްތައް ޠޯހިރުކުރުމަށެވެ. އެއީ ހިތް ޠޯހިރު ނުކުރެވި ހިފާ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ!   

މިއަހަރުގެ ރަމަޟާންމަސް ނިމިގެންދިއައީއެވެ. މިހާރުވެސް ދޭން އޮތް އެންމެ މުހިންމު އެއް ނަޞޭޙަތަކީވެސް ހަމައެއީއެވެ. ހިތުން ޙަސަދަވެރިކަން ފިލުވާލައި ހިތްތައް ޠޯހިރުކުރުމަށެވެ. ހިތް ޠޯހިރު ނުކުރެވޭނަމަ އެމީހަކު ކުރާއަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ.  

މިއީ ރަމަޟާން މަހުފަދައިން ރަމަޟާން މަހަށްފަހުގައިވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ވީމާ އެއްވެސް މީހަކަށް ތިމާގެ ހިތުގައި ޙަސަދަވެރިކަން އޮތްތޯ ބަލައި އޮތްނަމަ އެކަން ހިތުން ފުހެލައި ހިތް ސާފުކުރަން އެބަޖެހެއެވެ. ވިސްނައިލާށެވެ! އެއްވެސް މީހަކު ފެނުމުން ފޫހިވެ އުނދަގޫވޭހެއްޔެވެ؟ އެއްވެސް މީހަކަށް ނަފްރަތު ކުރެވޭ ހެއްޔެވެ؟ އެމީހަކަށް ދެރަގޮތްވުމަށް އެދެވޭ ހެއްޔެވެ؟ އެމީހަކަށް ކުރިއެރުމާ ކާމިޔާބު ނުލިބުމަށް އެދެވޭ ހެއްޔެވެ؟ 

މީހަކާއިމެދު މިފަދަ އެއްވެސް ކަމެއް ހިތަށް ވަންނަނަމަ ތިމާއަށް އެހުރެވެނީ އެމީހަކަށް ހަސަދަވެރިވެވިގެންނެވެ. އެދެވެނީ ހަސަދަވެރިވުމުގެ ފާފަ ކުރެވެމުންނެވެ. މީހަކާއިމެދު ތިބާގެ ހިތަށް މިފަދަ އެއްވެސް ކަމެއް އަރާނަމަ އަވަހަށް އެކަމުން ސަލާމަތްވާށެވެ! ފާފަވެރިވުމާއި ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާށެވެ! 

އަބަދުވެސް ބުނާފަދައިން އެއްވެސް މީހަކު ނުބައި ޢަމަލެއް ކުރާނަމަ އެކަމަށް ރުޅި އައުމަކީ ތަފާތުކަމެކެވެ. މީހަކު ނުބައި އަމަލެއް ކުރާނަމަ އެކަމަކަށް ތާއީދުކޮށްގެންވެސް ނުވާނެއެވެ. ތާއީދުކޮށްފިނަމަ އެއީ އެކަމުގައި ބައިވެރިވުމެވެ. 

ހަމައެއާއިއެކު ނުބައި ޢަމަލުތައް ކުރާނަމަ އެކުވެރިންގެ ތެރޭގައި އެމީހަކު ނުގެންގުޅޭށެވެ. އެމީހަކީ އެކުވެރިއެއް ކަމަށް ބަލައި ގުޅުން ބަދަހިކުރަންވާނީ އެމީހަކު އެކުރާ ނުބައި ޢަމަލު ކުރުން ހުއްޓައިލުމުންނެވެ. އަދި އެމީހަކާއި ދުރުހެލިވާންވާނީ އެމީހަކަށް ނަޞޭޙަތް ދިނުމުންވެސް އިޞްލާޙް ނުވި ނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން