މީސްތަކުން ކިޔަމަންތެރިވެގެން ތިބެދާނެއެވެ. އެއިގެ މާނައަކީ އެމީހުން ރުހިގެން ތިބުމެއް ނޫނެވެ. އަދި އެމީހަކު ދެކެ ލޯބިވުމެއްވެސް ނޫނެވެ. އެހެންކަމުން ވިސްނައިލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.
ވަރަށް މަތީ މަޤާމެއްގައި ހުރި މީހަކަށްވެސް ވެދާނެއެވެ. ވަރަށް ބޮޑު ތަނަވަސްކަމެއް ލިބިފައިވާ މީހަކަށްވެސް ވެދާނެއެވެ! އެކަމަކު ގޯސްތަކެއް ހެދެނީއެވެ. މީސްތަކުންގެ ނަފްރަތުލިބެން ފަށަނީއެވެ. ރުހޭ މީހުންނާއި ތާއީދުކުރާ މީހުން މަދުވަނީއެވެ.
މިފަދަ ޙާލަތު ގިނައިން ދިމާވަނީ އެމީހަކު ކުރާ ނުބައި ޢަމަލުތކުގެ ސަބަބުން ﷲ ތަޢާލާ އެމީހަކާއިމެދު ރުހޮޑިނުގަތުމުންނެވެ. މީހަކު ހެޔޮ ޢަމަލުތައްކޮށް ރަނގަޅު ގޮތުގައި އުޅޭނަމަ އެމީހަކަށް ރުހިވޮޑިގަންނަވާ ފަދައިން ނުބައި ޢަމަލުތައްކޮށް ނަހީކުރެއްވެވި ކަންކަމަށް އަރައިގަންނަނަމަ ރުހިވޮޑިނުގަންނަވާނެތެވެ.
މީހަކަށް ރުހިވޮޑިގަތުމުން އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. ޖިބްރީލްހެފާނު އެކަން އުޑުތަކުގައި އިޢުލާނުކުރައްވަވަތެވެ. ހުރިހާ މަލާއިކަތުންނަށްވެސް އަންގަވަތެވެ. އެހިސާބުން މީސްތަކުންގެ ތާއީދާއި ރުހުން އެމީހަކަށް ލިބިގެންދެއެވެ. ހަމައެފަދައިން މީހަކާއިމެދު ރުހޮޑިނުގަތުމުންވެސް މިބުނި މަގުން ކަންކަން ހިނގައެވެ. އެހިސާބުން މީސްތަކުންގެ ނަފްރަތު އެމީހަކަށް ލިބެންފަށައެވެ.
ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. ކޮންމެ މީހަކު ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! މިރަމަޟާން މަސް ނިމިގެންދާއިރު ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވެވި އެކަން އުޑުތަކުގައި އިޢުލާނު ކުރެވިގެންދާނެ އަޅަކަށްވާން މަސައްކަތްކުރާށެވެ! ﷲ ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން