އެމީހަކަށް ކުރެވުނު އެންމެ ކުޑަކުޑަ ހެޔޮ ޢަމަލުގެ ސަބަބުން ނަރަކައިން ސަލާމަތްވެވޭނެ މީހުން ގިނަވާނެ! މިކިޔައިދެނީ އެކަމުގެ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެމީހަކަށް ކުރެވުނު އެންމެ ކުޑަކުޑަ ހެޔޮ ޢަމަލުގެ ސަބަބުން ނަރަކައިން ސަލާމަތްވެވޭނެ މީހުން ގިނަވާނެ! މިކިޔައިދެނީ އެކަމުގެ ސަބަބު!

ތަނަވަސްކަން ހުންނަ މީހުން ކުދިކުދި ވިޔަފާރިތަކަކަށް ނުވިސްނާނެއެވެ. އެއީ އެމީހުންކުރާ ބޮޑެތި ވިޔަފާރިތަކުން ހިތްފުރޭވަރަށް އާމަދަނީ ލިބި އުފަލުގައި އުޅެވޭތީއެވެ. އެމީހުންގެ އެކައުންޓަށް ކޮންމެ މަހަކުވެސް ބޮޑެތި ޢަދަދުތަކުން ފައިސާޖަމާވާކަން އެމީހުންނަށް އެނގޭތީއެވެ.  

އެހެނަސް އަހުރެމެން ކުޜާ ހެޔޮ ޢަމަލުތަކާއިމެދު މިގޮތަށް ވިސްނައިގެން ނުވާނެއެވެ. މިބުނަނީ ހަމައެކަނި ބޮޑެތި ހެޔޮ ޢަމަލުތައް ކުރަން ވިސްނައިގެން ނުވާނެ ވާހަކައެވެ. ފުރަތަމަ ކަމަކީ ކުރެވޭ ފާފަތަކުގެ ސަބަބުން މީޒާނުގައި ފާފައިގެ ކޮޅަށް ބުރަވާނެ މިންވަރު ނުއެނގޭތީއެވެ. ދެވަނަ ކަމަކީ ކުރެވޭ ހެޔޮ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރަށް ކުރެވެނީ ކިތައް ޢަމަލުކަންވެސް ނުއެނގޭތީއެވެ.  

ވީމާ މިދައްކަނީ ސުވަރުގެ ލިބުމަށް އެދޭމީހާ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއްގެ ވާހަކައެވެ.  

މުސްލިމުންނަށް ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ ﷲ ތަޢާލާގެ އޯގާތެރިވަންތަކަމާއި ދީލަތިވަންތަކަމެވެ. ﷲ ތަޢާލާއީ ތިބާ ހެޔޮ ނިޔަތުގައި ﷲ ތަޢާލާގެ މަގުގައި ކުރާ ކަންކަމަށް ޖަޒާދެއްވެވުމުގައި ދީލަތިވަންތަ އިލާހްއެވެ. އެހެންވެ ތިބާގެފުށުން ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެއްޖެނަމަ ވަޤުތުން އެކަންކަމަށް ޢަފޫކުރައްވަވައެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ ސުވަރުގެ ވެއްދެވުމަށް ކަމަށްވާތީއެވެ.  

މީހަކަށް ހެޔޮކަމެއް ކޮށްދިނުމުންނާއި ކުއްތާއަކަށް ފެންދިނުމުންނާއި ﷲ ތަޢާލާގެ މަގުގައި ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެމީހެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން ޞަދަޤާތް ދިނުމުންވެސް ސުވަރުގެ ވައްދަވާކަން ޙަދީޘްފުޅުތަކުން އެނގެން އެބަހުއްޓެވެ. ވީމާ އަހުރެމެންނަށް އޮތީ ޝަރީކުނުކުރުމާއި ނަމާދުކުރުމާއި އެހެންވެސް ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ.  

އެހެންވީމާ ކިތަންމެ ކުޑަ ކަމެއްވިޔަސް އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ، ޘަވާބު ދެއްވަވާނެ ޢަމަލެއް ނުކޮށް ދޫކޮށްނުލާށެވެ! އެކުޑަކުޑަ ޢަމަލަކީ ތިބާ ސުވަރުގެ ވައްދަވާ ޢަމަލުކަމުގައިވެދާނެއެވެ. މިހެން ބުނީމާ އެކަން ޤަބޫލުކުރަން އުނދަގޫވާނެ ބައަކުވެސް ތިބޭނެތީ އެކަން މެދުވެރިވާނެ ގޮތުގެ މިޘާލެއްވެސް ބުނެދޭނަމެވެ.  

ތިބާގެ ޢަމަލުތައް މީޒާނުގައި ކިރިގެންދަނީއެވެ. ނުބައި ޢަމަލުތަކުގެ ކޮޅަށްވެސް ބުރަވަމުންދަނީއެވެ. ސުވަރުގެ ވަދެވެން އޮތީ ވަރަށް ކުޑަކުޑަ މިންވަރަކުން ނަމަވެސް ހެޔޮކަމުގެ ކޮޅަށް ބުރަވެލައިގެންނެވެ. އެޙާލަތުގައި މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލައިދޭ ކަމަކީ ތިބާ ކުރި ވަރަށް ކުޑަކުޑަ ޢަމަލުކަމުގައިވެސް ވެގެން ހިނގައިދާނެއެވެ. އެއިރުން ފެނިގެން އެދަނީ މިބުނިބަހުގެ ތެދުކަމެވެ.  

ހެޔޮ ޢަމަލެއް ކުރަން ފުޞަތު ލިބިއްޖެނަމަ ކިތަންމެ ކުޑަކުޑަ ޢަމަލެއްވެސް ނުކޮށް ދޫކޮށްނުލަންވީ އެ ސަބަބަށްޓަކައެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެއީ ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ޤަވާޢިދުން ކުރެވޭ ޢަމަލުކަންވެސް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ސުވަރުގެ ވައްދަވާ އަޅުކަމުގައިވުމަށް މަސައްކަތްކުރުމަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

މިއަދު އޮންލައިން