ތިރީގައިވާ ލިޔުން ޚާއްޞަ މިކުރަނީ ދިރިއުޅެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުން މަޖުބޫރުވެގެން 2 ރަށެއްގައި ގިނަ ދުވަސްތަކެއްވަންދެން ތިބެންޖެހޭ ފިރިހެނުންނަކަށް ނޫނެވެ. އެކުގައި ދިރިއުޅެމުންވެސް އަނބިންނަށް އިހްމާލްވާ ފިރިހެނުންނަށެވެ.
"ޔާ ﷲ! އިނބަ ﷲ އަށް މިއަޅާ ބިރުވެތިނުވާނަމަ މިއެނދު ތެޅުވޭނެއެވެ!"
މިއީ ޢުމަރުގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރުގައި ރޭގަނޑު ދަންވަރު ގިނިކަންޏާ މީސްތަކުންގެ ޙާލު ބެއްލެވުމަށް ރަށުތެރޭގައި ހިންގަވަނިކޮށް އިވިވަޑައިގެންނެވި އަޑެކެވެ. އޭނާ އެބުނަނީ ﷲ ތަޢަލާއަށް އޭނާ ބިރުވެތިނުވާނަމަ އޭނާއަށް ޒިނޭކުރެވޭނެ ވާހަކައެވެ.
އޭނާ ގާތު ފިރއަކާއި ނުލައި ކެތްކުރެވޭނީ ކިހައި ދުވަހަކުތޯ ޢުމަރުގެފާނު ސުވާލުކުރެއްވެވުމުން ޖަވާބުގައި 3 މަސް ކަމުގައި ދެންނެވިކަމުގައިވެއެވެ. އަދި ބޭރު ޤައުމުތަކަށް ފޮނުއްވަވާފައިތިއްބެވި ބޭކަލުން ކޮންމެ 3 މަހަކުން އަނބުރައި ގެންނެވުމަށް ނިންމެވި ސަބަބެއްކަމަށްވެސް ވަނީ އޭނާ ދެންނެވި ވާހަކަތަކެވެ. އެހެނަސް މިއަދު ފިރިންނަށް މިކަންކަން ވިސްނޭހެއްޔެވެ؟
ކޮންމެއަކަސް ގިނަ ފިރިންނަށް ހީކުރެވިފައި އޮންނަނީ އަނބިން ބަސްއަހައިގެން ގޭގައި ތިބެނީ އެމީހުންގެ ފިރިންނަށް އެވަރަށް ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުބައިކަންބޮޑު ކުށްހީއެކެވެ. ފިރިހެންކުދިން ބާލިޣްވުމުގެ 2،3 އަހަރުކުރިން އަންހެންކުދިން ބާލިޣްވެއެވެ. ވީމާ ބައެއް ފިރިހެނުން އުޅޭފަދައިން ނުބައި ގޮތްގޮތަށް ނުއުޅެ އަނބިން ކެތްތެރިވަނީ އެމީހުން ފިރިންނަށް ބޭނުންނުވާތީއެއް ނޫނެވެ. ކެތްތެރިވާން މަސައްކަތްކުރާތީއެވެ. އެސިފަ އަންހެނުންގެ ކިބައިގައި ވަނީ ލައްވަވައިފައެވެ. އަދި ބޭނުންވާ އަނހެނަކަށް އިތުރުކޮށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
ނިކަން ވިސްނައިލަބަލާށެވެ! އަނބިންގެ ގާތުގައި ނިދަމުން އަނބިންނާއިއެކު އެއްދާން ނުކޮށް އެތައް މަސްތަކެއް ދުއްވައިލާ ފިރިހެނުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟
މިބާވަތުގެ ވާހަކައެއް މިދެއްކީ ދެމީހުންގެ މެދުގައި ހުރި މިފަދަ މައްސަލަތައް އަވަހަށް ޙައްލުކުރަން ބުނުމަށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދާށެވެ. ކޮޅަށް ހުރެވޭނީ ބަނޑުފުރާނަ މުއްތިކޮށްގެން ފަދައިން ޒަވާޖީ ޙަޔާތުގެ ގުޅުން އޮންނަންވާގޮތަށް ދެމިއޮންނާނީވެސް އަދި އަޅުކަންކުރެވޭނީވެސް ހަށިގަނޑަށް ބޭނުންވާ ކަންކަން ފުރިހަމަވުމުންކަން ދެމަފިރިންވެސް ޤަބޫލުކުރަންވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
(ދަރުސްގައި އިން ޢިބާރާތަކުން އޮޅުންއަރައިފާނެތީ ދަންނަވަމެވެ. މިއީ ޝައިޚް މީގެ 7 ދުވަސްކުރިން ދެއްވާފައިވާ ދަރުސެކެވެ.)