ދުނިޔޭގެ ޙަޔާތުގައި އެންމެ ބޮޑަށް ސަމާލުކަންދޭން އޮތީ އާޚިރަތް ހޯދަން މަސައްކަތްކުރުމަށެވެ. އެހެންވެ ބައެއް މީހުން ހެޔޮ ޢަމަލުތައް ކުރަމުންވެސް ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާ ކަންކަން އެބަ ކުރެއެވެ. އެފަދަ ސިފަތައް ގައި އެބަ ހަރުލައްވައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ.
ދުނިޔޭގައި ވަރަށް ތަފާތު މީހުން އުޅެއެވެ. މީހުންގެ ތަފާތު ގިނަބައަކު ފާހަގަކުރާނީ އެނާ ހުންނަ ސިފައަކުން ނޫނެވެ! އޭނާގެ ޢަމަލުތަކުންނެވެ. އެމީހެއްގެ ޢަމަލުތައް އެހެން މީހުންވެސް ބަލައިގަންނަ ގޮތަށް އިޞްލާޙްކުރަން ބުނެވެނީ އެހެންވެގެންނެވެ. އެކަމުގެ މުހިންމުކަން ބޮޑުވަނީވެސް އެހެންވެގެންނެވެ.
މިއަދު ފާހަގަކޮށްލަން މަސައްކަތް މިކުރަނީ މީސްތަކުންގެ ތެރެއިން އެންމެ ނުބައި ނުލަފާ މީހާއެވެ. އެންމެ ނުބައި ނުލަފާ މީހާކަމަށް އަހަރެން ޤަބޫލުކުރާ މީހާ ދެކެ ހުރިހާ ދީނެއްގެ މީހުންވެސް ނަފްރަތުކުރެއެވެ. އަދި އެސިފަ ހުންނަ މީހަކީ އެންމެ ނުބައި ނުލަފާ މީހާކަމަށްވެސް ޤަބޫލުކުރެއެވެ.
އަދި ކީއްހެއްޔެވެ؟ އެމީހާދެކެ ﷲ ތަޢާލާވެސް އިންތިހާއަށް ކޯފާވެވޮޑިގެންވެއެވެ. އެފަދަ މީހަކު ސުވަރުގެވެސް ނުވައްދަވަތެވެ! ސުވާލަކީ އެއީ ކާކުހެއްޔެވެ؟ އެއީ ކޮން ސިފަތަކެއް ހުންނަ މީހެއް ހެއްޔެވެ؟
އެއީ އަހަރެން މިބުނާ އެންމެ ނުބައި ނުލަފާ މީހާއެވެ! ކިބުރުވެރި، ބޮޑާ، ރުޅިގަދަ، ރުޅި އައުމުން ޖަނަވާރުން ފަދައިން މީސްތަކުންގެ ހަށިތަކަށް އަރައިގަންނަ މީހާއެވެ. އެހެން މީހުންނަށްވުރެ ތިމާއަކީ މާމޮޅު، މާބާރުގަދަ މީހެއްކަމަށް ޤަބޫލުކޮށްގެން އުޅޭ މީހާއެވެ. އެހެން އިންސާނުންނަކީ އެއްވެސް ބައެއް ނޫންކަމަށް ޤަބޫލުކޮށް ބޮޑާވެގެން އުޅޭ މީހާއެވެ
އެމީހުންނަކީ އެއްވެސް ކަމައްގެ ޙަޤީޤަތް ޤަބޫލުކުރާނެ މީހެއް ނޫނެވެ. އަބަދުވެސް ޤަބޫލުކުރާނީ އެމީހާއަށް ޤަބޫލުކުރެވޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ކިތަންމެ ބޮޑު ކުށެއް ކުރެވުނު ނަމަވެސް މާފަށް އެދެން ވެސް ބޭނުމެއް ނުވާނެއެވެ.
މީސްތަކުންނޭވެ! މިފަދަ ސިފަތައް ހުންނަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ވަނީ ހިތްދަތިކަމެވެ. ދުނިޔޭގައި މީސްތަކުންގެ ލޯތްބެއް ނުލިބޭނެއެވެ! އަމިއްލަ އަނބިދަރިންނާއި ޢާއިލާގެ ލޯބިވެސް ނުލިބޭނެއެވެ. އަދި ޤުރްއާނާއި ޙަދީޘުން އެނގެން އޮތީ އެފަދަ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން