މިހާރަކަށް އައިސް އެންމެ ބޮޑު އެއް މައްސަލައަކަށްވެފައި މިއޮންނަނީ ދޮންބައްޕަ ނުވަތަ ދޮންމަންމަގެ ސަބަބުން ދަރިންނަށް އަނިޔާ ލިބުމެވެ. ކުދިންނަށް ހިތްދަތިކަން ލިބުމެވެ.
ދޮންބައްޕަނަމަވެސް ދޮންމަންމަ ނަމަވެސް ކުޑަކުއްޖަކަށް އަނިޔާވެރިވުމެއް ނެތެވެ. އެކުދިންގެ ހިތުގައި ޖެއްސުމެއް ނެތެވެ. އެފަދަ ޢަމަލުތައް ކުރާނަމަ އެމީހަކު ހިމެނޭނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރޭގައެވެ. އެހެންކަމުން މިއުޅެނީ އެމީހުން ދިފާޢުކުރާކަށް ނޫނެވެ. މަސައްކަތް މިކުރަނީ މައްސަލައިގެ އަޞްލަށް ވާހަކަ ދައްކައި ހޭލުންތެރިކަން އިތުރުކުރުވޭތޯއެވެ.
ފުރަތަމަ ކަމަކަށް ބަލައިލަންވީ ދަރިން ލިބުމުން ދެމަފިރިންނަށް ވަކިވާންޖެހުނު ސަބަބަށެވެ. އެސަބަބަކީ ކައިވެނިކުރިއިރު އެކެއްގެ ކިބައިގައި ނެތް ނުބައި ކަމެއް ކައިވެނިކުރިފަހުން ކުރިމަތިވުމުން ކަމަށްވާނަމަ އެކަމުގައި އަނެކާއަށް ކުރެވޭނެ ކަމެއް ނެތެވެ.
މިދައްކަނީ މަސްތުވާ ތަކެތި ބޭނުންކުރުން، ފާޙިޝް ޢަމަލުތައްކުރުން ފަދަ ކަންކަމުގެ ވާހަކައެވެ. ބައިވެރިޔާ އެފަދަ ނުބައި ކަންކަންކުރަން ފެށީ ދަރިން ލިބުނު ފަހުން ކަމަށްވާނަމަ އަނެކާއަށް ކުރެވޭނެ ކަމެއް ނެތެވެ. އަނެކާގެ ކުށެއްވެސް ނެތެވެ.
ނަމަވެސް ކައިވެނިކުރިއިރުވެސް ބައިވެރިޔާގެ ކިބައިގައި ހުރި ނުބައި ސިފައަކުން އެކުގައި ނުއުޅެވިގެން ދެމީހުން ވަކިވާން ޖެހިއްޖެނަމަ އެކަމުގައި އަނެކާގެ ކުށް އެބައޮތެއެވެ. އެއީ އެނގިހުރެ އެފަދަ މީހަކާއި ކައިވެނިކުރީތީއެވެ.
ދެން ބަލައިލަންވީ ގޯސްވި މީހާއަށެވެ. ކައިވެނި ރޫޅި، އެހެން މީހެއްގެ (ދޮންބައްޕަ ނުވަތަ ދޮންމަންމަގެ) އަތްމައްޗަށް ދާން ކުދިންނަށް އެޖެހުނީ ގޯސްވި މީހާގެ ސަބަބުން ނޫންހެއްޔެވެ؟ އެއީ ކުއްޖާގެ މަންމަ ނުވަތަ ބައްޕަކަމަށްވީނަމަވެސްމެއެވެ. އޭނާ އޭނާގެ ދަރިންނަށް ނުވިސްނުމުން ނޫން ހެއްޔެވެ؟ ވީމާ އެކަން އަހުރެން ސިފަކުރާނީ ދަރިންނަށް އެމީހަކު ދޭ އަނިޔާގެ ގޮތުގައެވެ.
ލޮބުވެތި އެކުވެރިންނޭވެ. ރަނގަޅު މީހުން މަދުވެއްޖެކަމަށް އެންމެންވެސް އެބަ ޤަބޫލުކުރަމުއެވެ. ވީމާ މަންމައަސްވެސް އަދި ބައްޕައަށްވެސް އޮތީ ތިމާގެ ދަރިން އެހެން މީހެއްގެ އަތްމައްޗަށް ނުދާނެ ގޮތަކަށް ވިސްނައިގެން ދިރިއުޅުމެވެ. ދަރިން ލިބުމަށްފަހު އެންމެ މުހިންމު ކަމަކީ ތިމާގެ އަމިއްލަ އުފާތައް ނޫންކަމާއި ދަރިންނަށް އުފާވެރިކަން ހޯދައިދިނުން ކަމަށް މަންމައާއި ބައްޕަ (ދެމީހުން އެކުގައި) ޤަބޫލުކޮށްގެން ނޫނީ މައްސަލައަށް ޙައްލުހޯދޭނެ ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ.
ދެން އޮތީ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ މަރުވެގެން ދެވަނަ ކައިވެންޏެއް ކުރަންޖެހުމެވެ. އެޙާލަތުގައި ކުދިންނަށް އަނިޔާވެރިވާ މީހަކާއި އެއީ ނުބައި އަނިޔާވެރިއެއްކަން ނުއެނގިހުރެ ކައިވެނިކުރެވުމަކުން އެކަމުގައި ކުށެއް ނެތެވެ. ނަމަވެސް އެކަން އެނގޭ ހިސާބުންވެސް ފިޔަވަޅު ނުއަޅައި އެމީހަކާއިއެކުގައި އުޅޭނަމަ އެކަންވާނީ ދަރިފުޅަށް އަނިޔާވެރިވުން ކަމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން