އަމީރު މުޢާވިޔާތު 27: ޢިލްމުވެރިންގެ ރަޢުޔު ހޯއްދެއްވުމާއި ކޯފާމަޑުކަން

ކިޔުމަށް ހޭދަވާނީ 2މ 27ސ
އަމީރު މުޢާވިޔާތު 27: ޢިލްމުވެރިންގެ ރަޢުޔު ހޯއްދެއްވުމާއި ކޯފާމަޑުކަން

ޢަލީ އިޙްޞާން ފިރާޤް '

 

ޢިލްމުވެރިންގެ ރަޢުޔު ހޯއްދެވުން: 

މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު އެކަލޭގެފާނަށް ކަންތައްތަކުގައި މަޝްވަރާ ދެއްވައެވެ. ޚުދު މުޢާވިޔަތުގެފާނުވެސް ޢާއިޝަތުގެފާނަށް ސިޓީ ލިޔުއްވައިގެން އެކަމަނާގެ ނަޞޭޙަތްޕުޅުތައް ހޯއްދަވައެވެ.

އެގޮތުން އެއްފަހަރަކު މުޢާވިޔަތުގެފާނު، ޢާއިޝަތުގެފާނަށް ލިޔުއްވި ސިޓީފުޅެއްގެ ވާހަކަ އިމާމު ތިރުމިޒީ ރިވާ ކުރައްވައިފައިވެއެވެ. މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ ސިޓީފުޅުގައި ލިޔުއްވައިފައިވެއެވެ.

[ތިމަންކަލޭގެފާނަށް ނަޞޭހަތެއް ލިޔުއްވައިފައި ފޮނުއްވައި ދެއްވާށެވެ. ނަމަވެސް އެހާ ދިގު ނުކުރައްވައްޗެވެ.]

ޢާއިޝަތުގެފާނު ލިޔުއްވިއެވެ.

[ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވި އަޑު ތިމަންކަމަނާ އެހީމެވެ. މީސްތަކުންގެ ނުހުރުމުގައިވެސް މާތްﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކު ދަންނާށެވެ. މާތްﷲ އޭނާ މީސްތަކުންގެ ކިބައިން ރައްކާތެރި ކުރައްވާނެއެވެ. އަދި މާތްﷲ ރުހިވޮޑިނުގަންނަވާ ގޮތަށް އަމަލުކޮށް، މީސްތަކުންގެ ރުހުން ހޯދަން މަސައްކަތް ކުރާމީހަކު ދަންނާށެވެ. ފަހެ މާތްﷲ އޭނާ ކަންތައް އެމީސްތަކުންނާ ޙަވާލުކުރައްވަވާނެތެވެ.] {جامع الترمذي،كتاب الزهد عن رسول الله صلى الله عليه وسلم،2414}

ކޯފާމަޑުކަން

މުޢާވިޔަތުގެފާނަކީ ކޯފާ މަޑު ޙިލްމުވެރިއެކެވެ. އެއްފަހަރަކު މުޢާވިޔަތުގެފާނުގެ އަރިހަށް ރިދާކޮޅުތަކެއް ގެނެވުނެވެ. އެކަލޭގެފާނު އެ އެންމެހައި ތަކެތި ޝާމުކަރައިގެ މީސްތަކުންގެ މެދުގައި ބައްސަވާ ހުސްކުރެއްވިއެވެ. މިދެންނެވި ތަނުން ރިދާ ލިބުނު މީހުންގެ ތެރޭގައި ވަރަށް މުސްކުޅި ފިރިހެނަކުވެސް ހިމެނުނެވެ. އޭނާ އަށް ލިބުނު ރިދާއާ މެދު އޭނާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އޭނާ ހުވާކުރީ އެ ރިދާއިން މުޢާވިޔަތުގެފާނުގެ އިސްތަށިފުޅުގައި ޖެހުމަށެވެ.

މުޢާވިޔަތުގެފާނަށް އެވާހަކަ އިވިވަޑައިގެން އެ މުސްކުޅި މީހާ ގެންނަވައި ވިދާޅުވިއެވެ. [އޭ އަޚާއެވެ. އަޅުގަނޑުގައިގައި ޖަހައިފައި ކަލޭގެ ހުވާ ފުރިހަމަ ކުރާށެވެ. ނަމަވެސް ޖަހާއިރު މަޑުމަޑު އޯގާތެރިކަމާއެކު ޖަހާށެވެ. އެހެނީ ކަލޭފަދައިން ތިމަންކަލޭގެފާނަކީވެސް އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހަކީމެވެ.] {ޙިލްމު އެ މުޢާވިޔާ ލި އިބްނު އަބީ ދުންޔާ، ޞަފްޙާ 27}

އެއްފަހަރަކު އަމީރު މުޢާވިޔަތުގެފާނުގެ ދަރުބާރަށް މީހަކު އައިސް އެކަލޭގެފާނަށް ވަރަށް ހުތުރުބަހުން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭނާގެ ވާހަކައަށް މުޢާވިޔަތުގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަނުއިންނެވިއެވެ. މިތަން ދެކެ އެތަނުގައި ހުރި މީހަކު މުޢާވިޔަތުގެފާނަށް ދެންނެވިއެވެ.

[ކަލޭގެފާނު ބޭނުންފުޅުނަމަ އޭނާއަށް ވަރުގަދަ އަދަބެއް ދެއްވިދާނެއެވެ.]

މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނުގެ ރަސްކަމުގެ ދަށުގައިވާ މީސްތަކުންގެ ތެރެއިން މީހަކަށް ކުށެއްކުރެވުމުން، އެކަން ބަރުދާސްތު ނުކުރެވި ދާނެތީ ތިމަންކަލޭގެފާނު ބިރުގަނެއެވެ.]  {ޙިލްމު އެ މުޢާވިޔާ ލި އިބްނު އަބީ ދުންޔާ، ޞަފްޙާ 22}

މިއަދު އޮންލައިން