ޒަމާން ފަސްވެ ފާފަކުރުން މިހައި ގިނަވެފައިވާއިރުވެސް މީހުން ކުރާ މިހާރުވެސް ޢިޖާބަކުރައްވަވާނެތޯ؟
މިފަދަ ސުވާލުތައް އުފެދެނީ ޒަމާން ފަސްވުމަކުން ނޫނެވެ. އަހުރެމެންނަށް ދީނާއި ދުރަށް ދެވޭތީއެވެ. ޒަމާން ފަސްވުމުން މީސްތަކުން ކުރާ ދުޢާ ވަޤުތުން މިހާރުވެސް ޢިޖާބަކުރައްވަވާ ކަމަށް ޤަބޫލުކުރަން އުނދަގޫވާ ބައަކު އުޅެނީ އެހެންވެގެންނެވެ.
އެއްވެސް މީހަކު ކުރާ ހުރިހާ ދުޢާއެއް އެއްވެސް އިރެއްގައި ވަޤުތުން ފުއްދަވައި ދެއްވެވިކަން އިސްލާމީ ތާރީޚުންވެސް އެނގޭކަށް ނެތެވެ. އަހުރެމެންގެ ލިބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ބައެއް ދުޢާފުޅުތައްވެސް ވަޤުތުން ޢިޖާބަ ނުކުރައްވަވައި (ޢިޖާބަކުރެއްވެވުން ލަސްވެފައި) އެބަހުރިކަން ސިޔަރަތުން އެނގެއެވެ. ވީމާ އެކަމުން އެނގެނީ އެއީ ވަކިމީހަކަށް ނުވަތަ ވަކި ޒަމާނަކަށް އޮތްކަމެއް ނޫންކަމެވެ.
މީސްތަކުންނޭވެ! ޝަރުޠުތައް ހަމަކޮށް ދުޢާކުރުމަށްފަހު ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ތިބޭށެވެ! އެމީހަކަށް އެކަމަކުން އެންމެ ފައިޑާހުރި ވަޤުތުގައި ޢިޖާބަކުރައްވަވައި އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. ނުވަތަ ބަދަލުގައި އެމީހަކަށް މާފައިދާހުރި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަޅުގަނޑުގެ މަންމައަކީ އަބދުވެސް ބޭރުން ވަދެފައި ތަޅުދަނޑިފަތި އެކި ތަންތަނުގައި ބޭއްވޭ އަންހެނެކެވެ. އެކަމަށް ސަމާލުކަން ދޭން އުޅުނަސް އެކަން ކުރެވޭ ކަމަކަށް ނުވެއެވެ. އެހެން އެވަނީ މަންމަގެ ވިސްނުމުގައި ހުންނަ ކަންތައްތައް ގިނަކަމުން ކަމަށްވެސް ވެދާނެއެވެ.
އެއްދުވަހަކު އެގޮތަށް ދިމާވެގެން ހޯދަހޯދައިވެސް ތަޅުދަނޑިފަތްޗެއް ނުފެނުނެވެ. އެއިގައި ކާރު ތަޅުދަނޑީގެ އިތުރުން ގޭގެ ތަޅުދަނޑިތައްވެސް ހުންނާނެތީ ކަންބޮޑުވެގެން ދެމައިންވެގެން މުޅި ގެ ހޯދަހޯދައިވެސް ނުފެނުނެވެ.
ކަންބޮޑުވީވަރުން ދެމައިންވެސް މެންދުރުނަމާދުގައި ދުޢާކުރީމެވެ. ކުރި ދުޢާއަކީ އިންނާލިﷲ ވައިންނާއިލައިހި ރާޖިޢޫން މިދުޢާއެވެ. ކުރިން އެވާހަކަ ނުދެއްކުނު ނަމަވެސް ދެމައިންނަށްވެސް ކުރެވުނީ އެދުޢާއެވެ.
ކޮންމެއަކަސް ނަމާދުން ފޭބިތަނުން އެދުވަހު ބޮޑުދައިތަ ގެއަށް އައިކަން ހަނދާންވެއްޖެއެވެ. އޭނާ ގޭގައި މަޑުކުރީ ދާދި ކުޑަކުޑަ އިރުކޮޅަކުއެވެ. އަދި ބޮޑުދައިތަގެ ކަންކަން ހުންނަ ގޮތުނަ އެފަދަ ސުވާލެއް ކުރުމަކީވެސް ބޮޑުކަމެކެވެ. އެހެންކަމާއިއެކުވެސް ބޮޑު ދައިތައަށް ގުޅައި ވަރަށް އަދަބުވެރިކަމާއިއެކު ބޮޑުދައިތަ ގާތުގައި އެވާހަކަ ދެއްކުމުން ދަބަސް ޗެކްކޮށްލާފައި ބުނީ ތަޅުދަޑިފަތި ދަބަހަށް ލައިގެން ގެންދެވިފައިވާ ކަމަށެވެ.
ތަޅުދަނޑިފަތި ފެނުނީއެވެ. ﷲ ދެއްކެވީއެވެ. ކުރި ދުޢާ ޢިޖާބަކުރެއްވެވީއެވެ. މިވާހަކަ މިކިޔައިދިނީ އެ ދުޢާއަކީ އެއްޗެތި ގެއްލިގެން ހޯދަން ކުރަން އޮތް ދުޢާއެއް ކަމަށް ބުނާކަށް ނޫނެވެ. އެދުޢާކުރީވެސް އެހެންވެގެންނަކުން ނޫނެވެ. ހިތްދަތިކަމާއި ކަންބޮޑުވުން ލިބޭ ވަޤުތުތަކުގައި އެދުޢާކުރަން ޢިލްމްވެރިން ވިދާޅުވާތީއެވެ.
(މިއީ އަލަށް އިސްލާމްވެ، އިސްލާމް ދީނަށް ޚިދުމަތްކުރަމުން ގެންދާ އަންހެނަކު އޭނާގެ ވެބްސައިޓުގައި ލިޔެފައިވާ ވާހަކައެކެވެ.!)