ނިމި ދިޔަ ދިރާސީ އަހަރުގެ ޗުއްޓީއަށް ފަހު، މި ވަނީ ތަޢުލީމީ އައު އަހަރެއް ފެށިފައެވެ. މި އަހަރަކީ ތަޢުލީމާއި، ތަރުބިޔަތާއި، ހޭލުންތެރިކަމުގެ ރޮނގުން ކުރިއަރައިދާނޭ ބަރަކާތްތެރި، އަހަރެއްކަމުގައި މާތް الله ލައްވާށިއެވެ! ދަރީންގެ ތަޢުލީމާއި ތަރުބިޔަތަށް ޓަކައި، މައިންބަފައިންނާއި، މުދައްރިސުންނާއި، ތަޢުލީމީ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް މާތް اللهގެ މަދަދާއި، ތައުފީޤު މިންވަރުކުރައްވާށިއެވެ! އާމީން!
އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅުންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވ[1] މާނައީ: "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."
މާތް الله ގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ مُـحَمَّدٌ z ތަޢުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިއެވެ. ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމުތައް، ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި، އައު އެތައް އީޖާދެއް ކޮށް، ފޮތްތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރިއެވެ. މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ. ސިކުނޑިތައް ހުޅުވުނެވެ. އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމުވިއެވެ.
މި ފެށުނު ދިރާސީ އަހަރު، ތިޔަ ކުދީންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ! ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ. އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެކެވެ. ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައެވެ.
މައިންބަފައިންނާއި ދައުލަތުން، ތިޔަކުދީންގެ ތައުލީމާއި ތަރުބިޔަތަށް ޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފާށެވެ! ތިޔަކުދީން އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދާށެވެ! މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދޭށެވެ! އިސްލާމް ދީނާއި ވަޠަނަށް ޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށް ޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރާށެވެ! އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ!
އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑެވެ. މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެންނެވެ. ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާށެވެ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެކެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމެވެ. ވީމާ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދާށެވެ! އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދާށެވެ!
ތަރުބިޔަތުކުރުމަކީ، ހުނަރުވެރި ބުރަ މަސައްކަތެކެވެ. އިބްނު ޚަލްދޫން ވިދާޅުވާ ގޮތުގައި، ޚަލީފާ ހާރޫނުއްރަޝީދު، އެ ޚަލީފާގެ ދަރިކަލުން އަލްއަމީނުގެ މުދައްރިސު ޚަލަފުލްއަޙްމަރަށް ވިދާޅުވިއެވެ. "އަމީރުލް މުއުމިނީން ތިބާއާ މި ޙަވާލުކުރައްވަނީ، އެ ޚަލީފާގެ ހިތްޕުޅުގެ އުފަލާއި އަރާމެވެ. ވީމާ އޭނާއާ މެދު ތިބާ ޒިންމާދާރުވާށެވެ! އަދި އޭނާ ތިބާއަށް ކިޔަމަންކުރުވާށެވެ! އަމީރުލްމުއުމިނީން އެދިވަޑައިގަންނަވާ ފަދަ އުސްތާޛަކަށް ތިބާ ވާށެވެ! އޭނާއަށް ޤުރްއާން ކިޔަވައިދޭށެވެ! އޭނާއަށް ތާރީޚު އުނގަންނައިދޭށެވެ! އޭނާއަށް ޅެން އުނގަންނައިދޭށެވެ! ކީރިތި ރަސޫލާ zގެ ސުންނަތް އޭނާއަށް ކިޔަވައިދޭށެވެ! ވާހަކަދައްކާންވީ ޙާލަތްތަކާއި ވާހަކަ ފަށާންވީ ގޮތް ބުނެދޭށެވެ! މުނާސިބު ވަގުތުތަކުގައި މެނުވީ ހުނުން އޭނާއަށް މަނަޢަކުރާށެވެ! ބަނީ ހާޝިމުގެ ބޮޑުންނަށް އިޙްތިރާމުކުރާން ދަސްކޮށްދޭށެވެ! އެއިން ބޭފުޅަކު އޭނާގެ މަޖިލީހަށް ވަޑައިގެންފި ނަމަ، ވެރީންގެ މަޖިލިސް ނިންމައިލައްވާން ހަނދުމަކޮށްދޭށެވެ! ފައިދާހުރި ކަމެއް އުނގަންނައި ނުދީ، އެންމެ ގަޑިއެއްގެ އިރު ވެސް ފާއިތުވެގެން ދިޔަ ނުދޭށެވެ! އެކަމަކު އެ ކަމުގައި ޙައްދުފަހަނަޅައި ނުދާށެވެ! އޭރުން އެ ކަންތައް ވާނީ ބޮޑު ފޫހިކަމަކަށެވެ. އަދި އޭނާގެ ސިކުނޑިއަށް ލިބޭ ބޮޑު ބުރައަކަށެވެ. ކަމެއް ނެތި ހުހަށް ހުންނާން ދޫކޮށްނުލާށެވެ! ތިބާއަށް ކުރެވޭން އޮތް ހައި ވަރަކަށް އޭނާއަށް އުޅުންތެރިކަން ދަސްކޮށްދޭށެވެ! އެކަމަކު އިޚްލާޞްތެރިކަމާއި، ލޯތްބާއި، ކުލުނާ އެކުގައެވެ."[2]
ދަރީންނަށް ތަޢުލީމުދީ، އެ ކުދީން ތަރުބިޔަތު ކުރެއްވުމަށް ޓަކައި، ތިޔަ ކުރައްވާ މަސައްކަތަށް ތަޢުރީފު ޙައްޤުވެއެވެ. ކުދީންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައިގެން، ކޮންމެ ދުވަހަކު އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަމަސައްކަތް ކުރައްވާ މަންޒަރަކީ، އުފާވެރި މަންޒަރެކެވެ.
ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވައިފައިވާ އަމާނާތެކެވެ. މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެއެވެ. ވީމާ ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ zގެ ސުންނަތަށް ޢަމަލުކުރާން ދަސްކޮށްދޭށެވެ! ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެ ކުދީން ހަދާށެވެ!
އަހަރެމެންގެ ދަރީންނަށް، ޢިލްމުގެ އިތުރަށް، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެކެވެ. އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށެވެ. އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެކެވެ. މި ކަންކަމަށް އިސްލާމް ދީނުގައި މައިންބަފައިންނަށް ހިތްވަރުދެއެވެ. ޢުމަރު ބުނު އަބޫސަލާމާ ތުއްޕުޅުއިރު ކީރިތި ރަސޫލާ z އެ ކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. (يَا غُلَامُ سَمِّ اللَّهَ، وَكُلْ بِيَمِيْنِكَ، وَكُلْ مِـمَّا يَلِيْكَ)[3] މާނައީ: "އޭ ކޮއިފުޅާއެވެ! ބިސްމި ކިޔާށެވެ! އަދި ތިބާގެ ކަނާތުން ކާށެވެ! އަދި ތިބާއާވީފަޅީން ކާށެވެ!"
މަދްރަސާއަކީ، ދަރީންގެ ދެވަނަ ހިޔާވައްސެވެ. އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާއެވެ. މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެއެވެ. ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން ޢާންމުވާނެއެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެންނެވެ. އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެންނެވެ.
ދަރީންނަށް ތަޢުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރާށެވެ! އަހަރެމެންގެ ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާއިން ޒީނަތްތެރިކުރުމަށެވެ. ހެޔޮ ގޮތުގައި ޤައުމު ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އެއިރުންނެވެ.
އަހަރެމެންގެ ދަރީން، ސާފުތާހިރު ޔުނިފޯމުގައި، ފޮތް ދަބަސްތައް ހިފައިގެން މަދްރަސާއަށް ދާ މަންޒަރަކީ، ރީތި މަންޒަރެކެވެ. ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ ތަޢުލީމާއި، ތަރުބިޔަތާއި، ތަމްރީނު ހޯދުމަށް އެ ކުދީން މަދަރުސާއަށް ގޮސް، ގެއަށް އަންނަ މަންޒަރު ސިފަކޮށްދެނީ، ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރެވެ. އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައުރުކުރާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތެވެ. ވީމާ ޢިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދޭށެވެ! އެޔާ އެކު އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ، ދަރީންތަކަކަށް އެ ކުދީން ހެދުމަށް، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތްކުރާށެވެ! އެ ކުދީންނަށް ނަމާދުކުރާން ދަސްކޮށްދީ، އެ ކަމަށް އާދަކުރުވާށެވެ! ކީރިތި ޤުރްއާން ކިޔަވާން ބާރުއަޅާށެވެ! ދީނުގެ އަސާސީ ޙުކުމްތައް ދަސްކޮށްދޭށެވެ!