ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ނަމާދުކުރަން ބޭނުންނަމަ ސަމާލުކަންދޭންވީ ކަންކަމުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރަށް ނަމާދުކުރަން ބޭނުންނަމަ ސަމާލުކަންދޭންވީ ކަންކަމުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭނެ ބައެއް ކަންކަން-

ބައަކު ނަމާދުކުރަން ކަންނެތްވެފައި ތިބި ނަމަވެސް ނަމާދުކުރަން ބޭނުންވެ ނަމާދުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ގިނަ މިސްކިތްތަކެއް އަންނަނީ ފުރިބާރުވަމުންނެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. އިން ޝާ ﷲ. އެހެންކަމުން ވީހައި ފުރިހަމައަށް ނަމާދުކުރަން މަސައްކަތްކުރަން އެހީތެރިވެދިނުމުގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ޚުޝޫޢަތްތެރިކަމާއިއެކު ﷲ ތަޢާލާއަށްޓަކައި ނަމާދުކުރެވޭނީ އެހެން މީހުންގެ ކަންކަމަށް ވިސްނުމާއި ދުރުހެލިވެވިގެންނެވެ. އަދި ޙަލާލްތަކެތިކައި ބޮއި ހަދައިގެންނެވެ. ނަމާދަށް ހުއްޓުމަށްފަހު ތިމާގެ އަމިއްލަ އެދުންތައް ހިތުން ބޭރުކޮށްލެވިގެންނެވެ.

އަދި ކީއްހެއްޔެވެ؟ މިކަންކަން ކުރެވޭނީ އީމާންކަން ހިތުގައި ވަރުގަދަކުރެވިގެންނެވެ. ނަމާދުގެ މުހިންމުކަން ހިތަށް ވެއްދިގެންގެންނެވެ.

ނަމާދަށް ހުއްޓުމަށްފަހު، ނުވަތަ ޙަރަމްބަނުމާއިއެކު ނަމާދުކުރުން ފިޔަވައި އެހެން ހުރިހާ ކަންކަން ހިތުން ބޭރުކޮށްލަން މަސައްކަތްކުރާށެވެ! އެއިރުން ހިތުގެ އެބައިތަކަށް ﷲ ތަޢާލާގެ މަތިވެރިކަން ވަދެގެންދާނެއެވެ. އެއިރުން ނަމާދުން ބޭރުގައި ހިނގާ ކަންކަމަށް ވިސްނަން ބޭނުމެއްވެސް ނުވާނެއެވެ!

އަދި ކީއްހެއްޔެވެ؟ އެއިރުން ހިތަށް މަޑުމޮޅިކަން ލިބިގެންދާނެއެވެ. ﷲ ތަޢާލާއަށްޓަކައި ހިތް މަޑުމޮޅިކުރުވައިފިމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

އަދިވެސް ކީއްހެއްޔެވެ؟ ނަމާދުގައި ހިތް ﷲ ތަޢާލާއަށްޓަކައި މަޑުމޮޅިކުރުވަން އެދޭމީހާ ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަލްޙަމްދުލިﷲ ކިޔައި އެއަށް ޢަމަލުކުރާށެވެ! އޭނާއަށް މަޑުމޮޅިކަން މިންވަރުކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރަން މަގުފަހިވެގެންދާނެތެވެ! ދެދުނިޔޭގެ ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން