ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ހަމައެކަނި އަނެކާގެ ރީތިކަމަށް ބަލައިގެން ކައިވެނިކުރާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް ހަމައެކަނި އަނެކާގެ ރީތިކަމަށް ބަލައިގެން ކައިވެނިކުރެއެވެ.
ހަމައެކަނި ރީތިކަމަށް ބަލައިގެން ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތމާގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ވިސްނެން ފަށައެވެ. އެއީ ކައިވެނިކުރުމަށްފަހު އަނބިމީހާވެސް އަދި ފިރިމީހާވެސް ބައިވެރިޔާގެ ކިބައިން ފުއްދަން ބޭނުންވާ ކަންތައްތަކެއް ހުންނާތީއެވެ. އެކަންކަން ނުފުދުމުން ކުރެވުނު ކައިވެނީގެ ބޭނުމެއް ނެތްކަމަށް ވިސްނެންފަށާތީއެވެ.
އެއްވެސް މީހަކު ކައިވެނިކުރާނީ ހަމައެކަނި ބައިވެރިޔާއަށް ބަލައި އޭނާގެ ރީތިކަމުން ހިތްފުރައިގެން ހުންނާކަށް ނޫނެވެ. ކައިވެނީގެ ކުރިން އެގޮތަށް ވިސްނުނަސް ކައިވެނިކުރެވި އެކުގައި ދިރިއުޅެން ފެށުމާއިއެކު އެވިސްނުން ބާޠިލުވެގެންދާނެއެވެ.
ވީމާ އުފާވެރި ދިރިއުޅުމަކަށް ބޭނުންނަމަ ހޯދަންޖެހޭނީ ތިމާއަށް ވަފާތެރިވެ ތިމާއަށް އަޅައިލާ ބައިވެރިއެކެވެ. އަޅައިލުމުގެ މާނައަކީ ތިމާއަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވުމެވެ. ޚާއްޞަކޮށް ބަލިވެއުލެންޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެހީތެރިކަން އިތުރުކުރުމަކީ އަޅައިލުމުގެ އެންމެ މަތީ ދަރަޖައެވެ.
ތަނަވަސްކަން ހުރިނަމަ ގޭތެރޭގެ މަސައްކަތް ނޯކަރަކު ލައްވައިވެސް ކުރުވިދާނެއެވެ. ނަމަވެސް ތިމާއަށް އަލައިލުން ބޭނުންވާ ޙާލަތުގައި އަޅައިލުން ދިނުމަކީ ނޯކަރުން ލައްވައި ކުރުވޭނެ ކަންކަމެއް ނޫނެވެ. ނޯކަރުން ލައްވައި ކުރުވިޔަސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހިތްހަމަޖެހުން ލިބޭނީ ބައިވެރިޔާގެ ދެއަތުން އެހީތެރިވެ އަޅައިލުމުންނެވެ.
އަހުރެންނަށް ލިބޭ މަޢުލުމާތަށްބަލާއިރު ޒަވާޖީ ޙަޔާތް ރޫޅެން މެދުވެރިވާ އެންމެ ބޮޑު 2 ސަބަބަކީ ވަފާތެރިނުވުމާއި އަޅައިނުލެވުމެވެ. މި 2 ކަންތަކަކީވެސް ސިފައިގެ ރީތިކަމާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. ގުޅިފައިވަނީ އަޚްލާޤްގެ ރީތިކަމާއިއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން