ކޮންމެ މީހަކު ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަން ކުރާނެ ޚާއްޞަ ޢަމަލެއް ނެތިދާނެއެވެ. ނަމަވެސް ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަން މަގުފަހިވެގެންދާ ޢަމަލެއް އެބަ އޮތެވެ. ދައްކަން މިއުޅެނީ އެ ޢަމަލުގެ ވާހަކައެވެ.
އާދަމްގެފާނާއި ޙައްވާގެފާނު އުފައްދަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް މިންވަރުކުރެއްވެވުމަށްފަހު އަހަރެމެން ފަދައިން އެތައް ބައިވަރު ކަންތައްތަކެއް މަނައެއް ނުކުރައްވަވައެވެ. މަނާކުރެއްވެވީ އެންމެ ކަމެކެވެ. އެއީ އެންމެ ގަހަކާއި ކައިރިވެވަޑައިނުގަތުމެވެ.
އެކަމަކު ކަންތައްތައްވީ ކިހިނަކުން ހެއްޔެވެ؟ ދެބޭކަނބަލުންނަށް ކައިރިވެވަޑައިގެންނެވުނީ އެގަހާއިއެވެ. ފަރިއްކުޅުއްވެވުނީ އެގަހުންނެވެ. އެހެން ހުރިހާ ކަންކަން ހުއްދަކުރައްވަވާފައި މަނާކުރެއްވެވި އެންމެ ކަންތައް ކުރެއްވެވުނީއެވެ. އެހެންކަމަށްވާއިރު ފާފައިގެ ގޮތުން އެ ކުރެއްވެވުނީ ކޮން ފަދަ ބޮޑު ފާފައެއް ހެއްޔެވެ؟
ދެން ބުނަންއޮތީ އެހެންކަމަށްވީނަމަވެސް ކުރެއްވެވުނު ކުށް ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގަތުމުން ވަޤުތުން ފާފަ ފުއްސަވައި ދެއްވެވީއެވެ. ވީއިރު އަހަރެމެންނަށް ފާފަ ކުރެވިގެން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމުން ފުއްސަވައި ނުދެއްވަވަންޥީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ޝައްކުކުރުމެއްވެސް ނެތެއް ނޫން ހެއްޔެވެ؟
ކޮންމެއަކަސް މިރޭވެސް މިވާހަކަ ދައްކައިލާނަމެވެ! ކޮންމެ ދުވަހަކު ފާފަ ފުއްސަވައި ދެއްވެވުން އެދި 100 ފަހަރު އިސްތިޣްފާރުކުރަންޖެހޭ ސަބަބާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. ފުރަތަމަ ޖަވާބަކީ އެއްވެސް ފާފައެއް ނުކުރައްވަވާއިއރުވެސް، ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާފައިވީއިރުވެސް ރަސޫލް ﷺ ކޮންމެ ދުވަހަކު 70-100 ފަހަރު އިސްތިޣްފާރު ކުރެއްވެވި ކަމެވެ.
ދެވަނަ ސަބަބަކީ ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަ ގިނައިން ދެންނެވުމަކީ އެދޭ ކޮންމެ ކަމެއް ހިންމަވައި ދެއްވެވުމަށް އޮތް އެންމެ ފަސޭހަ މަގެވެ. ވީމާ އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ތިބާ އެދޭ ހުރިހާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން