ގެއްލެބިވާ މީހުންނަކީ ކޮންބައެއް ހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބުގައި ފުރަތަމަވެސް ބުނެލަން އޮތީ ގެއްލެނިވެގެންވާ މީހުންނަކީ އާޚިރަތް ދުވަހަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދީ ދުނިޔޭގައި އުޅޭ މީހުންނެވެ. އެއިގެ ތެރެއިންވެސް އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ އެއްކަމަކީ އެކުގައި ގެންގުޅެވޭ އެކުވެރިންނެވެ.
ކީރިތި ޤުރްއާނުގައި "ޖަމާޢަތްތައް" ނަމުގަ ސޫރަތެއްވެއެވެ. އެއީ 39 ވަނަ ސޫރަތް އައްޒުމަރް"އެވެ. އަދި އެސޫރަތަކީ ކޮންމެ ރެއަކުވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކިޔަވައި ވިދާޅުވި ސޫރަތެކެވެ.
ޤިޔާމަތް ދުވަހު މީސްތަކުން ސުވަރުގެ ވައްދަވާނީވެސް އަދި ނަރަކައަށް ވައްދަވާނީވެސް ޖަމާޢަތްތަކެއްގެ ގޮތުގައެވެ. އެމީހަކު އެބައަކާއިއެކުގައި އުޅުނު މީހުންނާއިއެކުގައެވެ. އެބައަކާއި އެއްގޮތަށް އުޅުނު މީހުންނާއިއެކުގައެވެ.
އެކުވެރިންކަމުގައިވެސް އަދި ބައިވެރިން ކަމުގައިވެސް އިޚްތިޔާރުކުރަން އޮތީ ހެޔޮލަފާ މީހުންނެވެ. އެމީހެއްގެ ސަބަބުން ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކޮށްދޭނެ މީހުންނެވެ. މުހިންމީ އެމީހެއްގެ ސަބަބުން އަތަށްއަރާ ފައިސާގެ ޢަދަދެއް ނޫނެވެ! ސުވަރުގެއާއި ގާތްވެވޭ މިންވަރެކެވެ.
ދުނިޔޭގައި ތިމާއަށް މިއުޅެވެނީ ކޮންބައަކާއިއެކުގައިކަން ނުވަތަ ކޮންބައަކު އުޅޭގޮތަށް ނުވަތަ ކޮންބައަކު އުޅުނު ގޮތަށްކަން ވަރަށް ބޮޑަށް ބަލަންވާނެއެވެ. އެއީ ހެޔޮ ކަންތައްތައް ކުރަން ހިތްވަރުދީ ވާގިވެރިވާ ބައަކު ނޫންނަމަ އެބައަކާއި ދުރުހެލިވާންޖެހޭނެއެވެ. އެފަދަ މީހަކާއި އެކުގައި އުޅުމެއްވެސް އަދި އެފަދަ މީހަކަށް ރުހިގެން އުޅުމެއްވެސް ނެތެވެ. ބިރުވެތިވާންވީ ސުވަރުގެ ނުލިބިދާނެކަމަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން