ނަމާދުގަ ކުރީ ސަފަށް އަރަން މަސައްކަތްކުރާ ފަދައިން އެމީހާގެ މައިންބަފައިންނަށާ އަނބިދަރިންނަށް ޚިދުމަތްކުރުމުގަވެސް އެންމެ ކުރި ހޯދަންވާނެ!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނަމާދުގަ ކުރީ ސަފަށް އަރަން މަސައްކަތްކުރާ ފަދައިން އެމީހާގެ މައިންބަފައިންނަށާ އަނބިދަރިންނަށް ޚިދުމަތްކުރުމުގަވެސް އެންމެ ކުރި ހޯދަންވާނެ!: ޝައިޚް ޢަލީ ހައްމުދާ

އަޅުކަން ކުރުމުގައި އެންމެ ކުރި ހޯދަން މަސައްކަތްކުރަމުއެވެ. މިސްކިތުގެ ޖަމާޢަތަށް ދިއަނަމަ އެންމެ ކުރީ ސަފު ހޯދަންވެސް މަސައްކަތްކުރަމުއެވެ. ސުވާލަކީ އެވަރުން ފުދޭނެ ހެއްޔެވެ؟ ދެން ހުރި ޒިންމާތައް ކޮބައި ހެއްޔެވެ؟ އެންމެހައި ހެޔޮ ޢަމަލުތަކަކީ ގުޅި ލާމެހިފައިވާ ކަންކަމެވެ.  

ބަންގި ގޮވުމުން މިސްކިތައް އަރައި ކުރީ ސަފުގައި ނަމާދުކުރުމަކީ ކުރަން އެންމެ ހެޔޮ ޢަމަލެކެވެ. ނަމަވެސް އެވަރަކުން އަދި ނުފުދޭނެއެވެ. ފުރިހަމަ މުސްލިމަކަށްވުމަށްޓަކައި މީހާގެ އެހެން ޢަމަލުތައްވެސް ހަމަ އެމަގަށް ބައްޓަން ކުރަންވާނެއެވެ. މިޘާލަކަށް ބުނާނަމަ އެމީހާ ކުރާ މުޢާމަލާތުތައް ސީދާކުރަންޖެހޭނެއެވެ.  

މުޢާމަލާތް މާނަ މިކުރަނީ ހަމައެކަނި ފައިސާގެ މުޢާމަލާތަކަށް ނޫނެވެ. އެމީހެއްގެ އަނބިދަރިންގެ ޙައްޤުތައް އަދާކުރާ މިންވަރަށެވެ. މައިންބަފައިންނަށް އަޅާލައި އެހީތެރިވާ މިންވަރަށެވެ. ކުރާ ކޮންމެ ކަމެއްގައާއި ބުނާ ކޮންމެ ބަހެއްގައި ތެދުވެރިވާ މިންވަރަށެވެ.  

މިކަންކަން ފުރިހަމަނުކޮށް ހަމައެކަނި ނަމާދުކުރުމަކުން ނުފުދޭނެތީއެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރަން ނުކުންނަން އުޅުނު ޒުވާނާ ހުއްޓުވައި މައިންބަފައިންނަށް ޚިދުމަތް ކުރަން ފޮނުއްވެވީ އެހެންވެގެންނެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ފިރިހެނަކު އައިސް ކައިވެންޏަށް އެދޭއިރު އޭނާއަކީ ތަޤްވާވެރިއެއްކަމަށް ބަޔާންކޮށްފިނަމަ އުފާކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޅުކަންކުރާނަމަ އެއީ ވަރަށް ރަނގަޅު، ހެޔޮލަފާވެސް މީހެކެވެ. އެހެނަސް އޭނާ އޭނާގެ މައިންބަފައިންނަށް، ޢާއިލާގެ އެހެން މީހުންނަށް ކަންކަންކުރާ ގޮތް ދެނެގަންނަންވާނެއެވެ. މައިންބަފައިންނަށާއި ޢާއިލާއަށް ޚިދުމަތްކުރުމުގައިވެސް އޭނާ ހުރީ ހަމަ އެންމެ ކުރީސަފުގައިކަމަށްވާނަމަ އެއޮތީ އިމްތިޙާނުން ފާސްވެފައެވެ. ނޫންނަމަ ފާސްވީކަމަށް ބަލައިގެން ލިބޭނީ ހިތްދަތިކަމެވެ.

 

- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން 

މިއަދު އޮންލައިން