ހިތްދަތިވެ ހިތާމަކުރަންޖެހުމަށްވުރެ ބޮޑުކަމެއް އެކަކަށްވެސް ކުރިމަތިނުވާނެއެވެ. އެއީ ހައިހޫނު ކަމުގައި ހުންނަން ޖެހުމަށްވުރެވެސް ބޮޑުކަމެކެވެ. އަދި އެއީ އެންމެ ގިނަބައަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސލަވެސްމެއެވެ. އެހެންކަމުން މިބުނެދެނީ އެކަމުން ސަލާމަތްވެ ހުރެވޭނެ މަގެވެ. އިން ޝާ ﷲ
މިހާރުގެ ޙާލަތަށް ބަލައިފިނަމަ ހާސްވުމާއި ކަންބޮޑުވުމުން ސަލާމަތްވެވިގެންހުރި މީހަކު ވަރަށް މަދުވާނެއެވެ. އެހެން މިބުނަނީ އަނބިން، ފިރިން، ދަރިން، ޢާއިލާއިން ، ރަޙްމަތްތެރިންގެ ފަރާތުން، އެކުގައި ަމސައްކަތްކުރާ މުވައްޒިފުންގެ ފަރާތުން މިހެން ގޮސް ކޮންމެވެސް މީހެއްގެ ސަބަބުން ކަންބޮޑުވުންތައް ކުރިމަތިވެފައިނުވާ މީހަކު ހަމަ ވަރަށްމަދުވާނެތީއެވެ.
ކަންބޮޑުވުން ކުރިމަތިވުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! އެއީ ހަމަ ދިރިއުޅުމުގެ އެއްބައެވެ. އެހެންކަމާއިއެކުވެސް ބުނެލަން އޮތީ ކަންބޮޑުވަމުންގޮސް ތިމާއަށް ކެތް ނުކުރެވޭ މިންވަރަށް، އަތުންފައިން ގޯސްހެދޭ މިންވަރަށް، ދިރިއުޅެން އުނދަގޫވާ މިންވަރަށް ކަންބޮޑުވެގެން ނުވާނެއެވެ.
ހަނދާނަށް ގެންނަންވީ ހިރާ ފަރުބަދައިގެ ހޮހޮޅައިގައި ރަސޫލް ﷺ އާއި އަބޫބަކުރުގެފާނު ގިނިކަންޏާ ތިއްބެވި ވަޤުތަށެވެ. އެދެބޭކަލުން ހޯދަމުން އައިސް މުޝްރިކުން އެދެބޭކަލުންނާއި ދާދި ކައިރިވުމުން އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައިގެންނެވި ވަޤުތު ރަސޫލް ﷺ އަބޫބަކުރުގެފާނަށް ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅަށެވެ.
"ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، ﷲ، އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ޙާލް، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން ﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲ ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲ އީ، ޢަޒީޒްވަންތަަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."
(އައްތައުބާ: 40)
އަހުރެމެންވެސް ޢަމަލުކުރަންވީ މިމަގުންނެވެ. ފުރަތަމަ ކަމަކަށް އަހަރެމެން ވާންވީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިން ކަމުގައެވެ. އެއަށްފަހު މިއާޔަތުގައިވާ ފަދައިން ޔަޤީންކުރަންވީ ތިމާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ ކަމެވެ. އެކަން އެގޮތަށް އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކޮށްފި މީހާ ބަލިކުރެވޭނެ ބައަކު ނުވެއެވެ.
މީސްތަކުންގެ ކިބައިން އެއްވެސް އިންސާނަކަށް ހިތްދަތިކަން ނުލިބޭނެ ނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެކަމަކު އެންމެ ބޮޑަށް ލިބިވަޑައިގަތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އެކަންކަން ކީރިތި ޤުރްއާނުން އެނގެން އެބަ އޮތެވެ. ވީމާ ކޮންމެވެސް ބައެއް ނުވަތަ މީހެއްގެ ކިބައިން ހިތްދަތިކަން ނުލިބި އަހެރެމެންނަށް ތިބެވޭނެކަމަށް ޤަބޫލުކުރަންވެސް ނުވާނެ ނޫން ހެއްޔެވެ؟
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން