ދިރިއުޅުމުގަ ޙާޞިލްކުރަން ބޭނުންވާ ކަންކަން ބައިވެރިޔާގެ އަތްމައްޗަށްވިޔަސް ދޫކޮށްލާފަ އަތް އުރާލައިގެން ހުރެގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދިރިއުޅުމުގަ ޙާޞިލްކުރަން ބޭނުންވާ ކަންކަން ބައިވެރިޔާގެ އަތްމައްޗަށްވިޔަސް ދޫކޮށްލާފަ އަތް އުރާލައިގެން ހުރެގެން ނުވާނެ!

ކޮންމެ މީހަކަށް ބެލިނަމަވެސް ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއްވެސް ހުންނާނެއެވެ. ބައެއް މީހުން ކައިވެނިކުރުމަށްފަހު އެކަންކަން ބައިވެރިޔާގެ އަތްމައްޗަށް ދޫކޮށްލާފައި އަތްއުރާލައިގެން މަޑުކުރެއެވެ.  

މިއީ ރަނގަޅު ގޮތެއް ނޫނެވެ. ބައިވެރިޔާގެ ކިބައިން ހޯދަންވީ އެހީތެރިކަމެވެ. ކުރަން ބޭނުންވާ ކަންކަން ކުރަން މަސައްކަތްކުރުމާއިއެކު ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރަން މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ.  

ވިސްނާށެވެ! މިއީ ވަކިމީހަކަށް ބުނާ ބަހެއް ނޫނެވެ. ޢާންމުކޮށް އެންމެންނަށް ބުނާ ބަހެކެވެ. ކޮންމެ މީހަކުވެސް މިއުޅެނީ އެމީހަކަށް ކުރަންޖެހޭ ކަންކަން ގިނަވެ އެކަންކަންވެސް ނުކުރެވިގެންނެވެ. އެމީހަކު އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައްވެސް އަދާނުކުރެވިގެންނެވެ. އެޙާލަތުގައި އަނެކާއަށް ކަމެއް ކޮށްދޭން އިސްކަންދެވޭނީ ކިހާވަރަކަށް ހެއްޔެވެ؟  

ބައިވެރިޔާ ދެކެ ލޯބިވާތީ ބައިވެރިޔާއަށް ކަންކަން ކޮށްދޭން ބޭނުންވެސްވާނެއެވެ. އެގޮތުންވެސް ބަލާނީ ފުރަތަމަ ކަމަކަށް ކޮންމެހެން ތިމާ ކޮށްދޭންޖެހޭ ކަންކަން ކޮށްދެވޭތޯއެވެ. ބައިވެރިޔާގެ ކުރިއެރުމަށް ކަމެއް ކޮށްދިނުން ގިނަ ފަހަރު އޮންނާނީ ލިސްޓުގެ ފަހަތަށް ލެވިފައެވެ. އެކަމުގެ ނަތީޖާއަކަށްވާނީ އެކަން ނުކުރެވި ދިގުލައިގެން ދިއުމެވެ.  

މިހެން މިބުނަނީ މިއީ ކަންކަން ހިނގަމުން އަންނަ ގޮތްކަމަށްވާތީއެވެ. ވީމާ ތިމާ ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރަން މަސައްކަތްކުރުމުގެ ޒިންމާ އެމީހަކު އަމިއްލައަށް އުފުލާށެވެ! އެކަމުގައި ބައިވެރިޔާގެ އެހީތެރިކަމަށް އެދުމަކީ މައްސަލައެއް ނޫނެވެ. ހަމައެކަނި ސަމާލުކަންދޭންވީ އެކަން ބައިވެރިޔާގެ އަތްމައްޗަށް ދޫކޮށް ނުލުމަށެވެ. 

މިއަދުގެ ގިނަ އަންހެނުންނަކީވެސް ވަރަށް ހޭލުންތެރި ބައެކެވެ. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެއެވެ. މިޘާލަކަށް ވަކި ފެންވަރަކަށް ކިޔެވުން، އަމިއްލައަށް މަސައްކަތެއްކުރަން ފެށުން ފަދަ އެތައް ކަމެއް ކުރަން ބޭނުންވާ އަންހެނުން މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ކާމިޔާބުކުރެވޭނީ އެއިރުންނެވެ.

މިއަދު އޮންލައިން