ތިމާއަށް ދެއްވަވާ ރިޒުޤަށް ފުދިގެން ތިބީ ވަރަށް މަދުބައެކެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނަ ބައަކު އެދެމުން އަންނަނީ ރިޒުޤް ތަނަވަސްކޮށްދެއްވެވުމަށެވެ. އިތުރުކޮށް ދެއްވެވުމަށެވެ. އެކަމަކު އެކަމަށް އެދޭކަން އެމީހުންގެ ޢަމަލުތަކުން ދެއްކެނީ ހާދަ މަދު މީހަކަށެވެ.
ކޮންމެ ދުވަހަކުވެސް ދުވަސްފެށެނީ ފަޖުރުލުމުންނެވެ. ފަޖުރުލުމާއިއެކު ﷲ ތަޢާލާގެ ފަރާތްޕުޅުން އިމާމް އެ ގޮވާލަނީއެވެ. حي على الفلاح ފަލާޙް (ކާމިޔާބު) ލިބިގަތުމަށް އަވަހަށް އަންނާށެވެ! الصلاة خير من النوم" ނިދަން އޮތުމަށްވުރެ ނަމާދަށް އައުން މާރަނގަޅެވެ.
މިފަދައިން ތަކުރާރުކޮށް ގޮވާލުމުންވެސް ތިބާއަށް މިއިން އެއްވެސް އަޑެއް އިވޭކަމަކަށް ނުވެއެވެ. "އަހަރެންނަށް ރަނގަޅީ ނިދުން" ކަމަށް ދުލުން ނުބުނި ނަމަވެސް ޢަމަލުން އެކަން ދައްކަމުން ތިއަ ނިދަނީއެވެ. ދެންވެސް ނިދީން ހޭލެވުމާއިއެކު ތިއަ އެދެނީ ރިޒުޤަށެވެ! ކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވުމަށެވެ!
މިއީ ކޮންގޮތަކަށް ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟
ބައެއް މީހުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ތިމާ މިހާރު މިހުރީ ފުދިގެންކަމަށް ބަލައި ފާފަތައް ކުރަންފަށައެވެ. ﷲ ތަޢާލާ ދެއްވެވި ފައިސާއިން ޚަރަދުކޮށްގެން ﷲ ތަޢާލާ ނަހީ ކުރެއްވެވި ބޮޑެތި ފާފަތައް ކުރަން ބިރުނުގަންނައިރު އެންމެކުޑަމިނުން ލަދެއްވެސް ނުގަނެއެވެ.
ވިސްނާލަން ޖެހޭ ކަމަކީ ފާފަކުރާނަމަ ރިޒްޤް ދަތިކުރައްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮތް ކަމެވެ. ރިޒްޤް ތަނަވަސްވުމަށް ވެސް ކުރަން އޮތް އެންމެ ރަނގަޅު އެއް ޢަމަލަކީ އިސްތިޣްފާރުކުރުންކަން ވެސް އެނގެން އޮތް ކަމެވެ.
ދެން މިވާގޮތަކީ ވަކި ހިސާބަކުން ﷲ ތަޢާލާ އެމީހަކު ހިއްޕަވަތެވެ! ނިކަމެތިކުރައްވަވަތެވެ! އެހިސާބުން ކަންކަން ވިސްނި ދެރަވެސްވެއެވެ. ހިތާމަކޮށް ތައުބާވެ ދުޢާކުރަންވެސް ފަށައެވެ!
ރިޒުޤް ބޭނުންވާ މީހާ، ރިޒްޤް އިތުރުވުމަށް ބޭނުންވާ މީހާ މި 2 ކަންތަކަށް ސަމާލުކަން އިތުރުކުރާށެވެ! ރިޒްޤް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކްގެ ދަރުސަކުން