އަޅުކަންކުރުމަށާ ޢާއިލާއަށް ވަޤުތު ނުދެވޭ ގިނަމީހުންނަށް ދުނިޔެއިން ނުކުންނަން ޖެހެނީވެސް ވަޤުތު ނުވެ ތެޅި ފޮޅެމުން! އަބާއްޖަވެރިއެއްގެ ގޮތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަޅުކަންކުރުމަށާ ޢާއިލާއަށް ވަޤުތު ނުދެވޭ ގިނަމީހުންނަށް ދުނިޔެއިން ނުކުންނަން ޖެހެނީވެސް ވަޤުތު ނުވެ ތެޅި ފޮޅެމުން! އަބާއްޖަވެރިއެއްގެ ގޮތުގަ!

ދުނިޔެއަށް އުފަންވި ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ވާޖިބަކީ ވީހާ ގިނައިން ﷲ ތަޢަލާއަށް އަޅުކަންކުރުމެވެ. އެކަމަކު ގިނަ ބައަކަށް އެކަމަށް ވަޤުތު ދެވޭކަމަކަށް ނުވެއެވެ. ދެން އޮތް އެންމެ ބޮޑު ވާޖިބަކީ އަނބިދަރިންނަށާއި ޢާއިލާއަށް ވަޤުތުދީ އަޅައިލުމެވެ. އެކަމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެއް ކަމުގައި ލައްވަވާފައިވާއިރު އެކަމަކަށްވެސް ވަޤުތެއް ނުދެވެއެވެ.  

ދެން އެމީހަކާއިމެދުގައި ކަންކަން ވާނީ ކިހިނަކުން ހެއްޔެވެ؟ ތެދެކެވެ. ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ދީނުގައި ފެންނަން ހުރި ކަންކަމަށް ބަލައިފިނަމަ ޤަބޫލުކުރަންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. ސަބަބަކީ އެމީހާއާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާނުކުރާތީއެވެ. ﷲ ތަޢަލާއަށް އަޅުކަން ނުކުރާތީއެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ވަޤުތުދީ އަޅައިނުލާތީއެވެ.  

ދެންވެސް ކޮށްލަން ޖެހޭ ސުވާލަކީ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ދެންވާނެ ގޮތްވެސް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަކު ޤަބޫލުކުރަންޖެހޭ ކަމަކީ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެއްޖެކަމެވެ.  

ދެން ބަލައިލަންވީ އެކަމުން ވާނެ ގޮތަށެވެ. ގާތީ އެމީހެއްގެ ވަޤުތުގައި ބަރަކާތް ނުލެއްވެވުމެވެ. އެކަމުގެ ސަބަބުން ކުރަން މަސައްކަތްކުރާ ކަންކަން ނުކުރެވުމެވެ. މަރަށް ތައްޔާރުވާން ކުރަންޖެހޭ ކަންކަންވެސް ނުކުރެވުމެވެ. ހަމައެއްވެސް ކަމެއް ނުކުރެވިގެން ތެޅިފޮޅެމުން ދަނިކޮށް މަރުގެ މަލާއިކަތާ ފައިބައިވަޑައިގެން އެމީހަކާއި ބައްދަލުކުރެއްވެވުމެވެ. އަބާއްޖަވެރިއެއްގެ ގޮތުގައި ދުނިޔެއާއި ވަކިވާންޖެހުމެވެ.  

ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އަޅުކަންކުރަން ދޭންޖެހޭ ވަޤުތުޑޭށެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ވަޤުތުދޭށެވެ. އެއިރުން އެމީހެއްގެ ވަޤުތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. ކުރަންބޭނުންވާ ކަންކަންވެސް ކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން