ރުޅިއަންނައިރަށް ދުލުން ނުބައި، ހަރުކަށި، ބަސްތައް ބުނާ މީހަކާއެކުގަ ދިރިއުޅެން ބޭނުންވާނެ ބައިވެރިއަކު ނުހުންނާނެ! ލޯބިވާނެ ދަރިއަކުވެސް ނުހުންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރުޅިއަންނައިރަށް ދުލުން ނުބައި، ހަރުކަށި، ބަސްތައް ބުނާ މީހަކާއެކުގަ ދިރިއުޅެން ބޭނުންވާނެ ބައިވެރިއަކު ނުހުންނާނެ! ލޯބިވާނެ ދަރިއަކުވެސް ނުހުންނާނެ!: މުފްތީ މެންކް

ދުލަކީ އިންސާނާގެ އެންމެ މުހިންމު އަދި އެންމެ ފައިދާހުރި އެއްގުނަވަންކަމަށްވަނީ ދުލުގެ ސަބަބުން ސުވަރުގެ ވަދެވެން އޮތަތީއެވެ. އަދި ހަމަ އެފަދައިން އެންމެ ނުރައްކާތެރި އެއް ގުނަވަން ކަމަށްވެގެންދަނީ ދުލުގެ ސަބަބުން ނަރަކައަށް ވަންނަންޖެހިދާނެތީއެވެ.  

ދުލުން ހެޔޮބަސް ބުނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ހަމައެފަދައިން ދުލުން ނުބައި ބަސްތަކާއި ހަރުކަށި ބަސްތައް ބުނުމަކީ ދުނިޔެއާއި އާޚީރަތުގައިވެސް ގެއްލުން ބޮޑު ކަމެކެވެ. ކުރެވޭ ފާފައެކެވެ.  

ކައިވެނީގެ ޚުޠުބާގައި ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިކަމާއިއެކު މުޢާމަލާތުކުރަން ނަޞޭޙަތްތެރިވަނީ ވަރަށް މުހިންމު ބޭނުމަކުއެވެ. އެކަން އެނގިގެންދާ އެންމެ ބޮޑު ސަބަބަކީ މިހާރަކަށް އައިސް ރޫޅޭ ކައިވެނީގެ 90 އިންސައްތަ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބަކީ ދޫ ކަމުގައިވާތީއެވެ.  

އެއްބައަކު ދުލުން ނުބައިބަސްތައް ބުނެއެވެ. އަނެއް ބައަކު ހަރުކަށި ބަސްތައް ވެސް ބުނެއެވެ. މި ދެކަމަކީ ވެސް އަނެކާ ވަރަށް ބޮޑަށް ހިތުގައި ޖެހޭ ކަމެކެވެ. ހިތަށް އަނިޔާ ލިބޭ ކަމެކެވެ. ދެރަވެ މާޔޫސްވާ ކަމެކެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ ކައިވެނިމަތިން ފޫހިވެ ކައިވެނި ރޫޅައިލަން ބޭނުންވުމެވެ. ވަރިކުރަން ނުވަތަ ވަރިވާން ބޭނުންވުމެވެ. ހަމައެއާއިއެކު ދުލުން ހަރުކަށި ނުވަތަ ނުބައިބަސްތައް ބުނާމީހަކު ދެކެ އޭނާގެ ދަރިންވެސް ލޯތްބެއް ނުވާނެއެވެ. ނަފްރަތުކުރާނެއެވެ.  

ދުލުން މިބުނިފަދަ ބަސްތައް ބުނާ މީހުންނަށްބަލާއިރު އެއީ ފިރިހެނުން ނުވަތަ އަންހެނުން ކުރާ ކަމެއްކަމަށް ބުނެވޭކަށް ނެތެވެ. ނުބައި ބަސްބުނާ ފިރިހެނުންގެ ނިޞްބަތް ގިނަވެދާނެއެވެ. ނަމަވެސް އަންހެނުންވެސް މިއަދު އެފަދަ ޢިބާރާތުން ވާހަކަ ދައްކައެވެ. ބަސްބުނެއެވެ.  

ދުލުން ހަރުކަށި ނުބައި ބަސްތައް ބުނުމަކީ ބޮޑު ފާފައެކެވެ. އެންމެ ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭ އެއް ސަބަބަކީ އެމީހާގެ ދޫކަން (ދުލުން ބުނާ ބަސްތައްކަން) ޙަދީޘްފުޅުން އެނގެން އޮތުމުން މިދައްކާ ވާހަކަތަކަކީ ޙަޤީޤަތްކަން އެނގިގެންދެއެވެ. އަދި ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ، އޭނާގެ ދުލުން ބުނާ ބަސްތަކަށް ސަމާލުކަންދޭންޖެހޭ މިންވަރުވެސް އެނގިގެންދެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން