ބައިވެރިޔާދެކެ ލޯބިނުވާއިރުވެސް ލޯބިވާކަމަށް ބުނެ މަކަރުހަދާމީހުން އެލިބިގަންނަނީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުކަމަށްވުމަކީ ވަރަށް ގާތުގައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ބައިވެރިޔާދެކެ ލޯބިނުވާއިރުވެސް ލޯބިވާކަމަށް ބުނެ މަކަރުހަދާމީހުން އެލިބިގަންނަނީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުކަމަށްވުމަކީ ވަރަށް ގާތުގައިކަމެއް!

މިހާރަކަށް އައިސް ބައިވެރިޔާ ދެކެ އެއްވެސް ވަރަކަށް ލޯބިނުވާއިރުވެސް ލޯބިވާ ކަމަށް ބުނެ އޮޅުވާލަމުން އެބަ ގެންދެއެވެ. ބައިވެރިޔާ އާއި ވަކިނުވެ ހުންނަނީ ދުނިޔަވީ މަންފާއަކަށްޓަކައެވެ. ވަކިވެއްޖެނަމަ ތިމާއަށް ގެއްލޭނެ ކަންތައްތަކެއް ހުންނާތީއެވެ. މިފަދަ އަނބިންވެސް ފިރިންވެސް ތިބެއެވެ. އަޅުގަނޑަށް އެނގޭ އެތައް ބައަކުވެސް އެބަތިއްބެވެ.

އަޅުގަނޑުގެ ސުވާލަކީ މިއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައިވާ ކަމެކެވެ. އާދައިގެ ކުޑަކުޑަކަމެއް ނޫނެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވުމެވެ. ކަންއޮތްގޮތް ސާފުވެލައްވާނެ ކަމަށް އުންމީދުކުރަމެވެ.

މިއަދުގެ ޒަމާނީ ބަސްފޮތުގައި އަނބިމީހާ، ފިރިމީހާ، އަދި އެހެންވެސް މީހަކު ދެކެ ލޯބިވާކަމަށް ބުނެލުމަކީ އެއްވެސް ކަމެއް ނޫނެވެ! ފެންފޮދެއް ދިރުވައިލުންހައި ފަސޭހަކަމެކެވެ. އެއީ އެއްގޮތަކަށް ވެސް ކޮންމެހެން ލިބިވެގެން ބުނަންޖެހޭ ބަހަކަށް އޮންނަނީ ނުވެފައެވެ. މީގެ އިތުރުން އެކަކު އަނެކަކަށް ބޭވަފާތެރިވަމުން ތެދުވެރިންކަމުގައި ދައްކައިގެން އުޅުމަކީ ވެސް ހަމަ އެހައިމެ ޢާންމު ކަމެކެވެ.

ދެން ބަލައިލަންވީ މިކަމުން މެދުވެރިވެދާނެ ގޮތެކެވެ. ނަރަކައިން ތިމާ މިވެއްޓިގަންނަނީ ކޮން ގޮޅިއަކަށްކަމާއިމެދު ބިރުވެތިވާށެވެ! ހަމަޔަޤީނުންވެސް އެނގޭ ކަމަކީ ނަރަކައިގެ އެންމެ އަޑި ވަރަށް ހޫނުގަދަވާނެކަމެވެ. ދެއްވަވާ ޢަޛާބްވެސް އެހައިމެ ވަރުގަދަވާނެކަމެވެ. ފަރުވާތެރިކަމާއިއެކު ކިޔައިލާށެވެ! އަދި ތިމާއަށް ކުރެވޭ ޢަމަލުތަކާއިމެދު ރަނގަޅަށް ވިސްނައިލާށެވެ!

ސުވަރުގޭގައި މީހެއްގެ ދަރަޖަ މަތިވެރިވާނަމަ އެމީހެއްގެ ދަރަޖަ ދާނީ އުފުލެމުންނެވެ. ދެއްވަވާ ނިޢްމަތްތައް އިތުރުވަމުންނެވެ. ނަމަވެސް ނަރަކައިގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. މީހާގެ ފާފަތައް ގިނަވެ ޢަޒާބު ބޮޑުވާވަރަކަށް އެމީހެއްގެ ވަތްގަނޑު ނުވަތަ އެމީހަކު އޮންނަން ޖެހޭ ބައި ދާނީ ތިރިވަމުންނެވެ. އެންމެ ފުލުގައި ތިބޭނީ މުނާފިޤުންނެވެ. އެންމެ ގަދަފަދަ އަޒާބު ލިބޭނީ މުނާފިޤުންނަށެވެ.

މުނާފިޤުންނަކީ ދުނިޔޭގައި ދެމޫނު ދައްކައިގެން އުޅޭ މީހުންނެވެ. ބޭރުފުށުން އިސްލާމެއްކަމަށް ދައްކައިގެން ތިބޭއިރު އތެރެފުށުން ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނަކީ މުނާފިޤުންނެވެ. ހަމަ އެކަނި އީމާންވުމުގައެއް ނޫނެވެ. އެމީހަކު ކުރާ އަމަލުތަކުގައި ދެފުށް ދެ ގޮތް މީހުންނަކީވެސް ހަމަ މުނާފިޤުންނެވެ. މީސްތަކުންގެ ކުރިމަތީގައި އޯގާތެރި ބަސްތައް ބުނަމުން މީސްތަކުންގެ ހައްޤުތަކަސް އަރައިގަނެ މީސްތަކުންނަސް އަނިޔާވެރިވާ މީހުންނަކީ ވެސް މުނާފިޤުންނެވެ. ވީމާ މުނާފިޤުންނަކީ ހަމައެކަނި ﷲ ތާޢާލާއަށް އީމާން ނުވާ މީހުން ކަމުގައި ބުނެވޭކަށް ނެތެވެ. އެމީހެއްގެ ބަހާއި އަމަލު ދިމާނުވާނަމަ އެމީހަކީ މުނާފިޤްކަމުގެ ސިފަތައް ހުރި މީހެކެވެ.

ނަރަކައިގައިވެސް ތަފާތު ދޮރުތަކެއް ވެއެވެ. އެމީހަކު ނަރަކައަށް ވައްދަވާނީ އެމީހެއްގެ ދަރަޖައަށް ކަނޑައެޅިފައިވާ ދޮރަކުންނެވެ. ކޮންމެ ދޮރެއް ގުޅިފައިވަނީ ވަކި ބައަކާއިއެވެ. މާނައަކީ ކޮންމެ މީހަކުވެސް ނަރަކައަށް ވައްދަވާނީ ކޮށްފައިވާ ފާފަތަކުގެ ސަބަބުން އެމީހަކަށް ކަނޑައެޅިފައިވާ ބައަކަށެވެ. ކޮންމެ ބައެއްގައިވެސް ލިބޭ ޢަޒާބު ތަފާތުވާނެއެވެ. ލިބޭ ޢަޒާބު ވެސް ތަފާތުވާނެއެވެ. ޔަޤީން ކުރަންޖެހޭނެ ކަމަކީ ނަރަކައިގެ އެންމެ ކުޑަ ޢަޒާބަށްވެސް އެއްވެސް މީހަކަސް ކެތް ނުކުރެވޭނެ ކަމެވެ.

މުޅި ނަރަކަ ބެލެހެއްޓެވުމަސް ތިއްބަވާނީ 19 މަލާއިކަތުންނެވެ. އެތައް ޓްރިލިއަން ޓްރިލިއަން ބައަކު ނަރަކައިގައި ތިބޭއިރު މުޅި ނަރަކަ ބަލަހައްޓަވަން އެންމެ 19 މަލާއިކަތުން ތިއްބެވުމުން އެގެނީ ނަރަކަށް ވެއްދެވުމަށްފަހު އެއްވެސް މީހަކަށް ލިބޭނެ އެއްވެސް އިނާޔަތެއް ނެތްކަމެވެ. އޮންނާނީ އެމީހަކަށް ކަނޑައެލިފައިވާ ގަދަފަދަ އަޒާބުގައި ދެމިއޮތުން ކަމެވެ. ރޯ ރުއިމަކަށް ނުވަތަ ކުރާ އާދޭހަކަށް އަޅައިލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ.

ސުވާލަކީ ނަރަކައިގެ ބިރުވެރިކަން އެނގެނި ކިހައިވަރަކަށް ހެއްޔެވެ؟ ނަރަކައިން ސަލާމަތްވާން ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެވެ؟ މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދެ މޫނުގެ ވެރިންނެވެ. ވެރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. ނިކަން ބުނެބަލާށެވެ! މުނާފިޤެއްގެ ގޮތުގައި މަރުވެދާނެ ކަމަށް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟

މީސްތަކުންނޭވެ! ފެށިގެން ކުރރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން ފުރިގެންވާ ދުވަސްތަކެވެ. މިދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނަރަކައިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން