ޙާލަތު ނިޔާކުރާ ގޮތަކުން ގޮނޑީގައި އިނދެ ނަމާދުކުރަން ޖެހުނަސް ދެން ތިމާއަށް ސަޖިދަ ނުކުރެވޭނެ ކަމަށް ބަލައި ހިތްވަރު އެލުވާލައިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޙާލަތު ނިޔާކުރާ ގޮތަކުން ގޮނޑީގައި އިނދެ ނަމާދުކުރަން ޖެހުނަސް ދެން ތިމާއަށް ސަޖިދަ ނުކުރެވޭނެ ކަމަށް ބަލައި ހިތްވަރު އެލުވާލައިގެން ނުވާނެ!

ބައެއް މީހުން ވަރަށް ދެރަވެލާފައި ބުނެއެވެ. "އަހުރެންގެ މައިބަދައަށް މިވަނީ މިވެނި ގެއްލުމެއް ލިބިފައެވެ. ދެން ސަޖިދައެއްވެސް ނުކުރެވޭނެއެވެ!" މިފަދަ ބަސްތައް އެބުނެވެނީ އެކަމުން ލިބޭ މާޔޫސްކަމުގެ ސަބަބުންނެވެ. ސަޖިދަކުރަން ބޭނުންވާވަރު ބޮޑުކަމުންނެވެ.

ޙާލަތު ނިޔާކުރާ ގޮތުން ގޮނޑީގައި އިނދެގެން ނަމާދުކުރަންޖެހިއްޖެނަމަ އެގޮތަށް ނަމާދުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ މޮޅަސް ދެނެވޮޑިގެންވެއެވެ. ނަމާދުކުރާއިރު އެމީހަކަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ތިމާއަށް ﷲ ތަޢާލާ ނުފެނުނުކަމުގައިވީނަމަވެސް ތިމާއަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ވިސްނައިގެން ވީހާ ފުރިހަމައަކަށް ނަމާދުކުރަން މަސައްކަތްކުރަންޖެހޭ ސަބަބަކީވެސް ހަމައެއީއެވެ.

ޙާލަތު ނިޔާކުރާ ގޮތަކުން ގޮނޑިގައި އިނދެގެން ނަމާދުކުރަންޖެހުނަސް އެއީ ތިމާގެ މުޅި ޢުމުރަށް ކުރިމަތިވި ޙާލަތެއް ކަމަށް އެހާފަސޭހައިން ނިންމައިގެން ނުވާނެއެވެ. އެކަން އެއީ ދެން އެހެން ގޮތެއް ނުފެނިއްޖެނަމަ އެންމެފަހުން ނިންމާ ނިންމުން ކަމުގައި ހަދަން ބާއްވާށެވެ.

އެކަމަށް ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި 2 މީހަކަށް ސަޖިދަކޮށްގެން ނަމާދުކުރެވެން ފެށިގޮތުގެ ވާހަކައެކެވެ!

"އަޅުގަނޑަކީ ފާއިތުވި 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި މީހަކީމެވެ! އެއީ މައިބަދައިގައި މައްސަލައެއް ހުންނާތީ ސަޖިދަ ނުކުރެވޭތީއެވެ. އެކަން އަޅުގަނޑަށްވެފައިވަނީ ވަރަށް ހިތްދަތިކަމަކަށެވެ.

އެހެންކަމުން ގޮނޑީގައި އިނދެ ނަމާދުކުރާ އެކުވެރިއެއް ގާތު ބުނީމެވެ! "އެކުވެރިޔާއެވެ. އިރާދަކުރެއްވިއްޔާ ރަމަޟާން މަހު މި ގޮނޑި އެއްލައިލާނަމެވެ (ގޮނޑި އާއި ނުލައި ނަމާދުކުރަން ފަށާނަމެވެ."

އޭނާ ބުނީ "ކަލޭވެސް ގޮނޑި ދޫކޮށްލައިފިނަމަ އަހަރެންވެސް ދޫކޮށްލަން މަސައްކަތްކުރާނަމެވެ!"

ކޮންމެއަކަސް ވަރަށް ބިރުންހުރެ ރަމަޟާން މަހުގެ ފުރަތަމަ ނަމާދު، ވަރަށް ބިރުން ތިބެމެ އެރޭގެ މަޣްރިބް ނަމާދު މަޣްރިބް ނަމާދު އަހަރެމެން ދެމީހުން ވެސް ކުރީ ގޮނޑިއާއި ނުލައެވެ. މިއަދާއި މިރޭވެސް މިކުރީ ހަމަ ގޮނޑިއާއި ނުލައެވެ!

މައިބަދައިގައި އެހުރި މައްސަލައެއް ހުރިނަމަވެސް ގޮނޑިއާއި ނުލައި ނަމާދުކުރުމުގެ ހިތްވަރު މިހާރު މިވަނީ ލިބިފައެވެ.

މިއީ އެއްވެސް ޙާލެއްގައި އެންމެން ގާތު ގޮނޑިއާއި ނުލައި ނަމާދުކުރަން ބުނުމެއް ނޫނެވެ! އެމީހެއްގެ ޙާލު އެނގޭނީ އެމީހަކަށެވެ! އެންމެންގެ ޙާލަތުވެސް ތަފާތުވާނެއެވެ! މިކުރި ކަމަކީ ލިބުނު ބޮޑު އުފާ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލުމެވެ!"

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން