ލޯބިވުމުން ލަނޑުލިބެނީ ލޯތްބަށް ލޯކަނުކުރާ މީހުންނަށް! ފައިދާކުރާނީ ލޯހުޅުވާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލޯބިވުމުން ލަނޑުލިބެނީ ލޯތްބަށް ލޯކަނުކުރާ މީހުންނަށް! ފައިދާކުރާނީ ލޯހުޅުވާ މީހުންނަށް!

ލޯބިވެގެން އުޅުމުން ލަނޑުލިބިގެން މަޝްވަރާކުރަން ގިނަ ބައަކު އައުދެއެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުން ފާހަގަކުރެވޭ ކަމަކީ އެމީހުން ލޯބިވުމަށް އެމީހުންގެ ލޯކަނުކުރާ ކަމެވެ.  

ލޯކަނުކުރުން ކަމަށް މިބުނަނީ އަނެކާގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަމަށް ނުވިސްނާ ވާހަކައެވެ. ތިމާއާއިމެދު ފަރުވާކުޑަކުރިޔަސް އަދި ކަންކަން އޮޅުވާލައި މަކަރުހެދި ނަމަވެސް އެކަމަސް ދޭންޖެހޭ ސަމާލުކަން ނުދޭކަމެވެ. އަދި ކީއްހެއްޔެވެ؟ އަނެކާގެ ކިބައިން ފެންނަ ނުރަނގަޅު، އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ކަންކަމަށްވެސް ސަމާލުކަމެއް ނުދެއެވެ. މިޙާލަތަށް ކަންކަން ދިއުމުން އެމީހަކަށް އެހުރެވެނީ ލޯބިވުމަށް ލޯކަނުކޮށްގެންނެވެ.  

އެގޮތަށް އެކަން ނުކުރާށެވެ! ލޯބިވުމަސް ލޯހުޅުވާ މީހަކަށްވާށެވެ! އަނެކާގެ ކިބައިން ފެންނަ ރަނގަޅު ކަންކަން ފާހަގަކުރާ ފަދައިން ނުރަނގަޅު ކަންކަންވެސް ފާހަގަކުރާށެވެ.  

ލޯބިވެގެންއުޅޭއިރު ލޯބިވެރިޔާގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަމަށް އަޅައިވެސް ނުލާހުރެފައި ކައިވެނި ކުރެވުމަށްފަހު އެފަދަ ކަމެއް ފެނުމުން އެއީ މައްސލައަކަށް ހަދަން އުޅުނަސް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ. ނަމަވެސް ލޯބިވެގެން އުޅޭއިރު އެކަންކަން ފާހަގަކޮށް މައްސަލައަކަށް ހެދިނަމަ ކާމިޔާބުކުރަން ފަސޭހަވާނެއެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބައިވެރިޔާ އުޅޭނެ ގޮތަކަށް އުޅެން، ކުރާނެ ކަމެއްކުރަން ކައިވެނީގެ ކުރީކޮޅު ދޫކޮށްލާފައި ފަހުން މައްސަލަ ޖެއްސަން ފެށިނަމަވެސް އެކަން ޙައްލުކުރަން ފަސޭހައެއް ނުވާނެއެވެ. ވީމާ ލޯބިވެގެން އުޅޭއިރުވެސް އަދި ކައިވެނިކުރުމަށްފަހުގައިވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ލޯބިވުމަށް ލޯހުޅުވުމަކީ އެއީއެވެ. ފަށަމުން ބުނިފަދައިން ފައިދާކުރާނީ ލޯބިވުމަށް ލޯހުޅުވައިގެން އުޅޭ މީހަކަށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން