މުލްކް ސޫރަތުގެ މާނައާ ތަފްސީރު: ކައްވަޅުގެ ޢަޛާބުން ތިބާ ސަލާމަތްކޮށްދޭނެ އައްޑަނަ- އިން ޝާ ﷲ: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުލްކް ސޫރަތުގެ މާނައާ ތަފްސީރު: ކައްވަޅުގެ ޢަޛާބުން ތިބާ ސަލާމަތްކޮށްދޭނެ އައްޑަނަ- އިން ޝާ ﷲ: ޝައިޚް އަބޫބަކުރު ޒައުދު

ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ނަމާދެއްގައިވެސް ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އެދިވަޑައިގެން ކޮންމެ ނަމާދެއްގައި ދުޢާކުރައްވަވާނީ އެކަމުގެ މުހިންމުކަން ކިހައި ބޮޑުވީމާކަން ހިތަށް ގެންނާށެވެ!  

މީސްތަކުންނޭވެ! ކައްވަޅުގައި ކަންކަން ދިމާވާނެ ގޮތް މިއަދަކު ނުއެނގޭނެއެވެ. އެނގޭނީ މަރުވެ ކައްވަޅުގައި ވަޅުލެވުމުންނެވެ. އަހުރެމެންނަށް އެނގޭ ހަމައެކަނި މިންވަރަކީ އެމީހަކަށް އޮންނަންޖެހޭނީ އޭނާގެ ޙިމާޔަތުގައި މަސައްކަތްކޮށްދޭނެ އެއްވެސް މީހަކު ނެތި އެކަނި ކަމެވެ. އެތަނުގައި ﷲ ތަޢާލާ ދެއްވެވި އަލިކަމެއް ނޫން އަލިކަމެއް ނުވާނެކަމެވެ. އޮންނަންޖެހޭނީ ފަސްތަކުން ފިތިބާރުވެގެން ކަމެވެ. އަމިއްލަ ބާރުގައި އެއްވެސް ޙަރަކާތެއް ނުކުރެވޭނެ ކަމެވެ. މިފަދަ ވަރަށް މަދު ކަންކަމެވެ.  

ދެން އެނގޭ ކަމަކީ ނަކީރު މުންކަރު ދެމަލާއިކަތުން ވަޑައިގެން އެމީހަކާއި ސުވާލުކުރައްވަވާނެކަމެވެ. ކުރައްވަވާ 3 ސުވާލަށް ޖަވާބުދޭންޖެހޭނެ ކަމެވެ. އެބޭކަލުން ތިއްބަވާނީ އަހުރެމެން މިތިބޭހެން ރިވެތި ފޭރާމަކު ނޫނެވެ. ލޮލަށް ފެނުނަސް ބިރުން ހަލާކުވެގެންދާނެ ފަދަ ސިފައެއްގައެވެ.  

އެބޭކަލުން ކުރައްވަވާ 3 ސުވާލަށްވެސް ޖަވާބުދެވޭނީ އެމީހެއްގެ ހިތް ތައުހީދުން ފުރިގެންވާ މީހަކަށެވެ. އެކަން އެންމެ ފަސޭހައިން ޙާޞިލުކުރެވެން އޮތް ގޮތަކީ މުލްކް ސޫރަތް ކިޔަވައި މާނަ ދަސްކުރުމެވެ. ހިތުގައި ހަރުލެއްވުމެވެ.  

އިބްން މަސްއޫދުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅަކުން ގޮތުގައި މުލްކް ސޫރަތް އެމީހާ ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދޭނެއެވެ. ނަމަވެސް އެއީ ހަމައެކަނި ދުލުން އެސޫރަތް ކިޔަވައިލައިގެނެއް ނޫނެވެ. މާނަ ދަސްކޮށް ހިތުގައި ބިންވަޅު ނަގާފައިވާނަމައެވެ. އެފަދަ މީހަކާއި ޢަޛާބަށް ކައިރިވެސް ނުވެވޭނެއެވެ. މުލްކް ސޫރަތް އެކަމަށް ހުރަސްއަޅާނެއެވެ.  

މުލްކް ސޫރަތަކީ ކައްވަޅުގެ ޢަޛާބުން ތިބާ ސަލާމަތްކޮށްދޭނެ އައްޑަނައެވެ. އެއައްޑަނަ ފުރިހަމަ ގޮތުގައި ލިބިގަންނާށެވެ!

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން  

- މުލްކް ސޫރަތުގެ މާނައާ ތަފްސީރު:

https://www.quranthafseeru.com/read/67

 

މިއަދު އޮންލައިން