ޢަޛާބު ފުންޏެއް ބޭނުން ނޫންނަމަ ވަޤުތުން ރަތްކާޑު ދައްކަންޖެހޭނެ އެކުވެރިން!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޢަޛާބު ފުންޏެއް ބޭނުން ނޫންނަމަ ވަޤުތުން ރަތްކާޑު ދައްކަންޖެހޭނެ އެކުވެރިން!: ޢުމަރު ސުލައިމާން

މިވާހަކަކޮޅު ފަށަންވީ ހިސާބަކާއިމެދުވެސް ވިސްނަން އުނދަގުލެވެ. އެހެނެއް ކަމަކު ކުރިއަށް ގެންދެވޭނީ ކޮންމެވެސް ހިސާބަކުން ފަށައިގެން ކަމަށްވާތީ ފަށައިގެން ކުރިއަށް ގެންދާނަމެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ތިބާއާއިމެދު ނުބައި ބަސްތަކެއް ބުނި މީހާއަށްވުރެ އަދި ދޮގުވާހަކައެއް ފެތުރި މީހާއަށްވުރެ ނުބައިކަން ބޮޑީ އެވާހަކަ ހިފައިގެން ތިބާގެ ގާތަށް އައި މީހާއެވެ. އެއީ އެކަން ތިބާއަށް އެނގުމުން ތިބާގެ ހިތުގައި އެމީހަކަށް ޙަސަދަވެރިކަން އުފެދޭނެތީއެވެ.  

ވާހަކަ އުފުލާ މީހުންގެ ތެރެއިން އެކަކުވެސް އަނެކާ ބުނި ގޮތަކަށް އެވާހައެއް ނުގެންނާނެއެވެ. އޭނާގެ ބަސްތަކެއް އިތުރުކުރާނެއެވެ. ނޫނީ މަދުކުރާނެއެވެ. އަދި އެވާހަކަ އޭނާ ދެއްކި މަޤްޞަދުވެސް އޮޅުވައިލާނެއެވެ.  

ވަރަށް ގިނަ ފަހަރު ދިމާވާ އެއްކަމަކީ އަނެކާ ރަނގަޅު ނިޔަތުގައި ދައްކާ ވާހަކަތައްވެސް ދެއްކީ ނުބައި ނިޔަތުގައި ކަމަށް ބުނެ އޮޅުވައިލުމެވެ. މިހުރީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ.  

ހަމައެފަދައިން ތިބާ ނޫން މީހުންނާއިމެދު ދައްކާ ވާހަކަތައްވެސް އަޑުނުއަހާށެވެ. އެއިރުން އެވެވެނީ ޣީބަ ބުނުމުގެ ބައިވެރިއަކަށެވެ. ޣީބަބުނުމާއި އެކަމުގައި ބައިވެރިވުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ. 

ވީމާ ވާހަކަ ހިފައިގެން މީހަކު އަތުވެއްޖެނަމަ އެމީހަކަށް ވަޤުތުން ރަތްކާޑު ދައްކާށެވެ! ނޫންނަމަ ޢަޛާބު ފުންޏެއް ބޮލުގައި އަޅަންޖެހިދާނެކަމަށް ބިރުވެތިވާށެވެ! 

 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން