ފަޤީރުންނަށް އެހީތެރިވުމުން ބޮޑަށް ފައިދާކުރާނީ އެހީތެރިވިމީހާއަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފަޤީރުންނަށް އެހީތެރިވުމުން ބޮޑަށް ފައިދާކުރާނީ އެހީތެރިވިމީހާއަށް!: މުފްތީ މެންކް

ފަޤީރު ނިކަމެތިންނާއިމެދު ދެރަގޮތަކަށް ނުވެސް ވިސްނާށެވެ. ބޮޑާވެ ކިބުރުވެރިނުވާށެވެ. އެހެނީ ފަޤީރުން ލައްވަވާފައި ނުވާނަމަ ތިބާއަށް ދެއްވެވި ނިޢުމަތްތަކުން ޞަދަޤާތްކުރަން ބޭނުން ނުވި ނަމަވެސް ޞަދަޤާތްކުރާނީ ކާކަށް ހެއްޔެވެ؟ 

ފަޤީރަކަށް އެހީތެރިވުމުން އެހީލިބުނު މީހާ ފުއްދާނީ އޭނާގެ އަސާސީ ބޭނުންތަކެވެ. ފަޤީރުންނަށް އެހީތެރިވުމަކީ ނަރަކައިން ސަލާމަތްކުރައްވަވާ ސަބަބެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. "ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކުރާށެވެ! ނަރަކައިން ސަލާމަތްވާށެވެ!" އޮތުމުންނެވެ. ވީއިރު ބޮޑަށް ފައިދާމިކުރީ ކާކަށް ހެއްޔެވެ؟  

ﷲ ތަޢާލާ ކޮންމެ އިންސާނަކަށްވެސް ނިޢްމަތްތައް މިންވަރު ކުރައްވަވައެވެ. އެކި މީހުންނަށް އެކި ގޮތަށެވެ. އެކި މިންވަރަށެވެ. އެއްބައިމީހުންނަށް ތަނަވަސްކަން އިތުރުކޮށް ދެއްވަވައިފާނެއެވެ. އަނެއްބައި މީހުންނަށް ޢިލްމު ނުވަތަ ފައިދާކުރާނެ ހުނަރެއް އިތުރު ކުރައްވަވައި ދެއްވަވައިފާނެއެވެ.  

ހަމައެއާއިއެކު ތަނަވަސްކަމެއް ނެތް ފަޤީރުންވެސް ވަނީ ލައްވަވައިފައެވެ. އެމީހުންނަށް އުޅެންޖެހެނީ ބަނޑުހައިހޫނުކަމުންވެސް ސަލާމަތް ނުވެވިގެންނެވެ. އެކަމުގައިވެސް ޙިކުމަތްތަކެއް ވެއެވެ.  

މިޘާލަކަށް މީހަކަށް އެމީހާގެ އަމިއްލަ ބޭނުންތައް ފުއްދައިލެވޭވަރަށްވުރެ އިތުރަށް ދެއްވަވައިފިނަމަ އެއިގެ މާނައަކީ މިބަޔާންކުރިފަދަ ނިކަމެތިންނަށް ހޭދަކުރާށެވެ. އެމީހުންގެ ބޭނުންތައް ފުއްދައިދީ އެމީހުންނަށްވެސް އުފާވެރިކަން ހޯދައިދޭށެވެ.  

ބަރަކާތްތެރި ރަމަޟާންމަހާއި ކުރިމަތިލާންވީ އެ ޢަޒުމްގައެވެ. އެދުވަހަށް ބޭނުންކުރާނެ ވަރަށްވުރެ ގިނައިން ހުރިނަމަ ކޮންމެވެސް މީހަކަށް އެހީތެރިވުމުގެ ނިޔަތުގައެވެ. އަދި ގޭގައި ކެއްކި އެތިކޮޅުން ބައެއް ނަމަވެސް ޞަދަޤާތް ކުރުމުގެ ނިޔަތުގައެވެ.  

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވާ ގޮތަށް ޢަމަލުކުރެވުނުކަމަށްވާނީ މިބުނި މަގުން ކަންކަން ކުރުމުންނެވެ. ހިފާ ރޯދައިގެ ފުރިހަމަ ޘަވާބު ލިބިގެންދާނީވެސް އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން