ހަނދުމަކޮށްދިނުމެއް!: ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގަ ވިދާޅުވުން ދޫކޮށް ނުލެއްވެވުމަށް މުޢާޛްގެ ފާނަށް ރަސޫލް ޞޢވ ވަޞިއްޔަތް ކުރެއްވެވި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގަ ވިދާޅުވުން ދޫކޮށް ނުލެއްވެވުމަށް މުޢާޛްގެ ފާނަށް ރަސޫލް ޞޢވ ވަޞިއްޔަތް ކުރެއްވެވި ދުޢާ!

ޛިކުރުތައް ފަދަ ތަކެއްޗަކީ އަމިއްލައަށް އުފައްދަންހުރި ތަކެއްޗެއް ނޫނެވެ. އެންމެ ބޮޑަށް ފައިދާކުރާނީ ޤުރްއާނާއި ސުންނަތުން ޘާބިތުވާންހުރި ޛިކުރުތައް ކިޔުމުންނެވެ،  

މީސްތަކުން އެންމެ ބޮޑަށް މަސައްކަތްކުރާ އެއްކަމަކީ ކުރާނެ ރަނގަޅު ދުޢާތައް ހޯދުމެވެ. އެއީ އެދުޢާތައްކޮށް އެކަމުގެ ފައިދާ ލިބިގަތުމަށެވެ. އެހެންކަމުން މިބަޔާންކުރަނީ ކޮންމެހެން ކުރަންޖެހޭ ދުޢާއެކެވެ. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގަ ވިދާޅުވުން ދޫކޮށް ނުލެއްވެވުމަށް މުޢާޛްގެ ފާނަށް ރަސޫލް ވަޞިއްޔަތް ކުރެއްވެވި ދުޢާއެކެވެ.  

وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏

”‏يا معاذ والله إني لأحبك‏”‏ فقال‏:‏

‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏
اللهم أعني على ذكرك، وشكرك، وحسن عبادتك‏
رواه أبو داود بإسناد صحيح] 

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ 

"ޔާ ﷲ! އިނބަ ﷲ ހަނދުމަކުރުމަށާއި އިނބަ ﷲ އަށް ޝުކުރުވެރިވުމަށާއި އަދި އިނބަ ﷲ އަށް ރިވެތި ގޮތުގައި އަޅުކަންކުރުމަށް މިއަޅާއަށް އެހީތެރިވެވޮޑިގެންފާނދޭވެ!"  

ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި މިފަދައިން ވިދާޅުވުން ދޫކޮށް ނުލެއްވެވުމަށް މުޢާޛް ބުން ޖަބަލް (ރޢ) އަށް ރަސޫލް ވަޞިއްޔަތް ކުރައްވަވާފައިވެއެވެ.  

ޢިލްމްވެރިން މި މިދުޢާ އާއިމެދު ދެގޮތަކަށް ވިދާޅުވެއެވެ. އެއީ ފަހު އައްތަޙިއްޔާތުގައި ހިމަނައިގެން ކުރުމާއި ސަލާމް ދިނުމަށްފަހު ކުރުމެވެ. ދެގޮތްވެސް ޞައްޙައެވެ. މުހިންމީ މި ދުޢާ ނުކޮށް ނިންމައިނުލުމެވެ.  

ދުޢާގެ މާނައަށް ބަލައިފިނަމަ މިއެދެވެނީ އިންސާނާއަށް ކޮންމެހެން ބޭނުންވާ ކަންކަމަށެވެ. ﷲ ތަޢާލާ ހަނދުމަކުރުމަށާއި ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށާއި އަދި ﷲ ތަޢާލާއަށް ރިވެތި ގޮތުގައި އަޅުކަންކުރުމަށް ތިމަން އަޅާއަށް އެހީތެރިވެވޮޑިގެން ދެއްވެވުމަށެވެ! 

ނަމާދަށްފަހު ގިނަ ބައަކު ޛިކުރުކޮށް ދުޢާވެސް ކުރެއެވެ. އެހެންކަމާއިއެކުގައިވެސް ސަލާމް ދިނުމާއިއެކު ތެދުވެ މިސްކިތުން ނުވަތަ މުސައްލަމަތިން ފައިބައިގެންދާ ބައަކުވެސް އުޅެއެވެ. ވީމާ މިއީ އެފަދަ މީހުންނަށް ހަނދުމަކޮށްލައިދިނުމެކެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން