މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތިމާކުރާ އަޅުކަމުގެ ވާހަކަ ބުނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވޭ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތިމާކުރާ އަޅުކަމުގެ ވާހަކަ ބުނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވޭ!: ބިލާލް އައްސަދު

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާކުރާ އަޅުކަމުގެ ވާހަކަ ދެއްކުމަކީ އެއަޅުކަން ގެއްލިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެވިސްނުން ރަނގަޅެއް ނޫނެވެ. އަޅުކަން ގެއްލިގެންދާނީ ދެއްކުންތެރި ކަމުގެ ނިޔަތުގައި އެވާހަކަ ދެއްކުމުންނެވެ. އެއިގެ ބަދަލުގައި އެހެން މީހަކަށް ނުވަތަ ބައަކަށް އަޅުކަންކުރަން ހިތްވަރުދިނުމުގެ ގޮތުން އެވާހަކަ ބުނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

މިޘާލަކަށް ޞަދަޤާތް ދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ތިމާކުރާ ޞަދަޤާތުގެ ވާހަކަ ދެއްކިދާނެއެވެ. ސުންނަތް ރޯދަހިފުމަށް ހިތްވަރުދިނުމުގެ ގޮތުން ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފާކަމަށް ބުނެވިދާނެއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.

ވިސްނާށެވެ! އަޅުކަންކުރަން އެހެން މީހުންނަށް ހިތްވަރުދިނުން ހިމެނިގެންދާނީ އިސްލާމްދީނަށް ނަޞްރު ދިނުމުގެ ޢަމަލުތަކުގެ ތެރެއިންނެވެ. އަހުރެމެން އަބަދުވެސް މަސައްކަތްކުރަންވީ އިސްލާމް ދީނަށް ނަޞްރު ދިނުމަށެވެ. އިސްލާމް ދީނަށް ނަޞްރުދޭ މީހަކަށް ﷲ ތަޢާލާ ނަޞްރުދެއްވަވާނެތެވެ. އިން ޝާ ﷲ  

އަހުރެމެންނަށް ކުރެވޭ އަޅުކަމަށް އުފާކުރަންވާނެއެވެ. ހަމައެއާއިއެކު އަބަދުވެސް މަސައްކަތްކުރަންވީ ކުރެވޭ އަޅުކަން ގިނަކުރުމަށެވެ. އަދި ރަނގަޅު ފެންވަރުގައި އަޅުކަންކުރުމަށެވެ. ކުރެވޭ އަޅުކަމަށް ފަޚުރުވެރިވެ އެހިސާބުން ފުއްދައިލުމުން އެހެދެނީ ގޯހެކެވެ.  

ހަމައެއާއެކު ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އެއްކަމަކީ ރިވެތި އަޚްލާޤެވެ. ޤުރްއާނާއި ސުންނަތުން ފެންނަން ހުރި ރިވެތި އަޚްލާޤީ ސިފަތައް ލިބިގަންނަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބި އިތުރުވަމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން