ދަރިން ލިބި ޢުމުރުން ދުވަސްވީފަހުން ފިރިމީހާ ހަގު ކުއްޖަކާ ކައިވެނިކުރަން އުޅުމުން އަނބިމީހާ ދެކޮޅެއް ނުހަދައެވެ. ހުއްދަދިނެވެ. އަދި މިއަދާއި ހަމައަށްވެސް ދޮށީ އަނބިމީހާ ނުރުހުމުގެ އެންމެ ބަހެއްވެސް ނުބުނެއެވެ. ނަމަވެސް ހަގު އަނބިމީހާގެ ކަމަކީ ދޮށީ އަނބިމީހާއަށް މަލާމާތްކޮށް ފުރައްސާރަކުރަމުން ހިނގުމެވެ. އެކަމަށް ބަހެއް ބުނާކަށް ފިރިމީހާއަކަށް ނުކެރެއެވެ. މިއީ ހަމަ ދީނުގަ އެކަން އޮތްގޮތޯ ފިރިމިހާ ޢަމަލުކުރަން؟
ޖަވާބުގައި ބުނަން އޮތީ ސުންނަތުން ފެންނަން އޮތީ ދިމާ އިދިކޮޅެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ.
ތިމާއަށް ތަނަވަސްކަމާއި މަތީ މަޤާމު ލިބުން ފަދަ ނިޢްމަތްތައް ދެއްވެވުމުން ތިމާ ދަތިޙާލުގައި އުޅުނު ދުވަހު އެކަންކަމަށް ރުހި ކިޔަމަންތެރިކަމާއިއެކު ތިމާ އާއިއެކުގައި ހުރި އަނބިމީހާ، އަދި ޚާއްޞަކޮށް ދަރިންގެ މަންމަ ނިކަމެތިކޮށްލާ މީހުން އިތުރަށް ވިސްނައިލުން ބުއްދިވެރިއެވެ.
"ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ވާހަކަފުޅު ދައްކަވައި، އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން ޢާއިޝަތުގެފާނުގެ ހިތްޕުޅަށް ޣީރަތްތެރިކަން ވަދެގެންދިޔައެވެ. އެޔާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ.
[ކަލޭގެފާނު އަބަދު އެ މުސްކުޅި އަންހެނާގެ ވާހަކަދައްކަވައި، ތާރީފުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަމަނާއަކީ، އެހާ ރީތިފުޅު ބޭކަނބަލެއްވެސް ނޫނެއްނޫންތޯއެވެ؟ އެކަމަނާއަށް ވުރެ މާ ރީތި އަނބިއަނބިކަނބަލުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވޭނޫންތޯއެވެ؟]
ޢާއިޝަތުގެފާނުގެ މި ޝަކުވާ ބަސްފުޅަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޖަވާބު ދެއްވަމުން ވިދާޅުވެފައިވެއެވެ.
[އެކަމަނާފަދަ އެހެން އަނބިކަނބަލަކު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނެތެވެ. މީސްތަކުން ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ޝައްކުކުރަމުން ގެންދިޔައިރު، އެކަމަނާ ތިމަންކަލޭގެފާނުގެ ނުބުއްވަތަށް ހެކިވެވަޑައިގެންނެވިއެވެ. އީމާންވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުދާ ތިމަންކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ދަރީން ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ.]
ބައެއް މުއައްރިޚުން ލިޔުއްވައިފައިވާ ގޮތުގައި ޢާއިޝަތުގެފާނު، އިސްވެދިޔަ އިބާރާތްތައް ޚަދީޖަތުގެފާނަށް ނިސްބަތްކުރެއްވުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާއިސް ކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅުން މިކަން ފާހަގަކުރެއްވުނު ހިނދު ޢާއިޝަތުގެފާނު އެކަމަށް މާފުއެދިވަޑައިގެން ދެން ދުވަހަކުވެސް ޚަދީޖަތުގެފާނުގެ ވާހަކަފުޅު ރަނގަޅުގޮތުގައި މެނުވީ ނުދައްކަވާނެކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވިއެވެ.
އަދިވެސް ޢާއިޝަތުގެފާނުގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އެއްފަހަރަކު ޚަދީޖަތުގެފާނުގެ އުޚުތު ހާލާ ބިންތި ޚުވައިލިދު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެން ދޮރުކޮޅުގައި ޓަކިޖައްސަވައި، އެތެރެއަށް ވަދެވަޑައިގެންނެވުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. ހާލާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން ޒައިނަބުގެފާނުގެ ފިރިކަލުންގެ މަންމާފުޅުވެސްމެއެވެ. ހާލާ އިޒުނައަށް އެދިވަޑައިގެންނެވިގޮތުން، އެކަލޭގެފާނަށް ޚަދީޖަތުގެފާނުގެ މަތީން ހަނދުމަފުޅުވިއެވެ. އެކަލޭގެފާނު ހާލާ އެތެރެއަށް ވައްދަވާ ވަރަށް ހެޔޮފުޅުކޮށް ކަންތައްކުރެއްވިއެވެ."
{މައުލޫމާތު ނެގީ، ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުން}