ދޮށީ ޢުމުރުގެ އަންހެނުންނާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުލުމެއް ނުލިބޭނެ ކަމަށް ބުނާ ބައަކު އުޅެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއް ޢުމުރުން ކައިވެނިކުރުންވެސް ރަނގަޅެއް ނޫނެވެ. އަނެއް ބައަކު ދެކޭ ގޮތުގައި ރަނގަޅި 5 ނުވަތަ 10 އަހަރު ހަގު އަންހެނުންނެވެ.
މިފަދަ ވާހަކަތައް ދައްކަނީ ކައިވެނިކުރަނީ އެންމެ ބޭނުމަކު އެކަނި ކަމަށް ދެކޭ މީހުންނެވެ. އެހެން ބުނަން މިޖެހެނީ މިފަދަ ބަސްތައް ބުނަނީ އަންހެނުން އަވަހަށް ޢިއްދައިން ކެނޑޭ މައްސަލައަށް ބަލައިގެން ކަމަށްވާތީއެވެ.
އަންހެނުން ޢިއްދައިން ކެނޑޭ ފަދައިން ފިރިހެނުންގެ ތެރެއިންވެސް ބައެއް މީހުން ނުހަނު ޒުވާން ޢުމުރުގައި މައްސަލަތައް ކުރިމަތިވެއެވެ. އަދި އެކަން ކުރިމަތިވާނީ ނުވާނީ ކާކަށް (ކޮންފިރިހެނަކަށް) ކަމެއް ނުއެނގޭނެއެވެ.
މިކަމުގައި ބޭރުގެ ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ކަމެއް ބަޔާންކޮށްލާނަމެވެ. އެއީ ޒަމާނުގެ ނަމުގައި ދިރިއުޅުމަށް ގެނެސްފައިވާ "ފެންޓަސީ، އެކްސްޓަސީ" އިންޤިލާބުތަކުގެ ޝިކާރައަކަށްވެ ނާރުތަކުގެ ބާރުދެރަވުމުން ޒުވާން ޢުމުރުގައި ގިނަ ޢަދަދެއްގެ ފިރިހެނުން ފިރިހެންކަމުން މަޙްރޫމްވާ ކަމެވެ. ބޭސްކައިގެން ނޫނީ އެނދުގައި އޮށޯވެވެސް ނުލެވޭ ޒުވާނުން ގިނަވަމުން ދަނީ ބޭނުންކުރާ ބާރުގަދަ ބޭސްތަކާ، ބަނގުރަލާ ޑްރަގުގެ ބާވަތްތަކުގެ ސަބަބުންކަން ޑޮކްޓަރުންވެސް ފާހަގަކުރެއެވެ.
ޑޮކްޓަރުން މިފަދައިން ބުނަނީ އެއީ އެކަން ގިނަބައަކަށް ކުރިމަތިވާ ސަބަބުކަމަށްވާތީއެވެ. އެބާވަތުގެ ޢަމަލެއް ނުކުރާ ފިރިހެނުންނަށްވެސް މައްސަލަތައް ކުރިމަތިވެއެވެ. ވީމާ އެއްދާން ކުރުމުގައި ކުރިން ފޭލްވަނީ ނުވަތަ ނުކުޅެދެނީ އަންހެނުންކަމަށް ނިންމަން އުނދަގޫތަކެއް އެބަހުއްޓެވެ.
ދެމަފިރިން އެއްދާންކުރުމަކީ ކައިވެނީގެ އެންމެ ބޮޑު ބޭނުން ކަމަށް ނިންމުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނީގެ ގުޅުމަކީ އެއަށްވުރެ މާމަތިވެރި ގުޅުމެކެވެ. އަދި އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީވެސް އެއީއެއް ނޫނެވެ.
އުފާވެރިކަން ގުޅިފައިވަނީ ހިތްހަމަޖެހުމާއިއެވެ. ހިތްހަމަޖެހުން ގުޅިގެންދަނީ ތަޤްވާވެރިކަމާއިއެވެ. ކާމިޔާބު ގުޅިގެންދަނީ ސުވަރުގެދާން ކުރެވޭ މަސައްކަތްތަކާއިއެވެ.
އަހުރެންގެ ވިސްނުމުގައި އެންމެ ބޮޑަށް ހިތްހަމަޖެހުން ލިބޭނީ ތެދުވެރި ލޯބިންނެވެ. އަޅައިލުމާއި އޯގާތެރިކަމުންނެވެ. އެކަންކަމަކީ ޢުމުރާއި ގުޅިފައިވާ ކަމެއް ނޫނެވެ. ރިވެތި އަޚްލާޤާއި އަދި ތަޤްވާވެރިކަމާއި ގުޅިފައިވާ ކަންކަމެވެ.
އަހުރެން މިދެއްކި ވާހަކަތަކުގެ ދަލީލަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކައިވެނިފުޅުތަކެވެ. ޢުމުރުފުޅުގެ ތަފާތު ބޮޑުކަން އަމިއްލައަށް ދިރާސާކޮށްލުމުން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކައިވެނި ކުރެވޭ އަންހެން މީހާގެ ޢުމުރު ފިރިހެން މީހާ އަށް ވުރެ ދޮށި ވުމަކީ ދީނީ ގޮތުން އެއްވެސް މައްސަލަ އެއް އޮތް ކަމެއް ނޫނެވެ. ކައިވެނި ކުރެވޭ އަންހެން މީހާ އަކީ ޢުމުރުން ހަގު މީހަކު ކަމުގައިވާން ވާނެ ކަމަށް ގިނަބަޔަކު ވާހަކަ ދައްކާ ސަބަބަކީ އަންހެނުންނަކީ ވަކި ޢުމުރަކުން ޢިއްދައިން ކެނޑޭ ބަޔަކަށްވުމުން އެދުންވެރިކަން ނާންނަ ގޮތް މެދުވެރިވެދެއެވެ. އެއާއި ޚިލާފަށް ފިރިހެން މީހާ އަކީ އެފަދަ ކަމެއް ދިމާވާ މީހެއް ނޫނެވެ.
އެހިސާބުން ދެމީހުންގެ މެދުގައި މައްސަލަތައް އުފެދެން ދިމާވެދެއެވެ. އެހެންކަމުން، ތިމާ އަށް ވުރެ ޢުމުރުން ހަގު އަންހެނަކާ ކައިވެނި ކުރުމަށް މީހުން ނަޞޭޙަތްތެރިވެ އުޅެއެވެ. ނަމަވެސް، ތިމާ އަށް ވުރެ ދޮށީ މީހަކާ ކައިވެނި ކުރުމުގައި ދީނީ ގޮތުން ހުރަހެއް ނެތެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް