އަހުރެމެންގެ އީމާންކަން ފުރިހަމަވާން އޮތީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އހެން މީހުން ސަލާމަތްވުމުންނެވެ. ނަމަވެސް އެކަމަށް ވިސްނާނުލައި އެހެން މީހުންނަށް ގެއްލުން ދެމުން ހިނގާ ބައަކު އުޅެއެވެ. އެއިގެ ތެރޭގައި އެންމެ ގިނަ އެއް ބައަކީ ދެމަފިރިންގެ ދެމެދުގައި އަދި ޢާއިލާ ތެރޭގައި ފިތުނަ އުފެދޭނެ ވާހަކަތައް ހިފައިގެން ހިނގާ މީހުންނެވެ.
އެފަދަ މީހުންގެ ސަބަބުން އަނިޔާ ލިބޭ މީހުން އެމީހުންނަށް ބަދުދުޢާކުރާނެއެވެ. އެއީ ކޮށްގެން ނުވާނެ ކަމެއް ނަމަވެސް އެކަން ކުރެވެއެވެ. އެމީހެއްގެ ނުބައި ކަމުން ސަލާމަތްކޮށްދެއްވެވުމަށް އެދެވެއެވެ. ވީމާ މިކަމަކީ ވިސްނަން ޖެހޭނެ ކަމެކެވެ.
އަދި މީނޫންވެސް ގޮތަކަށް މީސްތަކުންނަށް ގޯނާ ކުރެވޭ މީހުން ތިރީގައިވާ ލިޔުމުގައިވާ ކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ. ވިސްނައިފިނަމަ އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ
"އެހެރަދާ މީހެއްދޯ! އެމީހާ މިހާރު ވަރަށް މުސްކުޅިވެއްޖެ! ބަލިކަށިވެއްޖެ! ދެން އޭނާ މާގިނަ ދުވަހަކު ދުނިޔެއަކު ނުހުންނާނެ!" މިއީ އެއްވެސް މީހެއްގެ ދުލުން އެއްވެސް މީހަކަށް ބުނެގެން ނުވާނެ ޢިބާރާތެއް ނަމަވެސް ޙަޤީޤަތް ޤަބޫލުކުރާށެވެ! މީސްތަކުން މިފަދަ ބަސްތައް ބުނާ ކިތަންމެ މީހަކު އުޅޭނެއެވެ.
މަގުމަތިން ހިނގާފައިދާ މީހަކު ފެނުމުން ބަލަންތިބޭ މީހުން މިފަދަ ބަސްތައް ބުނަނީ އެމީހެއްގެ ސަބަބުން މީސްތަކުންނަށް ދަތިތައް ކުރިމަތިކުރުވާތީއެވެ. އޭނާގެ ނުބައިކަން މީހުންނަށް ފޯރާތީއެވެ. އޭނާގެ އަތާއި ދުލުގެ ނުބައިކަމުން މީސްތަކުންނަށް ސަލާމަތް ނުވެވިފައި ތިބެންޖެހޭތީއެވެ. ކުރުގޮތަކަށް ބުނާނަމަ އޭނާގެ އުނދަގުލާއިހުރެ މީސްތަކުން އެތިބެނީ އޭނާ މަރުވާނެ ވަޤުތެއްގެ އިންތިޒާރީގައެވެ. ވީހާއަވަހަކަށް މަރުވުން އެދިދިއެދިއެވެ.
ކޮންމެ މީހަކުދެކެވެސް ރުޅިއަންނަ ބައަކުތިބެދާނެއެވެ. ނަމަވެސް މުޖުތަމަޢުގެ ގިނަ ބައަކު މީހަކުދެކެ ރުޅި އަންނަނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އެމީހަކަށް އުޅެވެނީ ރަނގަޅަށް ނޫންކަމެވެ.
މީސްތަކުންނޭވެ! މީހަކު ހެޔޮބަހެއް ބުނެފިނަމަ އެބަސްބުނި މީހާއަށް ނުބަލައި އެމީހާ ބުނިބަހަށް ބަލާށެވެ! އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އަވަހަށް އިޞްލާޙްކޮށްލާށެވެ. މީސްތްކުންނާއި އެކުވެރިވާށެވެ. ތިމާއަކީ އެހެން މީހުންނަށްވުރެ މޮޅު ނުވަތަ މާމަތީ މީހެއްކަމަށް ހީވެސް ނުކުރާށެވެ. ހުރިހާ އެންމެންނަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. މަތިވެރިކަން ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
މީސްތަކުންނޭވެ! އެމީހަކު ރަނގަޅަށް އުޅެމުން ދަނިކޮށް އެމީހަކަށް މީސްތަކުން ނުބައިބަސްތައް ބުނިނަމަވެސް ކަންބޮޑުނުވާށެވެ! އެމީހާ ހުރި ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހާ ކުރާ ޢަމަލުތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީހަކު ނުވަތަ ބައަކު ހަދާ ދޮގަކުން ﷲ ތަޢާލާ އެމީހަކަށް ކަނޑައަޅުއްވަވާނެ ނިޔާ ބަދަލެއް ނުވާނެއެވެ. އެމީހަކަށް ދެއްވަވަންހުރި ނިޢުމަތްތައް މަދެއް ނުކުރައްވަވާނެތެވެ.
އެހެނަސް އެމީހެއްގެ ހުރި ނުބައިކަމުން އެއީ ނުބައި މީހެއްކަމަށް މީސްތަކުން ބުނާނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. ވީމާ ކޮންމެ މީހަކުވެސް އެހެންމީހުންނާއިމެދު ކަންކަންކުރަންޖެހޭނީ ވީހާ ރަނގަޅަކަށެވެ. ނޫންނަމަ އެއީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން