ފިރިމީހާ ކަމަށްވުމަކީ އަނބިމީހާގެ އެކައުންޓުގެ ތަފްޞީލް އެނގެންޖެހޭ ސަބަބެއް ނޫނެވެ. އެކައުންޓުގައި ނެގެންހުރިވަރު އެނގެންޖެހޭ ސަބަބެއްވެސް ނޫނެވެ. އަދި އަނބިމީހާގެ އަމިއްލަ ފައިސާ ދިނުން މަޖުބޫރުވާ ސަބަބެއްވެސް ނޫނެވެ.
އެހެނެއް ނޫނެވެ. އަނބިމީހާ ހިތުން ރުހުމުން ދޭނަމަ އެއީ މައްސަލައެއް ނޫނެވެ. އެއީ އޭނާގެ ރަނގަޅުކަމެވެ. ސަބަބަކީ ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ ވާޖިބަކަށްވާތީއެވެ.
ފިރިމީހާއަސްވެސް އޮތީ އެގޮތެވެ. އޭނާގެ މާލީ ތަނަވަސްކަމުގެ ތަފްޞީލް އަނބިމީހާއަށް ދޭކަށް ނުޖެހޭނެއެވެ. ޖެހޭނީ އަނބިމީހާގެ ބޭނުންތައް ފުއްދައިދޭށެވެ. ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައްކޮށްދޭށެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.
މިފަދަ މައްސަލަތައް ކުރިމަތިވަނީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅުގޮތުގައި ނުއޮންނާތީއެވެ. ގުޅުން ރަނގަޅު ގޮތުގައި އޮންނަނަމަ ފައިސާގެ މައްސަލަތަކުގައި ދެބަސްވާކަށް ނުޖެހޭނެއެވެ.
ގިނަ ފަހަރު ދިމާވާ ގޮތަކީ އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދީ އުޅެމުން އައިސް އަނބިމީހާގެ އަތުން ފައިސާއަށް ބޭނުންވުމުން ހެޔޮވާން މަސައްކަތްކުރެވެނީއެވެ. އެޙާލަތުގައި އަނބިމީހާ އެކަން ޤަބޫލުކުރަން ބޭނުންނުވަނީއެވެ.
ވީމާ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަންދީ ލޯބިދީ އެހީތެރިވެގެން ދިރިއުޅެން މަސައްކަތްކުރާށެވެ. ދެމީހުންނަކީ އެކެއްކަން ދެމީހުންނަށްވެސް އިޙްޞާޞްކުރެވޭނެ ގޮތަށް ދިރިއުޅެމުން ގެންދާށެވެ. އެއިރުން މިބާވަތުގެ މައްސަލަތަކެއް ނުޖެހޭނެއެވެ.
- މަޢުލޫމާތު: ޝައިޚް ޢާބިމް އަލްޙަކީމްގެ ދަރުސަކުން