ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކައާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ- 1

ކިޔުމަށް ހޭދަވާނީ 6މ 40ސ
ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކައާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ- 1

ޢަލީ އިޙްޞާން ފިރާޤް

 

ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކަ: 

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޛުލްޤަރުނައިންއަކީ، އަރަހުށި މާތްﷲ އެބޭކަލަކަށް ގިނަގުނަ ނިޢުމަތްތައް ދެއްވި ރަސްކަލެކެވެ. ބައެއް ރިވާޔަތްތަކުގައި އެކަލޭގެފާނަކީ ނަބީބޭކަލެއްކަމަށާއި، އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނަކީ މަލާއިކަތްބޭކަލެއް ކަމަށްވެސް ބަޔާންވެގެން އައިސްފައިވެއެވެ. ނަމަވެސް ފަހުން މިދެންނެވި ދެބުނުމަށް ތާޢީދު ލިބޭ އެއްވެސް ޞައްޙަ ޙަދީޘެއް ނުވަތަ ޤުރްއާނުގެ އާޔަތެއް ނުވެއެވެ. 

ތާރީޚުގައި: 

ޛުލްޤަރުނައިންއާ ބެހޭގޮތުން ޤުރްއާނުގައިވާ މިންވަރު ފިޔަވައި، އިތުރަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ބަޔާންވެފައިވާ ޙަދީޘެއް ތާރީޚު ފޮތްތަކުގައި ޢިލްމުވެރިން ބަޔާންކޮށްފައެއްނެތެވެ. ޣަރީބު ޙަދީޘެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. 

مَا أَدْرِي أَتُبَّعٌ كَانَ لَعِينًا أَمْ لَا ، وَمَا أَدْرِي أَذُو الْقَرْنَيْنِ كَانَ نَبِيًّا أَمْ لَا….){ المستدرك على الصحيحين،كِتَابُ التَّفْسِيرِ، تَفْسِيرُ سُورَةِ حم الدُّخَانِ،حديث رقم 3640}

މާނައީ: [ތުއްބަޢު އަށް ލަޢުނަތްލެއްވިކަމެއް ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. ޛުލްޤަރުނައިނަކީ، ނަބިއްޔެއްކަމެއް ނުވަތަ ނޫންކަމެއް ތިމަންކަލޭގެފާނަށް އެނގިފައެއްނެތެވެ.]

މިދެންނެވި ޙަދީޘާމެދު ޙަދީޘް ޕޯޓަލްގައި އޮންނަނީ، [هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ وَلَمْ يُخَرِّجَاهُ] މި ޙަދީޘަކީ ދެ ޝައިޚުން ޔަޢުނީ ބުޚާރީ އާއި މުސްލިމުގެ ޝަރްތުތަކުގެ މައްޗަށް ޞަޙީޙު ޙަދީޘެއް ކަމަށެވެ. ނަމަވެސް އެބޭކަލުން މި ޙަދީޘް ރިވާ ކުރައްވައިފައެއްނުވއެވެ.

.{http://hadithportal.com/index.php?show=hadith&h_id=3640&book=37} 

ނަމަވެސް ކުރިން ދެންނެވުނު ފަދައިން އަލްބިދާޔާ ވައްނިހާޔާގައިވަނީ މި ޙަދީޘަކީ ޣަރީބު ޙަދީޘެއް ކަމުގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 537} 

ކުރިން ދެންވިފައިވާނެ ފަދައިން ޛުލްޤަރުނައިންއާ ބެހޭ ގޮތުން ވާރިދުވެގެން އައިސްފައިވާ ވަރަށް ގިނަ ތާރީޚީ ރިވާޔަތްތަކެއް ތަފްސީރު ފޮތްތަކާއި ތާރީޚު ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. ތާރީޚަކީ މާބޮޑު އިތުބާރެއްހުރި އެއްޗެއް ނޫނެވެ. އެފަދަ ތާރީޚީ ރިވާޔަތްތައް އެއްރިވާޔަތް އަނެއް ރިވާޔަތާ ވަރަށް ފުށުއެރުންވެސް ބޮޑެވެ. އެހެން ނަމަވެސް ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި، އިބްނު ކަޘީރު އޭނާގެ ތާރީޚުގައި ލިޔުއްވައިފައިވާ ބައެއް ރިވާޔަތްތައް މިތަނުގައި ނަކަލުކުރަން ޤަސްދުކުރަމެވެ. 

ޛުލްޤަރުނައިންއާ ބެހޭގޮތުން ވާރިދުވެގެންވާ ބުނުންތަކުގެ ތެރެއިން އެންމެ ޣަރީބު ނުވަތަ ޟަޢީފު ބުނުމަކީ އެކަލޭގެފާނަކީ މަލާއިކަތްބޭކަލެއް ކަމުގައި ބުނާ ބުނުންކަމަށް އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ، އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ. އެއްފަހަރު ޢުމަރުގެފާނަށް، މީހަކު އެހެން މީހަކާ ދިމާއަށް [ޛުލްޤަރުނައިން] އޭ ކިޔާ ގޮވައިލި އަޑު އިވިވަޑައިގަތެވެ. އެ ވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. [ޚަބަރުދާރެވެ. ނަބީބޭކަލުންގެ ނަންފުޅުތަކުން ތިޔަބައިމީހުންގެ ނަފުސުތަކަށް ނަންދިނުމުން ތިޔަބައިމީހުންނަށް ނުފުދުނީ ހެއްޔެވެ؟ މިހާރު ތިޔަ ކިޔަނީ މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުންނެވެ.] މި ރިވާޔަތަކީ ޣަރީބު ރިވާޔަތެކެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 537} 

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ޛުލްޤަރުނައިންއަކީ ޞާލިޙު ރަސްކަލެކެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް އެކަލާނގެ ފޮތުގައި ތާރީފުގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ. އެކަލޭގެފާނަށް ކާމިޔާބާއި ފަތަޙަ މިންވަރުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ރަސްކަމުގެ ވަޒީރެއްކަމުގައި ހުންނެވީ ޚަޟިރުގެފާނެވެ. ލަޝްކަރުގެވެރިކަމާއި، ރަސްގެފާނަށް މަޝްވަރާ ދެއްވައި ހައްދަވަނީވެސް ޚަޟިރުގެފާނެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 538} 

الأزرقي ވިދާޅުވެފައިވެއެވެ. [ޛުލްޤަރުނައިން އިސްލާމްވެވަޑައިގެންނެވީ އިބްރާހީމުގެފާނުގެ އަތްޕުޅުމައްޗަށެވެ. އެކަލޭގެފާނު، އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއެކު ކަޢުބާގެ އަރިހުގައި ޠަވާފު ކުރައްވައި ހެއްދެވިއެވެ.] عبيد بن عمير ވިދާޅުވެފައިވެއެވެ. [ޛުލްޤަރުނައިން އެއްފަހަރަކު ހިނގަވައިފައި ޙައްޖުވެވަޑައިގަތުމަށް ނުކުމެވަޑައިގަތެވެ. އެ ޚަބަރު އިބްރާހީމުގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ޛުލްޤަރުނައިންއަށް މަރުހަބާ ދެންނެވުމަށް ނުކުމެވަޑައިގަތެވެ. އަދި އެކަލޭގެފާނާ ބައްދަލުކުރައްވައި ހެޔޮ ނަސޭހަތް ދެއްވައި ހެއްދެވިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 538}

މިދެންނެވުނީ ޛުލްޤަރުނައިންއާ ބެހޭ ގޮތުން އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވާ ބައެއް ތާރީޚީ ރިވާޔަތްތަކެވެ. މިދެންނެވުނު ރިވާޔަތްތަކުގެ އިތުރުންވެސް އެތައް ރިވާޔަތްތަކެއް އިބްނު ކަޘީރު ގެންނަވައިފައިވެއެވެ. ޛުލްޤަރުނައިންގެ ނަސަބުނާމާވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ނަމަވެސް ޚިލާފުތައް ބޮޑުކަމުން އެ ރިވާޔަތްތައް މިތަނުގައި ބަޔާން ކުރާކަށް އަޅުގަނޑު ޤަސްދެއް ނުކުރަމެވެ. 

ތަފްހީމުލް ޤުރްއާނުގައި އަބުލް އަޢުލާ މައުދޫދީ ލިޔުއްވައިފައިވެއެވެ. ޛުލްޤަރުނައިނަކީ ކޮން ބޭކަލެއްކަމާއި މެދު އެންމެ އިހު އުޅުނު މުއައްރުޚުންނަނާއި ތަފްސީރު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ، اسکندر مقدونی ކަމުގައެވެ. އެއީ، އެލެކްޒެންޑާ ދަ ގުރޭޓް (Alexander the Great) އެވެ. ނަމަވެސް، ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ޛުލްޤަރުނައިންގެ ސިފަފުޅުތައް އެލެކްޒެންޑާ ދަ ގުރޭޓް ގެ ސިފަތަކާ ތަފާތެވެ. 

މި ޒަމާނުގެ ބައެއް ޢިލްމުވެރިން ޛުލްޤަރުނައިނަކީ ޢިރާޤުގެ ގަދީމީ ރަސްކަލެއްކަމުގައިވާ کوروش کبیر ކަމުގައި ލިޔުއްވައިފައިވެއެވެ. کوروش کبیر އަކީ {Cyrus the Great} ސައިރަސް ދަ ގުރޭޓްއެވެ. އޭނާއަކީވެސް ވަރަށް ގިނަ ރަށްތަކެއް ފަތަޙަކޮށް އެރަށްތަކުގައި މާތްﷲ ގެ ފޮތުން ޙުކުމަކޮށް އުޅުނު ރަސްކަލެއްކަމުގައި މުއައްރިޚުން ލިޔުއްވައެވެ. ނަމަވެސް ތާރީޚީ ގޮތުން ލިބެންހުރި  މިފަދަ ހެކިތަކަކުން ސައިރަސް ދަ ގުރޭޓްއަކީ ޛުލްޤަރުނައިން ކަމުގައި ކަނޑަނޭޅޭ ހުއްޓެވެ. އެކަމަށް މިއަށްވުރެ އަލިގަދަ ދަލީތުތައް ބޭނުންވާނެއެވެ. މިވާހަކަތައް ތަފްޞީލުކޮށް ތަފްހީމުލް ޤުރްއާނުގައި މައުދޫދީ ލިޔުއްވައިފައިވެއެވެ. {މައުދޫދީ، ތަފްހީމުލް ޤުރްއާނު، ކަހުފު ސޫރަތުގެ 83 ވަނަ އާޔަތުގެ ތަފްސީރު}

ފެށުމުގައިވެސް ދެންނެވިފައިވާނެ ފަދައިން، ޛުލްޤަރުނައިންއާ ބެހޭ ގޮތުން ވާރުދުވެގެންވާ އެންމެ މަޝްހޫރު ބަހަކީ، އޭނާއަކީ އަރަހުށި މާތްﷲ ގިނަ ނިޢުމަތްތަކަކާއި ބާރެއްދެއްވި ޢަދުލުވެރިން ރަސްކަލެއްކަމުގައެވެ.

(އަދި ނުނިމޭ)

 

މިއަދު އޮންލައިން