އިންސާނުންނަކީ ވަރަށް ފަސޭހައިން ކަންކަން ހަނދާންނެތޭ ބައެކެވެ. އެހެންވެ ރޯދައަށް ހުރެފައި، ހަނދާންނެތިގެން އެބަ ކައިބޮއިހެދެއެވެ. ގިނަފަހަރަށް މިފަދަ ކަންކަން ކުރިމަތިވާނީ ރޯދަ ނުހިފާ ބައަކާއިއެކު އުޅޭނަމައެވެ. އަދި ސުންނަތް ރޯދަ ނުވަތަ ޤަޟާ ރޯދަހިފާ ދުވަސްތަކުގައެވެ.
ކޮންމެއަކަސް ﷲ ތަޢާލާ ވަނީ މިކަމުގައި ވަރަށް ބޮޑު ޢިނާޔަތެއް ދެއްވަވައިފައެވެ. އެއީ ރޯދައަށް ހުރެ ހަނދާން ނެތިގެން ކައިބޮއި ހެދުނު ނަމަވެސް ރޯދަ ނުގެއްލޭނެ ކަމަށް އޮތުމުންނެވެ. އެމީހަކަށް އޮތީ ރޯދައާއިގެން ކުރިއަށް ދިއުމެވެ.
އެހެނަސް އިރުއޮއްސުނުކަމަށް ބަލައި ރޯދަވީއްލިފަހުން، ތިމާއަށް ރޯދަވީއްލުނީ އިރުއޮއްސުމުގެކުރިންކަން އެނގިއްޖެނަމަ އޮތީ ފަހުން އެރޯދަ ޤަޟާކުރުމެވެ. އެއީ ނުއެނގިހުރެ ކުރެވުނު ކަމަކަށްވުމުން އެކަމުގެ ސަބަބުން އޭނާއަކަށް އެއްވެސް ފާފައެއް ނެތެވެ. އެހެނަސް އޮތީ ފެއްލުނު ރޯދަ ޤަޟާކުރުމެވެ!
ޢުމަރުގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރު މިފަދަ ކަމެއް ހިނގިއެވެ. އެންގެވީ ރޯދަ ޤަޟާކުރުމަށެވެ.
--މަޢްލޫމާތު: ޝައިޚް ޢަލީ ޒައިދު