ދުޢާކުރުމަށްފަހު ތިމާ ކުރި ދުޢާ ޢިޖާބަކުރައްވަވާނެކަމަށް ޝައްކުކުރުމަކީވެސް ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ސަބަބެއް! އަދި ކުރެވޭ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުޢާކުރުމަށްފަހު ތިމާ ކުރި ދުޢާ ޢިޖާބަކުރައްވަވާނެކަމަށް ޝައްކުކުރުމަކީވެސް ދުޢާ ޢިޖާބަ ނުކުރައްވަވައިފާނެ ސަބަބެއް! އަދި ކުރެވޭ ބޮޑު ފާފައެއް!

ކުރާ ދުޢާގެ ފައިދާ ގިނަ ބައަކަސް ނުކުރާ އެންމެ ބޮޑު ސަބަބަކީ ދުޢާކުރުމަށްފަހު އަމަލުކުރެވޭ ގޮތެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަންޖެހޭ އިތުބާރު ކަނޑައިލާ ކަމެވެ. ހިތުގައި ޝައްކުތައް އުފައްދާ ކަމެވެ.  

ބައެއް މީހުން ކަމަކަށް އެދިގެން ދުވަސްކޮޅަކު ދުޢާކުރުމަށްފަހު އޭނާގެ ބޭނުން ނުފުދުމުން ތިމާ ކުރި ދުޢާ ޢިޖާބަ ނުކުރެއްވެވީ ކަމަށް ނުވަތަ ނުކުރައްވަވާނެ ކަމަށް އެބަ ޤަބޫލުކުރެއެވެ. މާޔޫސްވެ ދުޢާކުރުން ހުއްޓައިވެސްލައެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.  

ދުޢާ ކުރުމަށްފަހު ދުޢާ ޢިޖާބަ ނުކުރައވަވާނެ ކަމަށް ޤަބޫލުކުރުމަކީ ކުރެވޭ އެންމެ ބޮޑު އެއް ފާފަކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވާ އެންމެ ބޮޑު އެއް ސަބަބަކީ "ދުޢާކުރާށެވެ! ޢިޖާބަކުރައްވަވާ ހުށީމެވެ!" މިފަދައިން ވަޙީކުރައްވަވާފައި އޮތުމުންނެވެ. މިފަދައިން ވަޙީކުރައްވަވާފައިވަނިކޮށް ދުޢާ ޢިޖާބަ ނުޖުރައްވަވާނެ ކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިންކާރުކުރުމެވެ.   

އެހެންވެ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދުޢާ ޢިޖާބަ ނުކުރެއްވެވި ކަމަށް ނުވަތަ ޤަބޫލުފުޅު ނުކުރައްވަވާނެކަމަށް ޤަބޫލުކުރުމަކީ މިވަޙީ ބަސްފުޅު ޤަބޫލު ނުކުރުމެވެ! ﷲ ތަޢާލާގެ އެންމެ ވަޙީ ބަސްފުޅަކަށްވެސް އިންކާރުކުރުމަކީ އެންމެ ބޮޑު އެއްފާފަ ކަމުގައިވެސްވާތީއެވެ.  

ކޮންމެއަކަސް އަހުރެންގެ ވިސްނުމުގައި ދުޢާ ޢިޖާބަ ނުކުރައްވަވާނެ ނަމަ ދުޢާކުރުމުގެ ވިސްނުން އެމީހަކަށް ނުދެއްވަވާނެތެވެ! ދުއާ ކުރުމުގެ ވިސްނުން އެމީހަކަށް ދެއްވަވަނީ ދުޢާ ޢިޖާބަ ކުރައްވަވާނެތީއެވެ.  

ވީމާ ދުޢާކުރަން ފަސްނުޖެހެންވީ، އަދި ދުޢާ ޢިޖާބަކުރައްވަވާނެކަމަށް ޝައްކުނުކުރަންވީ އެންމެ ބޮޑު ސަބަބަކީ މި ދެކަންތަކެވެ! ﷲ ތަޢާލާގެ އެންމެ ވަޢުދު ބަސްފުޅެއްވެސް ނުފުއްދަވަވައި ދޫނުކުރައްވަވާނެކަން ޔަޤީންކުރާށެވެ! އީމާންކަން ފުރިހަމަވާނީވެސް އެއިރުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން