ޤިޔާމަތް ދުވަހު އެންމެ މަތިވެރި ޞާހިބަކީ މީސްތަކުންގެ ތެރެއިން ކައުއިތުރު ރަސޫލް (ﷺ) އެވެ. ޤިޔާމަތް ދުވަހު އެ މަތިވެރި ދަރަޖައާއި ޝަރަފް ލިބިވަޑައިގެންވާ ސާޙިބާ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އާއި އެންމެ އަރިއަހުގައި ވުމަށް ނުއެދޭނީ ކާކުތޯއެވެ؟ އެމީހަކު ނުހުންނާނެއެވެ.
އެހެންކަމުން އެ މަތިވެރި ދަރަޖަ ޙާޞިލުކުރުމަށް ކުރަން އޮތް ކަމަކީ އެންމެ ރިވެތި އަޚްލާޤްގެ ވެރިއަކަށްވުމެވެ. މިއީ އެކަން ލިބިގަންނަން އެއްވެސް ބުރައެއްވެސް އުފުލަންޖެހޭ ކަމެއް ނޫނެވެ. އަމިއްލަ ޢާއިލާ އާއި މީސްތަކުންގެ ތެރޭގައި ރިވެތި އަޚްލާޤީ ސިފަތައް ބހައްޓައިގެން އުޅުނީމައި އެއޮތީ އެކަން ނިމިފައެވެ. އިން ޝާ ﷲ
އިތުރު ޙަދީޘަކުން އެނގެން އޮތް ގޮތުގައި މީހާގެ އަޚްލާޤް ރަނގަޅުވުމުން ރޭ އަޅުކަން ކުރާ، ސުންނަތް ރޯދަ ހިފާ މީހާގެ ފެންވަރަށް ނުވަތަ ދަރަޖައަށް އެބަ ވާސިލުވެއެވެ. މީގެ މާނައަކީ މުއުމިނަކު އަޚްލާޤް ރަނގަޅުވެއްޖެ ނަމަ އެމީހަކަށް ސުންނަތް ރޯދަ ނުހިފުނު ނަމަވެސް ސުންނަތް ރޯދަ ހިފާ މީހާއާއި އެއްހަމައަށް ވާސިލުވެވޭ ކަމެވެ.
ކަން މިހެން އޮތް ނަމަވެސް ގިނަ ބައަކަށް ވަނީ ރިވެތި އަޚްލާޤާއިމެދު އިހްމާލްވެވިފައެވެ. އެންމެ ކުޑަމިނުން ފެނި ބައްދަލުވުމުން ހިނިތުންވެލުން ވެސް މިއޮންނަނީ ބޮޑު، އުނދަގޫ ކަމަކަށްވެފައެވެ. "ހިނިތުންވެލަން އަޅުގަނޑުމެން ކުރަން ޖެހެނީ ކޮން ޚަރަދެއްތޯ؟ ކޮން އެނަރޖީއެއްތޯ ހޭދަވަނީ މީހަކު ފެނުނީމާ ހިނިތުންވެލަން؟
ރިވެތި އަޚްލާޤްގެ ވާހަކަ ދައްކައިފިނަމަ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދައްކަން މިއުޅެނީ ވަރަށް އާދައިގެ ކަންކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ.
ރިވެތި އަޚްލާޤްގެ ވެރިންނަށް ނުވަތަ ރިވެތި އަޚްލާޤްގެ މަތީގައި ދުނިޔޭގައި އުޅުނު މީހުންނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދެއްވަވާފައިވާ ގަރަންޓީ އެނގޭ ހެއްޔެވެ؟ "އާދައިގެ ގަރަންޓީއެއް ނޫނޭ އިނގޭތޯ! 100 އިންސައްތަ ރަސޫލް (ﷺ) ގަރަންޓީ ދެއްވަވަނީ ސުވަރުގޭގެ އެންމެ މަތީގައިވާ ގެކޮޅު. ކޮން ބައަކަށްތޯ މި ގެކޮޅު މިލިބެނީ. އަޚްލާޤްގެ އެންމެ ހެޔޮ މީހުންނަށް."
އިތުރު ޙަދީޘެއްގައި ވަނީ "ތިއަބައިމީހުންގެ ތެރެއިން ތިމަން ރަސޫލާ (ﷺ) ގެ އަރިއަހުގައި އެންމެ ލޮބުވެތިކަން ބޮޑު ބައަކީ، ތިއަބައިމީހުންގެ ތެރެއިން ޤިޔާމަތް ދުވަހު ތިމަން ރަސޫލާ (ﷺ) އާއި އެންމެ އަރިހުގައި ވާނީ ތިއަބައި މީހުންގެ ތެރެއިން އެންމެ ރިވެތި އަޚްލާޤްގެ މީހުން ކަމަށެވެ.
-- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން