މުސްކުޅި ޢުމުރުގައިވެސް އަޅާނުލައިގެން މައިންބަފައިން ކަރުނައަޅަނީއެވެ. ބައްޕަ ޚަރަދުނުކުރާތީ ދަރިން ނިކަމެތިވެފައެވެ. އަސާސީ ބޭނުންތައް ފުއްދައި ނުދޭތީ އަނބިންނަށ ގޮތްހުސްވެފައެވެ.
މިޙާލުގައި ތިބެންޖެހިފައިވަނީ ހަމައެކަނި ޚަރަދުކޮށް އެހީތެރިވެދޭންހުރި މީހާ ނުވަތަ މީހުން ފަޤީރުވުމަކުން ނޫނެވެ. ލިބުނަސް ޚަރަދކުރުމުގައި އިހްމާލްވާތީއެވެ. ތިމާ ޚަރަދުކުރަންޖެހޭ މީހުންގެ މަތިން ހަނދާންނައްތައިލާތީއެވެ.
ހަނދާން ނައްތައިލީމާ އެމީހަކަށް ދެން ކަންކަން މެދުވެރިވާ ގޮތާއިމެދު ވިސްނައިލަމާހިނގާށެވެ!
ވިޔަފާރި ބަނގުރޫޓުވަނީއެވެ. ބައިވެރިޔާ ރުޅިއަންނަނީއެވެ. ވަކިވެގެންދާން އުޅެނީއެވެ. ދަރިން ބަސްނާހަނީއެވެ. ބަލިވެއުޅެންޖެހެނީއެވެ. ތިމާ ބަލިނުވާނަމަ ޢާއިލާއިން ބަލިވެ އުޅޭ މީހުންނަށް ބޭސްފަރުވާކޮށްދޭން ހަދައިގެން އަތުގައި ފައިސާ ހަރުނުލަނީއެވެ.
މިހެންގޮސް ބައިވަރު މިޘާލުތައް ދެއްކިދާނެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ތިމާއަށް މާލީ ގެއްލުންތަކާއި ހިތްދަތިކަން ލިބޭނަމަ ކޮންސަލްޓަންޓުން ގެނެސްގެން ދިރާސާކުރުމުގެކުރިން އަމިއްލައަށް ބަލަންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ އެއްވެސް މީހަކަށް ދުވަހަކުވެސް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ ދެރައެއް ދެވިފައިވާނެތޯއެވެ؟ އެއްވެސް މީހެއްގެ ހިތުގައި ޖެއްސިފައިވާނެތޯއެވެ؟ އަނބިދަރިންގެ ޙައްޤުތައް އަދާކުރަމުތޯއެވެ؟ ވަރިކޮށްފައިވާނަމަ ޢިއްދައިގެ ޚަރަދުދިނިންތޯއެވެ؟ ވަރިކުރިއިރު ދަރިން ތިބިނަމަ އެކުދިންނަށް އެބަ ޚަރަދުކުރަމުތޯއެވެ؟
ބުނަންހެއްޔެވެ؟ މިކަންކަން ނުކުރާނަމަ، އެއްވެސް މީހެއްގެ ހިތުގައި ޖައްސުވާފައި، އެމީހަކަށް ކުރަންޖެހޭ ޚަރަދު، ޚާއްޞަކޮށް އަނބިދަރިންނަށާއި މައިންބަފައިންނަށް ކުރަންޖެހޭ ޚަރަދުނުކޮށް އަޅާނުލައި އެހީތެރިނުވެ ނުހުރެވޭނެއެވެ. ފަހަރެއްގައި ހިނދުކޮޅަކަށް ހުރެވިދާނެއެވެ. ދެން އައިސް އަރާ ކުރާނެއެވެ. ވަރިކުރިނަމަވެސް ޢިއްދައިގެ ޚަރަދުދޭންޖެހޭނެއެވެ. އަދި ދަރިންތިބިނަމަ ދަރިންނަށް ޚަރަދުކުރަން ޖެހޭނެއެވެ.
ނޫންނަމަ ދެން ފެންނާނީ ފަށަމުން ބުނި ފަދައިން މާލީ ގެއްލުން ލިބެންފަށާތަނާ، ޞިއްޙީ މައްސަލަތަކާ ކުރިމަތިވާން ފަށާތަނެވެ. އެއީ ތިބާގެ ޙަޔާތަށް އެޅުނު ބޮމެކެވެ. އެބޮން އުފައްދަނީ އެމެރިކާއަކު ނޫނެވެ! ބޮންއަޅަނީ ބޮންއަޅާ ބޯޓެއްގައެއްވެސް ނޫނެވެ!
އެބޮން އުފެދެނީ ތިބާގެ ކިބައިން އަނިޔާ ލިބިފައިވީ ނުވަތަ އަނިޔާ ލިބެމުން އަންނަ މީހާގެ ދުޢާއިންނެވެ. އެބޮން އަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެޙާލަތު ދިމާވެއްޖެނަމަ ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ އެޙާލަތުން ސަލާމަތްކޮށްދެވޭނީވެސް ކާކަށް ހެއްޔެވެ؟ އެބޮމަކީ ނިޔުކްލިޔަރު ބޮމަށްވުރެވެސް މާބާރުގަދަ ބޮމެކެވެ!
ވީމާ އަހުރެންގެ އިލްތިމާސަކީ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދެވިފައިވާނަމަ މާފަށް އެދި އަދި ބަދަލުދީގެންވެސް އެކަން ޙައްލުކުރުމެވެ. އަނބިދަރިންގެ ޙައްޤުތައް އަދާކުރާށެވެ! ދުރުގައި ހުރިނަމަވެސް ދަރިންނަށް ޚަރަދުތައްކޮށް ޙައްޤުތައް އަދާކުރަމުން ގެންދާށެވެ. ދަރިންނާއި އަދި ޢާއިލާއާއި ވަކިވުމެއް ނެތެވެ. އިސްލާމް ދީނުގައި ކަންކަން ރޭވިފައިވަނީ އަނބިމީހާ ވަރިކުރާ އުޞޫލުން ދަރިންނާއި މައިންބަފައިންނާއި އަދި އަޚުން ނުވަތަ އުޚުތުންނާއި ވަކިވެވޭނެ ގޮތަކަށްވެސް ނޫނެވެ!
ނިންމާލަމުންވެސް ބުނެލަމެވެ! އަނިޔާލިބެމުންދާ މީހާގެ ދުޢާ ބޮމަކަށް ބަދަލުވެ އަނިޔާކުރާ މީހާގެ ގައަށް އެޅުމުގެކުރިން އެކަންކަމުން އަވަހަށް ސަލާމަތްވާށެވެ! އެމީހުންގެ ޙައްޤުތައް އަދާކުރާށެވެ! އެމީހުންގެ ކިބައިން މާފަށްވެސް އެދޭށެވެ! އެއިރުން ﷲ ތަޢާލާ ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވައި އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން