ޢަލީ އިޙްޞާން ފިރާޤް
ރިސާލަތު:
إسماعيل عليه السّلام އަކީ އެކަލޭގެފާނުގެ ބައްޕާފުޅު إبراهيم عليه السّلام ފަދައިން ރަސޫލުބޭކަލެކެވެ. ނަބީބޭކަލެއްމެއެވެ. އެކަން ކީރިތި ޤުރްއާނުގެ މަރްޔަމު ސޫރަތުގެ 54 ވަނަ އާޔަތުން ރަނގަޅަށް ދޭހަވެއެވެ. ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރުންގެ ރަޢުޔަކީވެސް އެއީއެވެ. އެކަލޭގެފާނުގެ ނަބީކަމުގެ ވާހަކައަށް އިޝާރާތް ކުރައްވައި ނިސާ ސޫރާތުގެ 163 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚوَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا﴿١٦٣﴾"
މާނައީ: "نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ."
މިދެންނެވި އާޔަތުގައި އެވަނީ إسماعيل عليه السّلام އަކީ މާތްﷲ ގެ ޙަޟްރަތުން ވަޙީ އިއްވެވި ނަބީބޭކަލެއްކަމުގެ ދަލީލެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މަރްޔަމު ސޫރަތުގެ 54 ވަނަ އާޔަތުގައި އެކަލޭގެފާނަކީ ރަސޫލުބޭކަލެއް ކަމުގައި ޞަރީޙަ ޢިބާރާތުން ބަޔާން ކުރައްވާފައިވެއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
"وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚإِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴿٥٤﴾"
މާނައީ: "ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ."
މުއައްރިޚުން ވިދާޅުވާގޮތުގައި إسماعيل عليه السّلام ދީނަށް ގޮވައިލެއްވުމުގައި ޤާއިމުވެ ހުންނެވީ މާތްވެގެންވާ މައްކާގައެވެ. އެކަލޭގެފާނު ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވީ މައްކާގައި ވަޒަންވެރިވި ޖުރުހުމް ޤަބީލާގެ މީސްތަކުންނަށާއި، ޔަމަނުގެ މީސްތަކުންނަށާއި، ޢަމާލިޤުންގެ މީސްތަކުންނަށެވެ.
{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު}