ހިތްދަތިކަމެއް ކުރިމަތިވިޔަސް އަތްމަތިދަތިވިޔަސް ހާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލް ނުކުރެވުނަސް އުފަލުގަ ހުރެވެން އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހިތްދަތިކަމެއް ކުރިމަތިވިޔަސް އަތްމަތިދަތިވިޔަސް ހާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލް ނުކުރެވުނަސް އުފަލުގަ ހުރެވެން އެބައޮތް!: މުފްތީ މެންކް

ދުނިޔޭގައި އުޅެން ލިބޭ ދުވަސްކޮޅު ހިތްހަމަޖެހި އުފަލުގައި އުފަލުގައި ހުންނަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ފުދުންތެރި ދިރިއުޅުމެއްވެސް ބޭނުންވާނެއެވެ. އަދި ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްވުމަށްވެސް އެދޭނެއެވެ. ނަމަވެސް މި 3 ކަންތައް އެމީހަކު އެންމެ ހިތް އެދޭ މިންވަރަށް ޙާޞިލުކުރެވޭނީ ވަރަށް މަދު މީހަކަށެވެ. ގިނަ މީހުންނަށް އުޅެންޖެހެނީ މި 3 ކަމުންކުރެ އެންމެ ކަމެއްވެސް އެމީހާ ހިތް އެދޭ މިންވަރަށް ޙާޞިލުނުކުރެވިގެންނެވެ.  

ތިބާއަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ އަޅަކަށްވެދާނެއެވެ. ދިރިއުޅޭނެ ގެދޮރާއި ރަނގަޅު މުސާރައެއް ލިބޭ މީހަކަށްވެސް ވެދާނެއެވެ. އެހެނަސް ތިމާއަކީ ދިރިއުޅުމުގެ މައްސަލަތަކުން ސަލާމްތަވެވިގެން ހުރެވޭނެ މީހެއް ކަމަށް ނުދެކޭށެވެ. އެހެނީ ކޮންމެ އަޅަކީވެސް ﷲ ތަޢާލާ އިމްތިޙާން ކުރައްވަވާނެ އަޅެކެވެ. އެމީހަކު ދެކެ ލޯބިވެވޮޑިގަތުން ބޮޑުވާވަރަކަށް ކުރިމަތކުރައްވަވާ އިމްތިޙާންތައްވެސް ބޮޑުވާނެއެވެ.  

އެއީ ތިބާ އަޅުކަންކުރުން އިތުރުކޮށް ސުވަރުގޭގެ މަތިވެރި ދަރަޖަ ހޯދަން މަސައްކަތްކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ. ހުރިހާ ނިޢްމަތްތަކެއް ލިބި، އެއްވެސް ދަތިކަމެއް ކުރިމަތިނުވެ ހުންނަނަމަ ﷲ ތަޢާލާގެ މަތިން ހަދުމަކުރާވަރަށްވުރެ ގިނައިން ދަތިހާލެއްގައި ޖެހުމުން ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަވާނެތީއެވެ. ހެޔޮ ޢަމަލުތައް ކުރުންގިނަކުރާނެތީއެވެ. ދުޢާކުރުންވެސް ގިނަކުރާނެތީއެވެ.  

ތަނަވަސްކަމުގައި އުޅެމުން އަންނަ މީހަކަށް ނަމަވެސް އަދި ދަތިޙާލެއްގައި އުޅެމުން އަންނަ މީހަކަށް ނަމަވެސް ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އުފާވެރިކަން ހޯދޭނެ މަގު އޮތީ ފެންނާށެވެ. ފުރަތަމަ ކަމަކަށް ތިމާ މިދުނިޔެއަށް ފޮނުއްވެވުނީ ކުޑަ ހިނދުކޮޅަކަށް ކަމާއި ދާދި އަވަހަށް ދުނިޔެދޫކޮށް ދާންޖެހޭނެކަން ހިތްމައްޗަށް ގެންނާށެވެ.  

އެކަންކަން ހިތްމައްޗަށް ގެނައުމުން ދުނިޔެއިން އެއްވެސް ކަމެއް ޙާޞިލްނުކުރެވިގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ދުނިޔެއިން މާގިނަ ކަންތައްތަކަކަށް ބޭނުމެއްވެސް ނުވާނެއެވެ. ކިރިޔާ ފުދިގެން ދުނިޔޭގައި އުޅެންޖެހުނަސް އެމީހަކު ހުންނާނީ ހަމައުފަލުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން