ދެމަފިރިންވެސް އެކަކު އަނެކަކަށް މާފުކުރުމަކީ ދިރިއުޅުން އުފާވެރިވުމުގެ އިތުރުން ސުވަރުގެ ވަނުމަށްވެސް ފުރުޞަތު ފަހިވާ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދެމަފިރިންވެސް އެކަކު އަނެކަކަށް މާފުކުރުމަކީ ދިރިއުޅުން އުފާވެރިވުމުގެ އިތުރުން ސުވަރުގެ ވަނުމަށްވެސް ފުރުޞަތު ފަހިވާ ކަމެއް! އިން ޝާ ﷲ

މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން އޮތް އެންމެ ފަސޭހަ އެއް ޢަމަލެވެ. އެއިގެ ތެރެއިންވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުމަކީ އެންމެ ދީލަތި މާފެވެ. އަދި އެންމެ ފައިދާކުރާނެ މަޢާފެވެ. ވީމާ އަޑުއަހާށެވެ!

ފުރަތަމަ މިފަށަނީ ދަލީލުންނެވެ! އިބްން ކަޘީރުގެ ތަފްސީރުގައި ލިޔުއްވަވާފައިވެއެވެ.

"ﷲ ތަޢާލާ އާދަމްގެފާނު އުފައްދަވައި ސުވަރުގޭގައި ލެއްވެވިއިރުވެސް އާދަމްގެފާނު އެ ކުށް ނުވަތަ ފާފަ ކުރައްވަވާނެކަން ދެނެވޮޑިގެންވެއެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރެއްވެވުމުން ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވެވީއެވެ."

އަހަރެމެން ޤަބޫލުކުރަންޖެހޭނެ ކަމަކީ ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހަކު ކަމެވެ. ތިމާގެ ބައިވެރިޔާ ކަމުގައިވުމަކީ ކުށެއް ނުކުރެވެންވީ ސަބަބެއް ނޫންކަމެވެ. ބައިވެރިޔާއަށްވެސް ކުށެއް ކުރެވިދާނެކަމެވެ.

ވީމާ ބައިވެރިޔާއަށް ކުށެއް ކުރެވުމުން އެކަން އޭނާ ޤަބޫލުކޮށް މާފަށް އެދިއްޖެނަމަ ދީލަތިވާށެވެ! މާފުކުރަން އަވަސްވެގަންނާށެވެ! މާފަށް އެދުނީ އިޚްލާޞްތެރިކަމާއިއެކުގައިކަމާއިމެދު ފުރަތަމަ ފަހަރު ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަން ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! ކުށްތަކުރާރުކުރުމުން މެނުވީ އިޚްލާޞްތެރިކަމާއިމެދު ސުވާލުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އާދަމްގެފާނު ފާފަ ފުއްސަވައިދެއްވެވުމަށް އެދި ދެންނެވުމުން ﷲ ތަޢާލާ ފާފަފުއްސަވައިދެއްވެވީއެވެ. އަލުން ސުވަރުގެވެސް ދެއްވެވީއެވެ. ޢިބްރަތް ޙާޞިލުކުރަންވީ މިކަމުންނެވެ. ބައިވެރިޔާއަށްވެސް މާފުކުރާށެވެ! ހުރިހާ ފުރުޞަތުތަކެއްވެސް ދޭށެވެ!

އެއިރުން ތިބާގެ ވާޖިބު އެ އަދާކުރެވުނީއެވެ! ތިބާއަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

ޔަޤީންކުރަންވީ ކަމަކީ މީސްތަކުންނަށް މާފުކޮށް ކަންކަން ފަސޭހަކޮށްދޭ މީހާ ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވަވާނެކަމެވެ. ވީމާއެއަސްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ހަމަ ތިބާއަށްވެސް ކުށެއް ކުރެވިދާނެކަމާއި މާފަށް އެދެން ޖެހިދާނެކަން ހިތުގައި ބާއްވާނަމަ ބައިވެރިޔާއަށް މާފުކުރުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން