ތިބާއަށް އެބަ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ ނިކަން މިކަންކަން މިނެކިރާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިބާއަށް އެބަ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ ނިކަން މިކަންކަން މިނެކިރާލަބަލަ!

ކޮންމެ މުސްލިމަކުވެސް ސުވަރުގެ ވަންނަން ބޭނުންވާނެއެވެ. ސުވަރުގެ ވަދެވެން އޮތީ ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމުން މުސްލިމުން ފުރަތަމަވެސް ޔަޤީންކުރަން މިޖެހެނީ ﷲ ތަޢާލާއަށް ބިރުވެތިވެވޭ ކަމެވެ.

މިއަދު މީސްތަކުން ބިރު ގަންނަނީ ތިމާއަށް ނުރައްކައުތެރި ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ބޮޑު މުޞީބާތެއް ކުރިމަތިވެދާނެކަމަށް ޤައުމުގައި ކުއްލި ނުރައްކާތެރިކަމުގެ ޙާލަތު އިއުލާނުކުރުމުންނެވެ. ނުވަތަ ތިމާ ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެ އަނދަން ފެށުމުން އިމާރާތް ދޫކޮށް ވަގުތުން ނުކުންނަން އެންގުން ފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ!

އެއީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ލޮލަށް ނުފެންނާތީ ބިރު ނުގަނެވޭތީއެވެ! އެދުވަހުގެ ބިރުވެރިކަމާއި ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތުގެ ވާހަކަ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތަ ނަމަވެސް އެކަންކަން ހިތުގެ އަޑިން ޤަބޫލު ނުކުރެވެނީއެވެ.

ނަމަވެސް ކޮންމެ މުސްލިމަކުވެސް މިބުނަނީ އަހަރެމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށެވެ. އެހެންކަމަށްވާއިރު ތިމަންނާ މިހުރީ އީމާންވެގެން ކަމަށް ތިއަ ބުނަނީ ކޮން ހައިޞިއްޔަތަކުން ހެއްޔެވެ؟

"ﷲ ތަޢާލާއަށް ބިރުވެތިވާށޭ!" ބުނެފިނަމަ ގިނަ ބައަކު ނަގަނީ އެބަހުގެ ލަފްޒީމާނައެވެ. އެއިގެ ހަޤީޤީ މާނައަށް ވިސްނައިލެވެނި މަދު މީހަކަށެވެ. އެހެނީ ކަމަކަށް ބިރުވެތިވުމަކީ ހުރިހާ ގޮތަކުންވެސް އެކަމަކުން ދުރުހެލިވުން ކަމުގައިވާތީއެވެ!

ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މާނައަކީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުވުމެވެ. އެކަންކަމާއި ވީހައި ދުރަށް ދިއުމެވެ. އެފަދަ ކަމަކާއި އެއްގޮތަކަށްވެސް ކައިރިނުވެވުމެވެ.

ކީރިތި ޤްރްއާނުގައި ﷲ ތަޢާލާއަށް ބިރުގަތުމަށް ﷲ ތަޢާލާ ވަހީކުރައްވަވާފައިވާ އާޔަތްތަކުގައި ބަޔާން ކުރައްވަވާފައިވާ ބަސްފުޅުތަކުގެ ޢަރަބި ބަހުގެ މާނައަށް ބަލައިފިނަމަ އެނގިގެންދާނީ އެކަމަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރަންޖެހޭނެ ކަމެވެ.

"ﷲ ތަޢާލާޢަށް ބިރުވެތިވުން" އަހަރެން މާނަކުރާނީ ދެކަމެއް ކުރުމަށެވެ.

ފުރަތަމަ ކަމަކީ ﷲ ތާޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ އެންމެހައި ކަންކަމާއި ދުރުހެލިވެގެން ހުރުމެވެ. އެއްވެސް ވަރަކަށް ކައިރިނުވުމެވެ.

ދެވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ. ހަމަ އެއްވެސް ކަމެއް ދޫކޮށް ނުލައި އެމީހަކަށް ކުރެވުނުހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. ކުރާ ކޮންމެ ކަމަކުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކުރުމެވެ.

މިދެބައި ފުރިހަމަ ނުކުރެވި ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން