ފުރަތަމަ ބަލައިލަންވީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ދުނިޔެއިން ބޭނުންވާނެ 3 ކަންތަކަށެވެ. އެއީ ރިޒުޤް އިތުރުވުމާއި ދެއްވަވާ ރިޒްޤްގައި ބަރަކާތް ލެއްވެވުމާއި އަދި ދަރިންގެ ހިތުގައި ﷲ އަށް ލޯބިއިތުރުވުމެވެ. ފަހަރެއްގައި މިނޫން ކަންކަމަށް ބޮޑަށް ބޭނުންވާ ބައަކުވެސް އުޅެފާނެއެވެ. ނަމަވެސް މިއީ ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމެވެ.
ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުކުރުވަން އެދޭނަމަ އެކަމަށް މަގުފަހިވާނެ ޢަމަލުތައް ވީހާ ގިނައިންކުރަންވާނެއެވެ. ހަމައެކަނި ވާހަކަ ދެއްކުމަކުން ނުވަތަ ކަންކަން ކުރަން ބުނެދިނުމަކުން ނުފުދޭނެއެވެ. މައިން ބަފައިން ދަރިންގެ ކުރިމަތީގައި ޢަމަލުކުރަންވެސް ވާނެއެވެ.
ރަމަޟާން މަސް އައުމުން ގިނަ ގޭބިސީތަކުގައި ރޯދަވީއްލަނީ ޢާއިލާގެ އެންމެންހެން އެކުގައި ތިބެ އެވެ. އެއް ޖަމާއަތެއްގެ ގޮތުގައި ތިބެއެވެ. ނަމަވެސް އަހަރެންގެ ސިވާލަކީ އެވަގުތުގައި ދަރިންނަށް އަޑުއިވޭވަރަށް ބިސްމިﷲ ކިޔަމުހެއްޔެވެ؟ ދަރިން ބިސްމިﷲ ކިޔާކަން ޔަޤީންކުރަމުހެއްޔެވެ؟
ޤަބޫލުކުރެވޭ ގޮތުން ގިނަ ގެތަކުގައި އެކަމެއް ނުކުރެއެވެ. މިއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ.
އެވަގުތު ކިތަންމެ އަވަހަށް ކާންފެށިނަމަވެސް ބިސްމިﷲ އަޑުހަރުކޮށްކިޔަންވާނެއެވެ. އަދި ކެއުމުގެކުރިންނާއި ކައިނިމުމުން ޛިކުރުކުރަންވާނެއެވެ! ސިއްރަކުން ނޫނެވެ. އަޑުހަރުކޮށެވެ. ދަރިން ލައްވައިވެސް ކިޔުއްވަންވާނެއެވެ.
އެކަމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ރިޒުޤް ދެއްވަވަނީ ﷲ ތައާލާކަން ކުދިންނަށް އެނގުމެވެ. އެކަމުގެ ސަބަބުން ކުދިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވެގެންދާނެއެވެ! އަދި ކީއްހެއްޔެވެ؟ ކުޑައިރު އެކަމަށް އާދަކުރުވުމުން ބޮޑުވުމުންވެސް ކުދިން އެކަން ކުރާނެއެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ރަމަޟާން މަހަކީ މިފަދަ މުހިންމު އާދަތައް ކުދިންގެ ކިބައިގައި ހަރުލައްވަން މަސައްކަތްކުރަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އެއީ ޢާއިލާގެ އެންމެން އެކުގައި ތިބެގެން ކައިބޮއިހަދާތީއެވެ. އަދި މިކަމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ ކަމަކަށް ނުހަދާށެވެ! އަބަދުވެސް ކުރާ ކަމަކަށް ހަދާށެވެ! އެކަމުގެ ފައިދާ ދާނީ ފެންނަމުންނެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން