އިސްލާމް ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކުރުމުގައި އަންހެނުންނަށް އެއްވެސް ހުރަހެއް އެބައޮތްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އިސްލާމް ދީން ފެށިގެން އައިއިރުވެސް ދީނަށް ނަޞްރުދިނުމުގައި އަންހެނުން އަދާކުރި ފަދަ ދައުރު އަދާކުރާ އަންހެނުން މިހާރުވެސް އެބަ ތިއްބެވެ. ވީމާ އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި އަންހެނުންނަށް އޮތް ފުރުޞަތު ކުޑަކަމަކަށް ނުބުނެވޭނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުންވެސް އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ގިނައިން ދެކެވެނީ އަންހެނުންގެ ނުރަނގަޅުކަމުގެ ވާހަކަތަކެވެ. އެކަމަށްވެސް ސަބަބެއް އޮންނާނެއެވެ. ކޮންމެއަކަސް މިއަދުގެ އަންހެނުންގެ ތެރޭގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ހަމަ ފިރިހެނުންނާއި އެއް ސަފުގައިވެސް އަންހެނުން އެބަތިއްބެވެ. އެކަނބަލުންގެ މަސައްކަތްތަކުގެ ސަބަބުން އިސްލާމް ދީނަށް އަންނަނީ ކުރިއެރުން ލިބެމުންނެވެ.
މީގެ އިތުރުން ބައެއް އަންހެނުންނަށް ހީކުރެވިފައި އޮންނަނީ އެމީހުންނަކީ އަންހެނުން ކަމުގައިވާކަމީ އިސްލާމް ދީނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ކުޑަވެގެންދާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އިސްލާމް ދީން ބާވައިލެއްވެވުނީންސުރެ އިސްލާމް ދީން މަތިވެރިކުރުމުގައި އަންހެނުން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މިބުނި ބަހުގެ ތެދުކަން ރަސޫލް ﷺ ގެ ސިޔަރަތުންވެސް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި އިސްލާމީ ތާރީޚުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި މިއަދު ހިނގަމުންދާ ކަންކަމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވާށެވެ! އެލިޔުމުން ހިތްވަރު ލިބިގަންނާށެވެ! އެއީ އަލަށް އިސްލާމްވި 3 އަންހެނަކު ކޮށްފައިވާ ޚިދުމަތުގެ ވާހަކައެވެ. މުސްލިމުންގެ ގޮތުގައި އުފަންވެ، ތަރުބިއްޔަތުލިބި، އިސްލާމީ ތައްލީމް ލިބިގެން ތިބި ތިއަ ކަނބަލުންނަށް މާބޮޑެތި ޚިދުމަތްތައް ނުކުރެވެންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ ޘާބިތުކަމެވެ. ހިތްވަރެވެ! ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް- ޞަޙީޙް އިންޓަރނޭޝަނަލުން!
މިއަދު ދުނިޔޭގެ ތަނެއްގައި މުސްލިމް ޢިލްމުވެރިންގެ ބައްދަލުވުމެއް ބޭއްވިނަމަވެސް އަދި ޖަލްސާއެއް ބޭއްވިނަމަވެސް ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ބޭނުންކުރާނަމަ ގިނައިން ބޭނުންކުރަނީ "ޞަޙީޙް އިންޓަނޭޝަނަލް" ކަމަށް ބެލެވެއެވެ. އަދި ބޮޑެތި ޢިލްމުވެރިން ރިފަރކުރައްވަނީވެސް ޞަޙީޙް އިންޓަރނޭޝަނަލް އެވެ.
އެނގޭބައަކަށް އެނގޭނެއެވެ. ނަމަވެސް ގިނަބައަކަށް ނުއެނގޭ ކަމަކީ ޞަޙީޙް އިންޓަރނޭޝަނަލް އެކުލަވައިލީ އަލަށް އިސްލާމްވި، އެމެރިކާގެ 20 އަހަރުގެ ޒުވާން 3 އަންހެންކުދިންކަމެވެ.
ވިސްނައިލާށެވެ! އިސްލާމް ދީނާއި ދެކޮޅަށް އެންމެ ބޮޑަށް ފައުޅުގައި މަސައްކަތްކުރާ އެއް ޤައުމަކީ އެމެރިކާއެވެ. މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވަމުން އަންނަނީ އެމެރިކާއިންނެވެ! ﷲ ތަޢާލާ، ޢަރަބި ބަހުން ބާވައިލެއްވެވި ކީރިތި ޤުރްއާން އިނގިރޭސިބަހަށް ތަރުޖަމާކޮށް ފެތުރުމުގައި އެންމެ އުހުގައި މިއަދު އެތިބީ އެ އެމެރިކާގެ 3 އަންހެނުންނެވެ.
އަދިވެސް އެންމެ ޚާއްޞަކަން ބޮޑުވާކަންތައް ބުނަން ހެއްޔެވެ؟ އެއީ އެ 3 އަންހެނުންނަކީވެސް އަލަށް އިސްލާމްވި އަންހެނުންކަމުގައިވީކަމެވެ. އުންމު މުޙައްމަދު ނުވަތަ އުންމު އައިމިނަ (އެމިލީ އަސަމި) އަކި މުސްލިމަކަށްވުމުގެ ކުރިން އެތީސްޓެކެވެ. މޭރީ ކެނެޑީ އާއި އަމަތުﷲ ބެންޓްލީ އަކީ ކްރިސްޓިއަން 2 އަންހެނުންނެވެ.
ނިކަން ބުނެބަލާށެވެ! މިއީ ފަހުގެ ތާރީޚުގައި ފެނުނު ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ އެއް މުޢްޖިޒާތް ކަމުގައި ނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ތައާލާ މީސްތަކުންނަށް އެ ދައްކަވައި ދެއްވަވަނީ ކީރިތި ޤުރްއާން ނިކަމެތި ނުކުރެވޭނެ ކަމެވެ. ކީރިތި ޤުރްއާން ނިކަމެިކުރަން މަސައްކަތްކުރާ މީހުންގެ ތެރެއިން އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުން މެދުވެރިކުރައްވަވައި މީސްތަކުންނަށް މުޢްޖިޒާތް ދައްކަވާނެ ކަމެވެ.
ގުޅުންހުރި ލިޔުން:
https://en.wikipedia.org/wiki/Sahih_International
ގުޅުންހުރި ވީޑިއޯ: https://www.youtube.com/watch?v=pBcmsoLY4lk