ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކައާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ- 5

ކިޔުމަށް ހޭދަވާނީ 10މ 57ސ
ޛުލްޤަރްނައިން ރަސްގެފާނުގެ ވާހަކައާ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ވާހަކަ- 5

ޢަލީ އިޙްޞާން ފިރާޤް

 

ޔައުޖޫޖު މައުޖޫޖުބާގައިގެ މީސްތަކުން: 

ޔައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންގެ އަސްލާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެބައިމީހުންގެ އަދަދާއި މެދުގައިވެސް ހަމައެފަދަމެއެވެ. އެންމެ ޞައްޙަ ބަހަކީ، ޖައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންނަކީ އާދަމްގެފާނުގެ ދަރިކޮޅުން ވަޑައިގެން ނޫޙުގެފާނުގެ ޔާފިޘުގެ ދަރިކޮޅުން އައިސްފައިވާ ބައެއްކަމުގައި ބުނެވޭ ބަހެވެ. އެބައިމީހުންނަކީ ވަރަށް ގިނަ އަދަދެއްގެ ބައެއްކަމުގައި ރިވާވެފައިވާ ރިވާޔަތްތަކުން ދޭހަވެއެވެ. ނަމަވެސް ކަނޑައެޅިގެން ކިހާ ވަރެއްކަމެއް ޞައްޙަ ރިވާޔަތްތަކުން ސާބިތުވެގެންނުވެއެވެ 

ކީރިތި ޤުރްއާނާއި ޞައްޙަ ޙަދީޘްތަކުން ސާބިތުވާ ގޮތުގައި އެބައިމީހުން ނުކުތުމަކީ ދުނިޔެ ޤިޔާމަތްވުމުގެ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ. ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 95 ވަނަ އާޔަތާއި 96 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުން އެކަން ރަނގަޅަށް ދޭހަވެގެންދެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. 

وَحَرَامٌ عَلَىٰ قَرْيَةٍ أَهْلَكْنَاهَا أَنَّهُمْ لَا يَرْجِعُونَ ﴿٩٥﴾حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ﴿٩٦﴾

މާނައީ: [ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهل ވެރިން އެނބުރި (ދުނިޔެއަށް) ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވައިފައިވެއެވެ. يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ.]

އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު ކުރެއްވިއެވެ.

" لَيُحَجَّنَّ الْبَيْتُ وَلَيُعْتَمَرَنَّ بَعْدَ خُرُوجِ يَأْجُوجَ وَمَأْجُوجَ "‏‏ {صحيح البخاري،كتاب الحج، باب قول الله تعالى: (جعل الله الكعبة البيت الحرام قياما للناس،) حديث رقم 1528}

މާނައީ: [ޔައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުން ފާޅުވުމަށްފަހުގައިވެސް މީސްތަކުން ޙައްޖާއި ޢުމްރާގެ އަޅުކަން ކުރަމުން ގެންދާނެއެވެ.] 

އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ރަސޫލު صلّى اللّـه عليه وسلّم  ހާސްކަމާއި ބިރުފުޅުގެންވަޑައިގެން ހުންނެވި ޙާލުކޮޅުގައި، އެކަމަނާގެ އަރިހަށް ވަޑައިގެން ނެވިއެވެ. އޭރު އެކަލޭގެފާނު ޙަދީޘްކުރައްވަމުން ގެންދެވިއެވެ.  لاَ إِلَهَ إِلاَّ اللَّهُ،] އެވެ. ކައިރިވެގެންވާ ނުބައިކަމެއްގެ ސަބަބުން ޢަރަބިންނަށް ހަލާކު ހުއްޓެވެ. މިއަދު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފާރުން މިވަރުގެ ތަންކޮޅެއް ހުޅުވިއްޖެއެވެ. ދެން އިތުރު އެކަލޭގެފާނު ބޮޑުވާ އިނގިލިފުޅާއި ޝަހާދަތް އިންގިލިފުޅުން ބޮޅެއް ހައްދަވާލެއްވިއެވެ. އެކަމަނާ ދެންނެވިއެވެ. އޭ މާތްالله ގެ ރަސޫލާއެވެ! [އަޅުގަނޑުމެންގެ ތެރޭގައި ޞާލިޙު ރަނގަޅު މީހުން ތިއްބާ ވެސް އަޅުގަނޑުމެން ހަލާކުވެދާނެތޯއެވެ؟] އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [އާއެކެވެ. ނުބައިކަންތައްތައް ގިނަވެއްޖެ ހިނދުގައެވެ.] 

البخاري في صحيحه - بَابُ قِصَّةِ يَأْجُوجَ ، وَمَأْجُوجَ وَقَوْلِ اللَّهِ تَعَالَى : قَالُوا يَا - حديث رقم 3194 /  مسلم في صحيحه - بَابُ اقْتِرَابِ الْفِتَنِ وَفَتْحِ رَدْمِ يَأْجُوجَ وَمَأْجُوجَ - حديث رقم 5260} 

އަބޫ ސައީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު އަރިހުން އިބްނު މާޖާ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުން ވީއްލިގެން މާތްﷲ ވަޙީ ކުރައްވައިފައިވާ ފަދައިން ހުރިހާ އުސްތަންތަނަކުން ފައިބައިގެން އަންނާނެއެވެ. އެބައިމީހުން ބިމުގައި ފެތުރި ގަންނާނެއެވެ. މުސްލިމުން އެބައިމީހުންގެ ފަރާތުން ރައްކާތެރިވުމަށްޓަކައި އެބައިމީހުންގެ ނަޢަމު ސޫފިތަކާއެކު ބޮޑެތި ކިއްލާތަކުގައި ރައްކާތެރިކަން ހޯދާނެއެވެ. ޖައުޖޫޖު މަޖުޖޫޖު ބާގައިގެ މީސްތަކުން އެބައިމީހުން ފެތުރިގަންނައިރު ދިމާވާ ކޯރުތަކުގެ ފެންތައް ބޮއެ ހުސްކުރާނެއެވެ. ފަހުން އަންނަ ބަޔަކަށް އެންމެ ފެންތިއްކެއްވެސް ނުބަހައްޓާނެއެވެ. އެބައިމީހުންގެ ފަސްފަހަތުން ފަހުން އަންނަ މީހުން ބުނާނެތެވެ. [މިތަނަކީ އިހުގައި ފެން ހުރިނަތަނެއްހެން ހީވެއެވެ.] އެބައިމީހުން ބިމުގެ މައްޗަށް ވެރިވެގަނެ އަތްގަދަ ކޮށްގެން އުޅޭނެތެވެ. ދެން އެބައިމީހުންގެ ތެރެއިން ވެރިއަކަށް ހުރި މީހަކު ބުނާނެތެވެ. [އަހަރެމެން މި ބިމުގެ އަހުލުވެރީން ދެރަކޮށްފީމެވެ. ދެން އަހަރެމެން ހަނގުރާމަ ކުރާނީ އުޑުގެ އަހުލުވެރީންނާއެވެ.] 

ދެން އެބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ލޮންސި އުޑާ ދިމާއަށް އެއްލިއެވެ. ދެން އެލޮންސި އަނބުރާ ވެއްޓުނު އިރު އޭގައިވަނީ ލޭ ހޭކިފައެވެ. ދެން އެބައިމީހުން ބުނަންފެށިއެވެ. ތިމަންމެން އުޑުގެ މީސްތަކުންވެސް ބަލިކޮށް ޤަތުލުކޮށްފީމުއެވެ. އެބައިމީހުން އެގޮތުގައި ތިއްބައި މާތްﷲ އެބައިމީހުންގެ މައްޗަށް ބަކަރީގެ ނޯށުގައި އަޅާކަހަލަ ފަންޏެއް ފޮނުއްވިއެވެ. އެފަނިތައް އެބައިމީހުންގެ ކަރުތެރެއަށް ވަދެ އެބައިމީހުން ގޮއްފުޅަނގި ތަކެއްހެން އެކަކުގެ މައްޗަށް އަނެކަކު ވެއްޓި މަރުވެ ނިމިއްޖެއެވެ. އަނެއް ދުވަހުގެ ހެނދުނު މުސްލިމުންނަށް ޖައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންގެ އަޑެއްބަޑެއް ނުއިވުމުން ބުނަންފެށިއެވެ. [މާތްﷲ އަށްޓަކައި އެމީހެއްގެ ފުރާނަ ވިއްކައިލައި އެބައިމީހުން ކުރާކަމެއްގެ ޚަބަރެއް ތިމަންމެންނަށް ގެނެސްދޭނީ ކާކު ހެއްޔެވެ؟] ދެން އެތަނުން މީހަކު މަރަށް ތައްޔާރުވެގެން އެބައިމީހުންގެ އަތުން މަރުވިޔަސް ހެޔޮކަމަށް ނުކުމެގެން ގޮސް ބެލިއިރު އެބައިމީހުންގެ އެންމެން ވާނީ މަރުވެފައެވެ. ދެން އޭނާ ހަރުއަޑުން ގޮވާލާނެއެވެ. [އުފާވެރިކަން ހުއްޓެވެ. ތިޔަބައިމީހުންގެ ދުޝްމަނުންތައް މަރުވެއްޖެއެވެ.] ދެން މުސްލިމުން އެތަންތަކުން ނުކުންނާނެއެވެ. އެބައިމީހުންގެ ނަޢަމު ސޫފިތައްވެސް ނެރޭނެއެވެ. ނަމަވެސް އެބައިމީހުންނަށް އެތަކެއްޗަކަށް ކާންދޭނެ ވިނައެއް ނުލިބޭނެތެވެ. ދެން އެތަކެތީގެ ކާނާއަކަށް ވާނީ މަރުވެފައިވާ ޖައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުންގެ މަހެވެ. އެމަސްތައް ކައިގެން އެންމެ ރަނގަޅު ވިނަ ދަނޑަކުން ހުއިހައްޕާ ނަޢަމު ސޫފިތަކެއް ފަދައިން އެތަކެތި ފަލަވާނެއެވެ. 

{  أحمد في المسند - مُسْنَدُ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ - حديث رقم 11561/ كتاب الفتن، باب فِتْنَةِ الدَّجَّالِ وَخُرُوجِ عِيسَى ابْنِ مَرْيَمَ وَخُرُوجِ يَأْجُوجَ وَمَأْجُوجَ ، سنن ابن ماجه، حديث رقم 4111} 

އިބްނު މާޖާ، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ޖައުޖޫޖު މައުޖޫޖު ބާގައިގެ މީސްތަކުން ޛުލްޤަރުނައިން ބިނާކުރެއްވި ފާރު ކޮންނަމުން ގެންދާނެއެވެ. ކޮންމެ ދުވަހަކު އެބައިމީހުން އެތަންކޮނެ އެ ފާރުގެ އެންމެ ފަހުތަނާ ހަމައަށް ވާސިލުވާނެއެވެ. އޭރު އެބައިމީހުންނަށް ފާރުގެ އަނެއް ފަރާތުން އިރުގެ އަލިކަން ލިބެން ހުންނާނެއެވެ. ނަމަވެސް އެބައިމީހުން ދެން އެތަން ކޮނެނިންމާނީ އަނެއް ދުވަހު އޭބުނެ ރުޖޫއަވާ ހުއްޓެވެ. ދެންފަހެ، އެބައިމީހުން ދިޔުމުން މާތްﷲ އެފާރު ކުރިން ހުރިފަދައިން އަލުން ގަދަކުރައްވައެވެ. ދެން އަނެއް ދުވަހު އެބައިމީހުން އަލުން އާފެށުމަކުން ފަށައިގެން އެތަން ކޮންނަން ފަށައެވެ. މިފަދައިން އެބައިމީހުން ކަންތައް ކުރަމުންގޮސް އެބައިމީހުން ވީލެއްވުމަށް މާތްﷲ އިރާދަ ކުރެއްވުމުން އެބައިމީހުން އެތަނުގެ އެންމެ އެތެރެއަށް ކޮނެ ބުނާނެތެވެ. [މާތްﷲ އިރާދަކުރެއްވިއްޔާ މާދަމާ އަހަރެމެން އެ ފާރު ހުރަސްކުރާނަމެވެ.] ދެން އެބައިމީހުން އަނެއް ދުވަހު އަންނައިރު އެތަން ހުންނާނީ ކުރިން ދުވަހު އެބައިމީހުން ކޮނެފައި ދިޔައިރު ހުރިވަރަށެވެ. ދެން އެތަންކޮނެ އެބައިމީހުން އެފާރު ހުރަސްކުރާނެއެވެ........){سنن ابن ماجة، كِتَابُ الْفِتَنِ، بَابُ فِتْنَةِ الدَّجَالِ ، وَخُرُوجِ عِيسَى ابْنِ مَرْيَمَ ، وَخُرُوجِ يَأْجُوجَ، حديث رقم 4111}

 

 

މިއަދު އޮންލައިން