އަނބިމީހާއަށް އެންމެ ހެޔޮ ފިރިއަކަށްވެގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ފިރިއަކުވީ ބޮޑު ޤުރްބާނީގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 23ސ
އަނބިމީހާއަށް އެންމެ ހެޔޮ ފިރިއަކަށްވެގެން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ހޯދަން ފިރިއަކުވީ ބޮޑު ޤުރްބާނީގެ ވާހަކަ-

އަޅުގަނޑަކީ އަދި 40 އަަހުރުވެސް ނުވާ އަންހެނަކީމެވެ. އެހެންނަމަވެސް އަވަހަށް މުސްކުޅިވާ ބަލި ޖެހުމުން މިހާރު ފެންނަނީ ވަރަށް މުސްކުޅި އަންހެނެއްގެ ގޮތުގައެވެ. އެހެންވެ ފިރިމީހާ އަޅުގަނޑާއި ކައިވެނިކޮށްގެން ހުރި ނަމަވެސް ދުރުވަމުން ގޮސް މިހާރު މިވަނީ ކެތްތެރިވާން އުނދަގޫ ޙާލަތަށް ކަންކަން ގޮސްފައެވެ. ނަމަވެސް ޙާލަތު ހުރި ގޮތުންނާއި ކުދި ދަރިން ތިބީތީ ވަކިވެވޭކަށްވެސް ނެތެވެ.

މިޙާލަތުގައި ޢމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ހަމް ވަރަށް ޢާންމު މައްސަލައެކެވެ. ތިރީގައި އެވަނީ ހަމަ ތިއަ ފަދަ މައްސަލައެއްގައި ކިޔުންތެރިއަކު ކުރެއްވި ސުވާލަކާއި ދެވުނު ޖަވާބާއި އަދި ޢިބްރަތްތެރި ފިލާވަޅެއް ހިމެނޭ ވާހަކައެކެވެ.

"އަޅުގަނޑުމެންގެ ކައިވެންނަށް މިހާރު މިއީ 5 ވަނައަހަރެވެ. ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އަންނަނިކޮށް އަޅުގަނޑަށް ޖެހުނު ބައްޔަކާއި ގުޅިގެން ކާންދިން ބޭހެއްގެ ސަބަބުން ބޮލްުން ވަރަށް ގިނަ އިސްތަށިފައިބައިފިއެވެ. މޫނު މައްޗަށް ފާޑެއްގެ މަޑުމަޑު ކަޅުކުލައެއް އަރައިފިއެވެ.

ކޮންމެއަކަސް އަޅުގަނޑަށް މިކަން ޖެހުނީންސުރެ ފިރިމީހާ އަޅުގަނޑަށް ލޯބިން ބަލައިވެސް ނުލައެވެ. ފެނުނަސް އެނބުރެނީ އަނެއް ފަރާތަށެވެ. ވަރިނުކޮށް އެބަހައްޓަނީ އެގޮތަށް ކަންތައްތައް ކުރާތީ އަޅުގަނޑު ވަރިއަށް އެދުނީމާ ވަރިކުރަން ކަމަށްވެދާނެއެވެ.

އަޅުގަނޑުގެ ސުވާލަކީ ފިރިމީހާގެ ހިތުގައި އަޅުގަނޑަށް ހަމްދަރުދީ އުފެދޭތޯ ކުރެވޭނީ ކޮންކަމެއްތޯއެވެ؟ ސިޙުރަކަށް ނުވާނެ ކަމެއް ބުނެދެއްވުން އެދެމެވެ!"

ކިޔުންތެރިޔާއަށް ފުރަތަމަ ކަމަކަށް ދަންނަވާލަން ބޭނުންވަނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރާކަށް މިއަދުނޫހަކުން ނުބުނާނެއެވެ. ޚާއްޞަކޮށް އެކަމުގައި ޝިރުކުކުރުން ހިމެނިގެންދާ އެއްވެސް ކަމެއް ކުރާކަށްވެސް ނުބުނާނެއެވެ. އަބަދުވެސް ބުނާނީ ސިޙުރު ހިމެނޭ އެއްވެސް ކަމެއް ނުކުރުމަށެވެ. ފާލަ ނުބެލުމަށެވެ.

ކޮންމެއަކަސް ތިއަ ޙާލަތުގައި އޮތީ ހަމަ ދުޢާކުރުމެވެ. ފިރިމީހާގެ ހިތުގައި އޮތްނަމަ އޮތް ކަންބޮޑުވުމަކާއި ނަފްރަތެއް ފިލުވައިލަ ދެއްވެވުން އެދި ދުޢާކުރާށެވެ! އަދި މިލިޔުމުގައި މިވާ ވާހަކަވެސް ފިރިމީހާއަށް ޙިއްޞާކޮށްލާށެވެ! ފިރިމީހާގެ ހިތް ބަދަލުވެ ހަމަ އެދަރަޖަ ހޯދަން ޝައުޤުވެރިކަންވެސް އުފެދިދާނެއެވެ. އިން ޝާ ﷲ

މިރޭ މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަހަރެންފަދަ އުސްތާޛެއްކަމުގައިވާ ޝައިޚް ވައްހާޖް ޠަރިން ވިދާޅުވެދެއްވި ވާހަކައެކެވެ. އެހެންކަމުން މިކިޔައިދެނީ ޝައިޚް ވިދާޅުވި ގޮތަށެވެ.

ވާހަކަފެށުމުގެ ކުރިން އެންމެކަމެއް ފާހަގަކޮށްލާނަމެވެ. މިއަދު އަހަރެމެންގެ ތެރެއިން ގިނަބައަކު މިބަލަނީ ބައިވެރިޔާއަށް ބައްޔެއްޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އަވަހަށް އެމީހެއްގެ ކިބައިން ސަލާމަތްވުމަށެވެ. ބަސްތައް ބުނެއުޅެނީ އަނެކާއަށް ކޮށްފާނެ އަސަރަށް ބަލައިލުމެއްވެސް ނެތިއެވެ.

މިފަދަ ވިސްނުމުގެ މީހުންނަށް މިވާހަކައިން ވަރަށް ބޮޑު ޢިބްރަތެއް ލިބިގެންދާނެއެވެ. މިކިޔައިދެނީއެވެ. ރަނގަޅަށް އަޑުއަހާށެވެ!

އެއް ޙަދީޘްފުޅެއްގައި އޮންނަނީ މީސްތަކުންގެ ތެރެއިން އެންމެ މަތިވެރި މީހަކީ ކީރިތި ޤްރްއާން އުނގަންނައިދޭ މީހާ ކަމަށެވެ. އެހެންކަމުން އެ މަތިވެރިކަން ޙާޞިލުކުރެއްވުމަށްޓަކައި މެދުނުކެނޑި 40 އަހަރު ވަންދެން ކީރިތި ޤްރްއާން އުނގަންނަވައި ދެއްވެވި ބޭކަލުން އެބަތިއްބެވިއެވެ.

ދެވަނަ ޙަދީޘްފުޅުގައި އޮތީ އެންމެ މަތިވެރި މީހަކީ އެމީހާގެ އަނބިންނަށް އެންމެ ހެޔޮ މީހާ ކަމަށެވެ. އެހެންކަމުން މިކިޔައިދެނީ އެ މަތިވެރިކަން ޙާޞިލުކުރުމުގެ ބޭނުމުގައި އަނބިމީހާ މަރުވަންދެން ކަނު މީހަކަށް ހެދިގެން އުޅުއްވި ބޭކަލެއްގެ ވާހަކައެވެ.

ކައިވެނި ކުރައްވައިގެން ނުހަނު އުފަލުގައި އުޅުއްވަނިކޮށް އަނބިކަނބަލުންގެ ހަމުގައި ލައްތަކެއް ޖަހަން ފެށީއެވެ. އެކަން ފިރިކަލުންނަށް އަންގާކަށް އަނބި ކަނބަލުން ބޭނުމެއް ނުވިއެވެ. އެހެންކަމުން ފިރިކަލުންނާއި ބައްދަލުވެއްޖެނަމަ އަބަދުހެން އުޅެނީ ހަށިގަނޑުގެ ތަންތަން ފޮރުވޭތޯއެވެ.

މިކަން އެބޭކަލަކަށްވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އަނބިކަނބަލުން އެކަމާއި އެވަރަށް ދެރަވެގެން އުޅޭތީއެވެ. އެދެރަވުމުން އަނބި ކަނބަލުން ސަލާމަތް ކުރެއްވުމަށްޓަކައި ވިސްނަވަމުން ގެންދެވިއެވެ.

އެއް ދުވަހަކު މެންދުރު ގެއަށް ވަޑައިގެން ވިދާޅުވީ ކުއްލިއަކަށް ލޮލުގެ ފެނުން ގެއްލިއްޖެ ކަމަށެވެ. އެދުވަހުން ފެށިގެން އަނބިކަނބަލުން ނިޔާވަންދެން އުޅުއްވީ ކަނު ބޭކަލެއްގެ ގޮތުގައެވެ. އެންމެންނަށްވެސް ޤަބޫލުކުރެވިފައި އޮތީ ހަމަ ކަނުވީ ކަމަށެވެ.

އަނބިކަނބަލުން ނިޔާވުމުން ލޮލަށް ފެންނަ މީހަކު ފަދައިން އުޅުއްވަން ފެށްޓެވުމުން އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މިއީ ކިހިނެއް މެދުވެރިވި ކަމެއްތޯ މީސްތަކުން ސުވާލުކުރަން ފެށުމުން ވިދާޅުވިއެވެ.

"އަނބިމިހާއަށް ހަމުގެ ބައްޔެއް ޖެހުނީއެވެ. އެކަން އަހަރެންނަށް އެނގިދާނެތީ އޭނާ އަބަދު އުޅެނީ ދެރަވެގެންނެވެ. އޭނާ ދެރަވާތަން ދެކެން ބޭނުމެއް ނޫނެވެ. ބޭނުމީ އަބަދުވެސް އަނބި މީހާ ހިތްހަމަ ޖައްސއިދީފައި ބަހައްޓާށެވެ. އަހަރެން ކަނު މީހަކަށް ހެދުނީމާ އެބަލި އަހަރެންނަށް ފެނިދާނެތީ އެނާ ދެރައެއް ނުވާނެ ނޫން ހެއްޔެވެ؟ އެހެންވެ ކަނު މީހަކަށް ހެދިގެން އުޅުނީއެވެ."

ވިސްނައިލާށެވެ. މިހިރީ 2 ވަނަ ޙަދީޘްފުޅުގައިވާފަދަ އަނބިންނަށް އެންމެ ހެޔޮމީހަކަށްވެލެއްވުމަށް މާތް ބޭކަލުން އުފުއްލަވާފައިވާ ބޮޑެތި ތަކްލީފްތަކެވެ. އަހަރެމެންނަށް މިއަދު މިއުޅެވެނީ ކިހިނަކުން ހެއްޔެވެ؟ އަނބިންނަށް ހެޔޮކޮށް ހިތޭހެއްޔެވެ؟ ކުދިކުދި ކަންކަމާ ޚިޔާލު ތަފާތުވެ ދެމަފިރިން ވަރިވާއިރު ދަރިންނަށް މިދެވެނީ ކިހައިވަރެއްގެ ބޮޑު އަނިޔާއެއްކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ޙަދީޘްފުޅުގައިވާ އެންމެ މަތިވެރި މީހާއަށް ވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވަމުން މިދަނީ އެންމެ ބޮޑު އަނިޔާވެރިޔާއަށް ނޫން ހެއްޔެވެ؟

މިއީ އިޞްލާޙްކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން